ކުޅިވަރު

ސާރިމް އާއި ޝަހްރުނާޒަށްވެސް ރިހި މެޑަލް

މޮރިޝަސްގައި މިހާރު ކުރިއަށްދާ މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރަތުގެ މިކްސް ޑަބަލް އިވެންޓްގައި ރާއްޖޭގެ އާމިނަތު ޝަހުރުނާޒް މޫސާ އާއި ސާރިމް މުހައްމަދު ޕެއާގެ މައްޗަށް ކާމިޔާބު ހޯދައި މޮރިޝަސްގެ ދެ ޕެއާ ރަން މެޑަލް ހޯދައިފި އެވެ.

ފައިނަލުގައި ނާކާމިޔާބު ވުމުން ސާރިމް އާއި ޝަހްރުނާޒް އަށް ލިބުނީ ރިހި މެޑަލް އެވެ. ފައިނަލުގައި، އެ ދެ ޕެއާ ދެކޮޅަށް ވާދަ ކުރީ މޮރިޝަސްގެ ދެ ކުޅުންތެރިން ކަމަށްވާ ޖިއޯޖެސް ޖޫލިއަން ޕައުލް އާއި އައުރޭލިއޭ މާރީ އެވެ. އެ ދެ ކުޅުންތެރިން މެޗު ކާމިޔާބު ކުރީ 21-14 އަދި 21-6 ންނެވެ.

އަންހެން ޑަބަލްސް ކެޓަގަރީން ރާއްޖޭގެ އާމިނަތު ނަބީހާ އަބްދުރައްޒާގް އާއި ފާތިމަތު ނަބާހަ އަބްދުރައްޒާގްގެ ޕެއާއަށްވެސް ލިބުނީ ރިހި މެޑަލް އެވެ. އެ ދެ ކުޅުންތެރިން ބަލި ކުރުމަށް ފަހު އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ޑަބަލްސް ޕެއާ ސިމްރާން ސިންހް އާއި ރިތިކާ ތަކެރޫ އެވެ. އެ ޕެއާ މެޗު ކާމިޔަބު ކުރީ ސީދާ ދެ ގޭމުންނެވެ.

ފިރިހެން ޑަބަލްސްގައި ރާއްޖޭގެ މުހައްމަދު އަޖުފާން އާއި ތޯއިފް އަހްމަދުގެ ޕެއާ ވަނީ، ބްރޯންޒް މެޑަލް ހޯދާފަ އެވެ. މިކްސް ޑަބަލްސްގައި ތޯއިފް އާއި ނަބީހާގެ ޕެއާވެސް ވަނީ ބްރޯންޒް މެޑަލް ހޯދާފަ އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ، އޮސްޓްރިއާގެ ޑެނިއަލް ގްރަސްމުކް ރޯމަން ޒަރިންވަލްޑްގެ ޕެއާ އެވެ. ސެމީ ފައިނަލުގައި އަޖުފާން އާއި ތޯއިފް ބަލި ކުރި މެލޭޝިއާގެ ޕެއާ ޔުންގް ޗައި އާއި ކައިވުންޓީގެ މައްޗަށް ފައިނަލުގައި އޮސްޓްރިއާގެ ޕެއާ ކާމިޔާބު ކުރީ 21-16 އަދި 21-14 އިންނެވެ.

މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ މެލޭޝިއާގެ ކުޅުންތެރިންނެވެ. ފިރިހެން ސިންގަލްސް މެޗު ކާމިޔާބު ކުރީ ގިއަޕް ޗިން ގޯހް އެވެ. މިޔަންމާގެ އަންގުމޮޯއާ ދެކޮޅަށް ޗިންގޯހް މެޗު ކާމިޔާބު ކުރީ 21-15 އަދި 21-12 އިންނެވެ. އަންހެން ސިންގަލްސް ފައިނަލުގައި އޮސްޓްރިއާގެ ކެޓްރީނާ ޓޮމަލޯވާގެ މައްޗަށް މެލޭޝިއާގެ ލެޓްޝާނާ ކަރުޕަތެވަން ކާމިޔާބު ހޯދީ 21-15 އަދި 21-10 ންނެވެ.