ބޮލީވުޑް

ހަށިގަނޑު ރީތި ކުރަން އަނިލް ކަޕޫރް ދަނީ ދުވަން

ނުވަދިހައިގެ އަހަރުތަކާއި ޖެހެންދެން އަނިލް ކަޕޫރް ވަނީ އޭނާގެ މޮޅު އެކްޓާއެކު އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފަ އެވެ. މިހާރުވެސް ބައެއް ހިތްތަކުގައި އޭނާ ރަސްކަންކުރެ އެވެ. އެކަމަކު މިހާރު އޭނާ ޖާގައެއް ހޯދާފައި ވަނީ "ފިޓްނެސް ގޯލްސް" މީހެއްގެ ގޮތުގަ އެވެ.

މިހާރު 61 އަހަރު ވެފައިވާ އަނިލްގެ ހަށިގަނޑު ރީތިކޮށް ހުންނަ ވާހަކަ އަބަދުވެސް ދެކެވެ އެވެ. އުމުރުން އެހާ މަތިވިއިރު ވެސް އޭނާގެ ހަށިގަނޑު އެހާ ދުޅަހެޔޮކޮށް ހުންނަ ސަބަބުން ބެލުމަށް ގިނަ ބަޔަކު ބޭނުންވެސް ވެއެވެ.

އޭނާގެ ހަށިގަނޑު ސިއްރު މިހާރު ވަނީ ހާމާވެފަ އެވެ. ފިލްމުފެއާއިން ބުނެފައިވާ ގޮތުގައި ހަށިގަނޑު ދުޅެހެޔޮކޮށް ބެހެއްޓުމަށް އަނިލް ކޮންމެ ދުވަހަކު ހާއްސަ ކަމެއް ކުރެ އެވެ.

ކޮންމެ ދުވަހަކުވެސް ކެއުމުގެ 30 މިނެޓު ކުރިން އަނިލް ދަނީ ދުވާށެވެ. ކަނީ ދުވެ ނިންމާފައި އަންނަ ގޮތަށެވެ. ކެއުމަށްފަހު 30 މިނެޓުވަންދެން އޭނާ ހިންގަން ވެސް ދެއެވެ.

އަނިލް މިހާރު ތައްޔާރުވަނީ ގިނަ ދުވަސްތަކަށްފަހު އޭނާ ފެނިގެންދާ ފިލްމު "ރޭސް 3" ރީލީޒް ކުރަމަށެވެ. އެ ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ ހުކުރު ދުވަހު އެވެ.

ރެމޯ ޑި ސޫޒާ ޑައިރެކްޓުކުރާ މި ފިލްމުގައި ލީޑުން ފެނިގެންދަނީ ސަލްމާން ޚާން އާއި ޖެކޮލިން ފެނާންޑޭޒް އެވެ. މުހިންމު ރޯލުތަކުން ބޮބީ ޑިއޯލް، ޑެއިޒީ ޝާގް، ސާގިބް ސަލީމް އަދި ފްރެޑީ ދާރޫވާލާ ފެނިގެންދާނެ އެވެ.