އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން-އުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ބާއްވަވަން އުޅުއްވާ ތާރީހީ ސަމިޓަށް ޓްރަމްޕް ސިންގަޕޫރަށް ވަޑައިގެންނެފިއެވެ.
ޓްރަމްޕް ސިންގަޕޫރަށް ދަތުރުކުރެއްވީ ކެނެޑާއިންނެވެ. އެއީ ކެނެޑާގައި އޮތް ޖީ7ފެ އިސް ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހުގައެވެ. ސިންގަޕޫރުގެ ޕާޔާ ލިބާރް އެއާބޭހަށް ޓްރަމްޕްގެ ރިޔާސީ މަތިންދާބޯޓު އެއާފޯސްް ވަން ޖެއްސީ ސިންގަޕޫރު ގަޑިން މިރޭ 8:21 ގައެވެ. އެއާބޭހުން ޓްރަމްޕަށް މަރުހަބާ ވިދާޅުވީ ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއަން ބާލަކްރިޝްނަންއެވެ.
މަތިންދާބޯޓުން ފައިބައި ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްްވަމުން ޓްރަމްޕް ވިދާޅުވީ ސަމިޓާ މެދު އޭނާ ދެކެވަޑަައިގަންނަވަނީ ރަނގަޅަށް ކަަމަށެވެ.
ޓްރަމްޕް ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ކުރިން އުތުރުކޮރެއާގެ ލީޑަރު ވަނީ އެގައުމަށް ވަޑައިގެންފައެވެ. އޭނާ ސިންގަޕޫރަށް ވަޑައިގެންނެވީ އެއާ ޗައިނާގެ ބޯއިން 737 މަރުކާގެ މަތިންދާބޯޓެއްގައެވެ. ކިމް ދަތުރު ކުރެއްވި މަތިންދާބޯޓު ސިންގަޕޫރުގެ މައި އެއާޕޯޓް ޗާންގީ އެއާޕޯޓްގައި ޖައްސާފައި ވަނީ އެ ގައުމުގެ ގަނޑިން މިއަދު މެންދުރު 2:40 އެހާކަންހާއިރު އެވެ.
ކިމް ދަތުރު ކުރެއްވި ފްލައިޓް ޖެއްސި ވަގުތާ ދިމާކޮށް ސިންގަޕޫރުގެ ވައިގެ ސަރަހައްދު އާންމު ފްލައިޓްތަކަށް ވަނީ ބަންދުކޮށްފަ އެވެ. އަދި ޗާންގީ އެއާޕޯޓަށް ދެވެން ހުރި މަގުތައް ފުލުހުން ބަންދުކޮށް މުޅި އެއާޕޯޓްގެ ސެކިއުރުޓީ ވަނީ ވަރަށް ވަރުގަދަކޮށްފަ އެވެ. ސިންގަޕޫގެ ނޫސްތަކުން ބުނަނީ ކިމް މޮޓޯކޭޑްގައި މިހާރު އެއާޕޯޓުން ވަޑައިގެންފައިވާ ކަމަށެވެ. ސިންގަޕޫރުގެ ބޮޑު ވަޒީރާ މިއަދުގެ ވަގުތެއްގައި ކިމް ބައްދަލު ކުރައްވަން ވަނީ ހަމަޖެހިފަ އެވެ. ކިމް ހުންނަވަނީ ސިންގަޕޫރުގެ ސެއިންޓް ރެޖިސް ހޮޓަލްގައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުންގެ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށް ފަހު މީގެ ކުރިން ޓްރަމްޕް ވަނީ ސަމިޓް ކެންސަލް ކުރައްވަން ނިންމައިވައިފަ އެވެ. އެހެން ނަމަވެސް އުތުރު ކޮރެއާގެ ލީޑަރު ކިމްގެ އެދިލެއްވުމަށް ޓްރަމްޕް ފަހުން ވަނީ އޭނާގެ ނިންމުން ބަދަލު ކުރައްވައި ސަމިޓް ބާއްވަން ނިންމަވައިފަ އެވެ.
މި ސަމިޓަކީ ދުނިޔޭގެ ސުލްހަޔަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެ އެވެ. އަދި މި ސަމިޓާ ދިމާކޮށް ސިންގަޕޫރުން ވެސް އަންނަނީ ބޮޑެތި ތައްޔާރީތަކެއް ވަމުން އެވެ. އަދި އެ ތައްޔާރީތަކަށް ސިންގަޕޫރުން 20 މިލިއަން ޑޮލަރު ހަރަދު ކުރެ އެވެ.
ކިމްވަނީ ސަމިޓްގެ ކުރިން، ޒަމާނުއްސުރެ ހަތުރުވެރިކަން އޮންނަ ދެކުނު ކޮރެއާގެ ރައީސްއާ ބައްދަލު ކުރައްވައި ނިއުކުލިއާ ސަރަހައްދުން ސަލާމަތްވެފައިވާ ތަނަކަށް ކޮރެއާ ސަރަހައްދު ހެދުމަށް އެއްބަސްވެ ވަޑައިގެންފަ އެވެ. މިފަހުން ވެސް ކިމް ވަނީ ދެކުނު ކޮރެއާގެ ރައީސްއާ އަނެއްކާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެއްބަސްވެފައިވާ ގޮތަށް ކިމް ވަނީ އުތުރު ކޮރެއާގެ ނިއުކުލިއާ ޓެސްޓް ސައިޓް ވެސް ބައިނަލްއަގުވާމީ ނޫސްވެރިންގެ ހާޒިރުގައި ނައްތާލައިފަ އެވެ.