އަންނަ އަންގާރަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބާއްވާ ތާރީހީ ސަމިޓަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން މިއަދު ސިންގަޕޫރަށް ވަޑައިގެންފި އެވެ. މިއީ ޒަމާނުއްސުރެ ހަތުރުވެރިކަން އޮންނަ މި ދެ ގައުމުގެ ވެރިން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.
ކޮރެއާ ސަރަހައްދުން ނިއުކުލިއާ ހަތިޔާރު ނައްތާލައި ސުލްހަވުމަށް ޓަކައި ޓްރަމްޕާ އާއި ކިމް ބާއްވަވާ ސަމިޓް އޮންނާނީ، މި މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގެ ސެންތޯޒާ އައިލެންޑްގެ ކަޕެއްލާ ހޮޓަލްގަ އެވެ. ކިމް ދަތުރު ކުރެއްވި އެއާ ޗައިނާގެ ފްލައިޓް ސިންގަޕޫރުގެ މައި އެއާޕޯޓް ޗާންގީ އެއާޕޯޓްގައި ޖައްސާފައި ވަނީ އެ ގައުމުގެ ގަނޑިން މިއަދު މެންދުރު 2:40 އެހާކަންހާއިރު އެވެ. މިއީ ކިމް ވެރިކަމަށް އިސްވި ފަހުން އޭނާ ވައިގެ މަގުން އެހެން ގައުމަކަށް ދަތުރު ކުރައްވާ ދެވަނަ ފަހަރެވެ.
ކިމްއާ އެކު ވަޑައިގަންނަވާ ބައެއް އޮފިޝަލުންނާއި ދަތުރުފުޅުގައި ކިމް ބޭނުން ކުރައްވާނެ ބައެއް ތަކެތި ހިފައިގެން މީގެ ކުރިން ސީދާ އިތުރުކޮރެއާއިން ސިންގަޕޫރަށް ދެ ފްލައިޓެއް އައިސްފައިވާ ކަމަށްވެ އެވެ.
ކިމް ދަތުރު ކުރެއްވި ފްލައިޓް ޖެއްސި ވަގުތާ ދިމާކޮށް ސިންގަޕޫރުގެ ވައިގެ ސަރަހައްދު އާންމު ފްލައިޓްތަކަށް ވަނީ ބަންދުކޮށްފަ އެވެ. އަދި ޗާންގީ އެއާޕޯޓަށް ދެވެން ހުރި މަގުތައް ފުލުހުން ބަންދުކޮށް މުޅި އެއާޕޯޓްގެ ސެކިއުރުޓީ ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. ސިންގަޕޫގެ ނޫސްތަކުން ބުނަނީ ކިމް މޮޓޯކޭޑްގައި މިހާރު އެއާޕޯޓުން ވަޑައިގެންފައިވާ ކަމަށެވެ. ސިންގަޕޫރުގެ ބޮޑު ވަޒީރާ މިއަދުގެ ވަގުތެއްގައި ކިމް ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފަ އެވެ. ކިމް ހުންނަވަނީ ސިންގަޕޫރުގެ ސެއިންޓް ރެޖިސް ހޮޓަލްގައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިފަ ވަނީ މިރޭގެ ވަގުތެއްގަ އެވެ. ޓްރަމްޕް ދަތުރު ކުރައްވާ އެއާފޯސް ވަން ޖެއްސުމަށް ހަމަޖެހިފައި ވަނީ، ސިންގަޕޫރުގެ އަސްކަރީ އެއާޕޯޓެއް ކަމަށްވާ، ޕަޔާ ލެބަރު އެއާބޭސްއަށެވެ. އަދި މާދަމާގެ ވަގުތެއްގައި ޓްރަމް ވެސް ސިންގަޕޫރު ބޮޑުވަޒީރާ ބައްދަލު ކުރައްވާނެ އެވެ.
އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުންގެ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށް ފަހު މީގެ ކުރިން ޓްރަމްޕް ވަނީ ސަމިޓް ކެންސަލް ކުރައްވަން ނިންމައިވައިފަ އެވެ. އެހެން ނަމަވެސް އުތުރު ކޮރެއާގެ ލީޑަރު ކިމްގެ އެދިލެއްވުމަށް ޓްރަމްޕް ފަހުން ވަނީ އޭނާގެ ނިންމުން ބަދަލު ކުރައްވައި ސަމިޓް ބާއްވަން ނިންމަވައިފަ އެވެ.
މި ސަމިޓަކީ ދުނިޔޭގެ ސުލްހަޔަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެ އެވެ. އަދި މި ސަމިޓާ ދިމާކޮށް ސިންގަޕޫރުން ވެސް އަންނަނީ ބޮޑެތި ތައްޔާރީތަކެއް ވަމުން އެވެ. އަދި އެ ތައްޔާރީތަކަށް ސިންގަޕޫރުން 20 މިލިއަން ޑޮލަރު ހަރަދު ކުރެ އެވެ.
ކިމްވަނީ ސަމިޓްގެ ކުރިން، ޒަމާނުއްސުރެ ހަތުރުވެރިކަން އޮންނަ ދެކުނު ކޮރެއާގެ ރައީސްއާ ބައްދަލު ކުރައްވައި ނިއުކުލިއާ ސަރަހައްދުން ސަލާމަތްވެފައިވާ ތަނަކަށް ކޮރެއާ ސަރަހައްދު ހެދުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. މިފަހުން ވެސް ކިމް ވަނީ ދެކުނު ކޮރެއާގެ ރައީސްއާ އަނެއްކާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެއްބަސްވެފައިވާ ގޮތަށް ކިމް ވަނީ އުތުރު ކޮރެއާގެ ނިއުކުލިއާ ޓެސްޓް ސައިޓް ވެސް ބައިނަލްއަގުވާމީ ނޫސްވެރިންގެ ހާޒިރުގައި ނައްތާލައިފަ އެވެ.