ކުޅިވަރު

ނަބީހާ އާއި ނަބާހާގެ ދެބެންނަށް ރިހި މެޑަލް

މޮރިޝަސްގައި މިހާރު ކުރިއަށްދާ މޮރިޝަސް އިންޓަނޭޝަނަލް މުބާރާތުގެ އަންހެން ޑަބަލްސް ފައިނަލުގައި ރާއްޖޭގެ ދެ ކުޅުންތެރިން ކަމަށްވާ އާމިނަތު ނަބީހާ އަބްދުރައްޒާގް އާއި ފާތިމަތު ނަބާހަ އަބްދުރައްޒާގްގެ މައްޗަށް ކާމިޔާބު ހޯދައި އިންޑިއާގެ ޑަބަލްސް ޕެއާ ރަން މެޑަލް ހޯދައިފި އެވެ.

ނަބީހާ އާއި ނަބާހާގެ ދެބެންނާ ދެކޮޅަށް ނިކުތީ އިންޑިއާގެ ދެ ކުޅުންތެރިން ކަމަށްވާ ސިމްރާން ސިންހް އާއި ރިތިކާ ތަކެރޫގެ ޕެއާ އެވެ. އެ ދެ ކުޅުންތެރިން މެޗު ކާމިޔާބު ކުރީ 21-17 އަދި 21-14 އިންނެވެ.

ނަބީހާ އާއި ނަބާހާގެ ޕެއާ ޑަބަލްސް ކެޓަގަރީ ފެށީ ވެސް ސެމީ ފައިނަލުންނެވެ. ސެމީ ފައިނަލު މެޗުގައި މޮރިޝަސްގެ ދެ ކުޅުންތެރިން ކަމަށްވާ ޖެމީމާ އާއި ގަނޭޝް މުންގަރާއާ ދެކޮޅަށް ކުޅެ ނަބީހާ އާއި ނަބާހާގެ ޕެއާ މެޗު ކާމިޔާބު ކުރީ ދެ ގޭމް އެއް ގޭމުންނެވެ.

މިކްސް ޑަބަލްސް ފައިނަލުގައި އާމިނަތު ޝަހްރުނާޒް މޫސާ އާއި ސާރިމް މުހައްމަދުގެ ޕެއާ ވާދަ ކުރާނެ އެވެ. ސެމީ ފައިނަލުގައި އެ ދެ ކުޅުންތެރިންނާ ވާދަ ކުރީ މޮރިޝަސްގެ ދެ ކުޅުންތެރިން ކަމަށްވާ ކާބިރު އާއި ގަނޭޝް އެވެ. ޝަހްރުނާޒް އާއި ސާރިމްގެ ޕެއާ ފައިނަލަށް ދަތުރު ކުރީ ސީދާ ދެ ގޭމުން މެޗު ކާމިޔާބު ކޮށްގެންނެވެ.

އިއްޔެ ކުޅުނު ސިންގަލްސް އިވެންޓްގެ ކްއާޓާ ފައިނަލުގައި ޝަހްރުނާޒް ވަނީ މޮރިޝަސްގެ އަރީލިއޭ އަތުން ދެ ގޭމުން ބަލިވެފަ އެވެ. އަރީލިއޭ މެޗު ކާމިޔާބު ކުރީ 21-12 އަދި 21-13 އިންނެވެ.