ބޮލީވުޑް

ކްރިތީއަށް "ހައުސްފުލް 4"އިން ފުރުސަތު ލިބިއްޖެ

ބޮލީވުޑް ފިލްމު ފްރެންޗައިޒް "ހައުސްފުލް" ގެ ހަތަރު ވަނަ ފިލްމުގެ ކާސްޓަށް އަރަމުން އަންނަ ބަތަލާ ކްރިތީ ޝެނޮން އިތުރުކޮށްފި އެވެ.

ކްރިތީ ބޮލީވުޑަށް ތައާރަފުވީ ސާޖިދް ނަޑިއާޑްވާލާގެ ފިލްމު "ހީރޯޕަތީ" އިންނެވެ. "ހައުސްފުލް 4" ވެސް ޕްރޮޑިއުސްކުރަނީ ސާޖިދް އެވެ.

މި ފިލްމަށް ކްރިތީ ނެގިކަން ހާމަކުރީ ސާޖިދްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ނަޑިއާޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓް" އިން ކުރި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައި ކްރިތީއަށް ވަނީ ހައުސްފުލްއަށް މަރުހަބާ ކިޔާފަ އެވެ.

"ނަޑިއާޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓް" އިން ކުރި ޓުވީޓް.

ޓުވީޓަށް ދިން ޖަވާބުގައި ކްރިތީ ބުނީ، "އަހަންނަށް ކީ ހޫނު މަރުހަބާއަށް ޝުކުރު އަދާކުރަން! ހައުސްފުލް 4 އަކީ ވަރަށް ސަޅި ދަތުރަކަށްވާނެ ކަމަށް އުންމީދުކުރަން!" ކަމަށެވެ.

ކްރިތީ ކުރި ޓުވީޓް.

އަންނަ އަހަރު އޮކްޓޯބަރު 23 ގައި ރިލީޒްކުރަން ނިންމާފައިވާ މި ފިލްމުގެ ފުރަތަމަ ޝުޓިން އޮންނާނީ ރާޖަސްތާނުގަ އެވެ. ލަންޑަންގައިވެސް މި ފިލްމު ޝޫޓުކުރުމަށް ވަނީ ނިންމާފަ އެވެ.

މި ފިލްމު ކާސްޓުގައި މުހިންމު ރޯލުތަކުން ފެނިގެންދާނީ ކުރިންވެސް މި ފްރެންޗައިޒްގެ ފިލްމުތަކުން ފެނިގެންދިޔަ ބައެއް ތަރިން ކަމަށްވާ އަކްޝޭ ކުމާރް، ރިތޭޝް ދޭޝްމުކް، ބޯމަން އިރާނީ އަދި ޗަންކީ ޕާންޑޭ އެވެ.

ކްރިތީ މިހާރު މަސައްކަތްކުރަމުން އަންނަނީ ރޯހިތް ޖުގްރާޖް ފިލްމު "އަރްޖުން ޕަޓިއާލާ" ގަ އެވެ. އަޝުތޯޝް ގޯވަރިކާގެ ފިލްމު "ޕާނީޕަތު" ކުޅުމަށްވެސް އޭނާ ވަނީ އެއްބަސްވެފަ އެވެ.