ރިޕޯޓް

ހައިމާކު، އޯމޯ، އަލްޓިކޯ: ބްރޭންޑުތައް "އަމިއްލަ" ކޮށްލަން ދިވެހިން މޮޅު!

ދިވެހި ބަހަށް ދިވެހިން ބީރަށްޓެހިވާން ފެށިތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ބަސްކޮށާރު "ފަގީރު" ނޫނީ "ތިލަ" ބަހެއް ގޮތުގައި މިޒަމާނުގެ ކުދިން ސިފަކޮށް، ދިވެހި ބަސް ބޭނުންކުރަން އުނދަގުލަކަށްވެފައިވާ ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ. ސްކޫލް ދައުރުގައި ވެސް މަޖުބޫރު މާއްދާއަކަށްވީތީ، ފޫހިވެގެން ކުސްތަޅަމުން ނަމަވެސް ކިޔަވަނީ އެވެ. މިހާރު މައިންބަފައިންނަށް ވެސް ދިވެހިން ކިރިޔާ ފާސްވެލަނިކޮށް ނިމުނީ އެވެ.

ފަހަކަށް އައިސް، ގިނަ މީހުންނަށް ރަގަޅަށް ދިވެހިން ވާހަކަ ވެސް ދައްކަން ނޭނގެއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ހާއްސަކޮށް މިހާރު ގިނަ ގޭގޭގައި ދިވެހިން ވާހަކަ ދެއްކުންވެސް ކުޑަކުދިންނަށް އޮންނަނީ މަނާކޮށްފަ އެވެ. ނަތީޖާއަކީ، މި ޖީލުގެ ޒުވާން ކުދިންނަށް އެއް ޖުމްލަ ވެސް، އިނގިރޭސި ބަހެއް ނުލާ ދިވެހި ބަހުން ފުރިހަމަކޮށެއްނުލެވެ އެވެ. ދިވެހި ބަހާއި އިނގިރޭސި ބަސް މަސްހުނިވެ، ސާފު ދިވެހި ބަހުން ޝުއޫރު ފާޅުކުރަން އުނދަގޫވެ، ގިނަ މީހުންގެ މަލާމަތް ރައްދުވާ ފަހަރުވެސް މަދެއްނޫނެވެ.

ނަމަވެސް މިކަމުގައި ހަމައެކަނި މި ޒުވާން ޖީލަށް އިނގިލި ދިއްކޮށް ފާޑުކިޔާ މަލާމާތް ކުރެވޭކަށް ނެތެވެ. އެއީ، އިނގިރޭސި އާއެކު ބޭރު ބަސްތަކުގެ އެކި ލަފްޒުތައް ދިވެހި ބަހާއި އެކުވެ، ދިވެހި ބަސްކޮށާރު ތެރެއަށް ވަރަށް އާދަޔާހިލާފު ލަފްޒުތައް ތިމާގެކޮށް، އަމިއްލަ ކުރަން ފެށިތާ އެތަކެއް ޒަމާނެއް ވެއްޖެ އެވެ.

ކޯރާޑި ތެޔޮ

ހުން ގަނޑެއް ވިޔަސް، ރޯގާ މޮޅަސް، އުނަގަނޑަށް ތަދެއް އެރިޔަސް، "ކޯރާޑި ތެޔޮ" އަކީ ހުރިހާ ބައްޔަކަށް ހެޔޮވަރު ޝިފާ އެވެ. ދިވެހިންގެ މެދުގައި މަގުބޫލުކަމާއި، މައިންބަފައިންގެ އިތުބާރު ހޯދާފައިވާ މި ޖާދުލެއް ފަދަ މޮޅު ތެލަކީ ހަގީގަތުގައި "އެކްސް އޮއިލް" ގެ ސީދާ ދިވެހި ތަރުޖަމާއެކެވެ.

ފުޅީގެ ބޭރުގައި ބޮޑު އަކުރުން އެހެން ޖަހާފައި އިންނަ އިރު، މިކަމަކީ ގިނަ ދިވެހިންނަށް ތިލަވެފައިވާ ހަގީގަތެއް ކަމަށް އުންމީދު ކުރަމެވެ.

ހައިމާކު

އެކްސްކެވޭޓަރަށް ދިވެހި ބަހުން ކިޔަނީ "ހައިމާކު" ކަމަށް ގަބޫލުކުރާ ދިވެހިން މިހާރު ވެސް މަދެއް ނުވާނެ އެވެ. ނަމަވެސް، "ހައިމާކު" އަކީ 1946 ގައި އިނގިރޭސި ވިލާތުގައި އުފެދުނު "ހައިމެކް" ކުންފުންޏަށް ކިޔާ ނަމެވެ. މިހާރު ވެސް ބޮޑެތި އުޅަނދުތަކާއި މެޝިންތައް އުފައްދަމުން ގެންދާ ކުންފުނީގެ އެކްސްކެވޭޓަރަކީ ފުރަތަމަ ރާއްޖެ ގެނައި އެކްސްކެވޭޓަރެވެ. އެ އުޅަނދުގެ އަރިމަތީގަ އާއި ފަހަތުގައި ބިޔަ އަކުރުން "ހައިމެކް" ޖަހާފައި އިންނާތީ، އެކްސްކެވޭޓަރަށް "ހައިމާކު" އޭ ކިޔާ ދިވެހިކޮށްލީ އެވެ.

އޯމޯ

ދިވެހިންނަށް "އޯމޯ" އަކީ ދޮންނަ ކުނޑި އެވެ. އެކަމުގައި ސުވާލު ކުރާނެ ޖާގައެއް ވެސް ނުވަތަ މީހަކު ވެސް އޭރަކު ނެތެވެ. ޒަމާންތަކެއް ކުރިން ރާއްޖޭގައި ބޭނުންކުރީ ހަމައެކަނި "އޯމޯ" ބްރޭންޑްގެ ދޮންނަ ކުނޑިކަން ގިނަ ދިވެހިންނަށް ރޭކާލީ، ދާދި ފަހުން ފިހާރަތަކުން "އޯމޯ" ޕެކެޓުތައް އަނެއްކާވެސް ފެންނަން ފެށީމަ އެވެ. ދިވެހިންގެ ހިތްތައް އަނެއްކާވެސް ފަތަހަ ކުރަން "އޯމޯ އިސް ބެކް".

ކޯލާވާޓަރު

މި ބަސް ވަނީ ރަދީފުން ވެސް ޖާގަ ހޯދާފަ އެވެ. "ހުވަނދު އެޅި ބަނގު އާތްވެއް" ކަމަށް ބުނާއިރު، މި ބަހުގެ އަސްލާއި ބެހޭ ގޮތުން ކުޑަކޮށް ސުވާލު އުފެދެ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި، "ކޯލާވޯޓަރު" އަކީ ހަގީގަތުގައި މީގެ 25 އަހަރު ކުރިން މަޝްހޫރު ސެންޓު ކުންފުނި ޑޭވިޑޮފް އިން އުފެއްދި "ކޫލް ވޯޓާ" އިން އަމިއްލަ ކޮށްލި ބަހެކެވެ.

އަލްޓިކޯ

ކޮންމެ ފަދަ ބާވަތެއްގެ އެއްޗެއް ހަލާކުވިޔަސް "އަލްޓިކޯ" އިން ހަދާ ނުލެވޭނެ އެއްޗެއް މަދުވާނެ ކަމަށް ދިވެހިން ގަބޫލުކުރި ޒަމާން އަދިވެސް މާޒިވެ ދިޔަ ހެނެއް ހިޔެއް ނުވެ އެވެ. ފައިވާނުގެ ވަދުން ފެށިގެން، ކަބަޑުތަކުގެ އަތްގަނޑުތަކާއި، އައިނުގެ ދުނިގަނޑު ވިޔަސް "އަލްޓިކޯ" އަޅާލީމާ ބަރާބަރު ވާނެ އެވެ. މި ތެރަސް ބޭނުންކުރާ ކޮންމެ ފަހަރަކު އިނގިލި ކޮޅު ތަތްލައިގެން، ނުނެއްޓިގެން އެތަކެއް ތަކުލީފެއް އުފުލާން ޖެހުނަސް ވަރިހަމަ އެވެ. މި ފަދަ ބާރުގަދަ ތެރަހުގެ ދިވެހި ނަން ވެސް މިވަނީ، ތެރަސް އުފެއްދި ޖަޕާނުގެ "އަލްޓެކޯ" ކުންފުންޏަށް ކުޑަ ބަދަލަކާއެކު ހަދިޔާކޮށްފަ އެވެ.

ރެޑް ލީފް ނޫނީ ބައިރޯ

ދެކުނުގެ އަތޮޅުތަކުގައި ދެލި ނުފޭދޭ ގަލަމަށް ކިޔާނީ އޭރު ރާއްޖެ އެތެރެ ކޮށްގެން ބޭނުންކުރި "ބައިރޯ" އެވެ. "ބައިރޯ" އަކީ ވެސް ދުނިޔޭގެ އެންމެ ފުރަތަމަ ބޯލް ޕޮއިންޓް ބްރޭންޑުގެ އިތުރުން ބޯލް ޕޮއިންޓް އުފެއްދި މީހާގެ ނަން ވެސްމެ އެވެ. ދިވެހި ރަދީފުން ވެސް ޖާގަ ހޯދާފައިވާ "ބައިރޯ"، ބޯލް ޕޮއިންޓު ގަލަމަށް ބޭރު ގައުމުތަކުގައި ވެސް ކިޔާ އުޅެ އެވެ. އެހެން ކަމުން މި ބަސް ދިވެހި ކުރުމުގައި މާ ބޮޑު ގޯހެއް ނެތްތާ އެވެ.

ނަމަވެސް މީގެ 20 ވަރަކަށް އަހަރު ކުރިން، ހާއްސަކޮށް މާލޭގައި ކިޔެވި ކޮންމެ ދަރިވަރެއް އަތުގައި ގެންގުޅު "ރެޑް ލީފް" ބްރޭންޑުގެ ގަލަން ވެގެން ދިޔައީ، ދެލި ނުފޭދޭ ގަލަމުގެ އައިޑެންޓިޓީ އަށެވެ. އެހެން ބޯލް ޕޮއިންޓް ބްރޭންޑްތައް އައިސް، އަތްތަކުން "ރެޑް ލީފް" ފެނުން މަޑު މަޑުން މަދުވެގެން ދިޔައިރުވެސް، "ރެޑް ލީފް" ވައްތަރުގެ ގަލަމެކޭ ބުނެ ދެލި ނުފޭދޭ، ބޯލް ޕޮއިންޓް ސިފަކުރަން ދިވެހިން "ރެޑް ލީފް" ބޭނުން ކުރި އެވެ. އަދިވެސް ކުރޭ ތޯއްޗެކެވެ.

ޑޮންޑޮން

ދިވެހި އުފެއްދުމެއް ކަމުގައިވާ ފިނި ބުއިމުގެ އަސްލު ނަމަކީ "ތްރީ ޗޮއިސް" ކަމުގައި ވިޔަސް އާންމުން ދަންނަނީ "ޑޮންޑޮން" އެވެ. އެއް ޒަމާނެއްގައި ކޮންމެ ފިޒީ ބުއިމަކީ ދިވެހިންނަށް "ޑޮންޑޮން" އެވެ. މުޅި ދުނިޔެއަށް މަޝްހޫރު "ކޮކާ ކޯލާ" ވެސް އޭރު ދިވެހިންނަށް އެއީ "ޑޮންޑޮން" އެވެ. "ބައެއް ކަހަލަ މޭވާގެ އަރަގު ކެމިކަލްތަކާ އެއްކޮށް ނުބައި ނުވާގޮތަށް ތައްޔާރުކޮށް ވަޔާއެކު ފުޅިފުޅިޔަށް އަޅައި ބަންދުކޮށްފައި ހުންނަ ބުއިމެއް" ކަމަށް ރަދީފުގައި ވެސް "ޑޮންޑޮން" ވަނީ ހިމެނިފަ އެވެ.

އެކަމަކު ކިތަންމެ ދިވެހި ވަންތަ ނަމަވެސް، "ޑޮންޑޮން" މި ލަފްޒަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބޭރުން ގެނައި އެސެންސެއްގައި ޖަހާފައި އޮތް "ޑޮމްޑޮމް" އިން ކިޔަން ފެށުނު ނަމެއް ކަން އެނގެނީ ކިތައް ދިވެހިންނަށް ބާ އެވެ.

ބްރޭންޑު ނޫނަސް އާދަޔާ ހިލާފު ބައެއް ދިވެހި ބަސްތައް!

ބޭރުގެ ބޮޑެތި ބްރޭންޑުތައް ނޫނަސް، ބޭރު ބައެއް ބަސްތައް ދުލަށް ފަސޭހަކޮށް ފަރުމާކޮށްލައިގެން ދިވެހި ބަހަކަށް ބަދަލުކޮށްލުމުގައި ދިވެހިން ވަރަށް ކުޅަދާނަ އެވެ.

  • މަނަވަރު: މީގެ އެތަކެއް ގަރުނެއް ކުރިން، އިނގިރޭސި ކަނޑުގެ ސިފައިން ހަނގުރާމަމަތީ ބޮޑެތި ކަނޑުގެ އުޅަނދުތައް ސިފަކުރަން ބޭނުންކުރި "މޭން އޮފް ވޯ" އިން ދަމައިގަތް ބަހެކެވެ.
  • ގޮނގުރެޓު: މިއީ ވަރަށް ބޮޑަށް ދިވެހި ކޮށްލާފައިވާ "ކޮންކްރީޓް" ކަން މިހާރު ގިނަ ދިވެހިންނަށް އެނގެ އެވެ.
  • ބިޓު: ހިތާވެގެން އުޅޭ އަންހެން ނުވަތަ ފިރިހެން ކުއްޖާ އަށް ނިސްބަތްކޮށް މިހާރު އާންމުކޮށް ބޭނުންކުރެވޭ މި ލަފްޒަކީ އަސްލު އިނގިރޭސި ބަހުން "ބިޓް" އެވެ. ނުރަސްމީކޮށް، ޒުވާން އަންހެން ކުއްޖަކު ސިފަ ކުރަން ބޭނުންކުރާ ބަހެކެވެ.
  • ތިނަރު: މިއީ ހަމަ އިނގިރޭސި ބަހުން ފާލީހާއި ދަވާދު ފަދަތަކެތި ދިޔާކުރަން އަޅާ "ތިނާ" ދިވެހި ކޮށްލާފަ އެވެ.

ބޭރު ބަސް ބަހުގައި، އާންމުކޮށް މީހުން އަމިއްލައަށް ބޭނުންކުރާ ބަސްތަކާއި ޒާމާނީ ގޮތުން އުފެދޭ ލަފްޒުތައް ވެސް، ރަދީފުގައި ހިމެނުމަކީ އެފަދަ ބަސްތައް މުއްސަނދިވުމުގެ ސިއްރު ކަމުގައި ވެދާނެ އެެވެ. ފަހަރުގައި ދިވެހި ބަސް ބޭނުން ކުރަން ފަހަކަށް އައިސް ފޫހިވަނީ ދިވެހިންގެ ދުލަށް ފަރިތަ، ދޫ ދަންނަ ބަސްތަކަކީ "ރަސްމީ" ދިވެހި ބަހުގެ ގޮތުގައި ބަލައި ނުގަންނާތީ ކަމަށް ވެދާނެ އެވެ. އޭގެ ބަދަލުގައި، ކޮންމެ ކަމަކަށް، ނުވަތަ ކޮންމެ އެއްޗަކަށް މާ މޮޅު އާ ބަހެއް އުފައްދައިގެން ދިވެހި ބަހުގެ "ބޭފުޅުކަން" ބޮޑުވެގެން ގޮސް، ދިވެހި ބަސް މިވަނީ ދިވެހި ދޫތަކާއި ދުރަށް ޖެހިފަ އެވެ.