ހޮލީވުޑް

ސްޕީލްބާގްގެ އާ ފިލްމުގައި ޓޮމް ހޭންކްސް

ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގްގެ ފޭނެއް ހެއްޔެވެ؟ އެކްޓަރު ޓޮމް ހޭންކްސްގެ ފޭނެއްތޯ އެވެ. އަދި "ސޭވިން ޕްރައިވެޓް ރަޔާން" ގެ ފޭނެއްތޯ އެވެ.

އެހެން ކަމުގައި ވަނީ ނަމަ ސްޕީލްބާގްގެ އާ ފިލްމަށް އިންތިޒާރުކުރުމަކުން މައްސަލައެއް ނެތެވެ. މި ފިލްމަށް ނަމެއް ދީފައި ނެތަސް މި ފިލްމަކީ ސްޕީލްބާގާއި ޓޮމް ހޭންކްސްގެ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް އެންމެ ކަމުދާ ސިފަ ޖެހިފައިވާ ފިލްމެއްކަން ޔަގީނެވެ.

ޔަގީނަށް ވެސް "ސޭވިން ޕްރައިވެޓް ރަޔާން" އަކީ ސްޕީލްބާގް އާއި ހޭންކްސްގެ ފިލްމުތަކުގެ ތެރެއިން ގިނަ ބައެއްފެ ފެވަރިޓެވެ.

ދެ މީހުންގެ އާ ފިލްމަކީ ވެސް އެ ފިލްމާ އެއްގޮތް ސިފަތަކެއް ޖެހިފައިވާ ހަނގުރާމަ މަތީ ފިލްމެކެވެ. ފިލްމުގެ ސެޓުން އާ ފޮޓޯއެއް އާންމުކޮށްފައިވާއިރު އެ ފޮޓޯ އެކަނި ވެސް އެކަމަށް ހެކިވެ އެވެ.

ފެންނަ ފެނުމަށް ހީވަނީ އެއީ ހަމަ "ސޭވިން ޕްރައިވެޓް ރަޔާން" ގެ ސެޓުން ނަގާފައިވާ މަންޒަރެއް ހެންނެވެ. ނަމަވެސް މިފަހަރުގެ ފިލްމަކީ ފިނި ހަނގުރާމައިގެ ވާހަކަތަކެއް ކިޔައިދޭ ފިލްމެކެވެ.

މި ދެ މީހުންގެ އާ ފިލްމަށް ޝައުގުވެރިވާން ޖެހޭ އަނެއް ސަބަބަކީ މި ފިލްމަށް ސްކްރިޕްޓް ތައްޔާރުކޮށްފައިވާ ފަރާތްތަކާ ހެދި އެވެ. ސްޕީލްބާގްގެ މި ފިލްމަށް ސްކްރިޕް ލިޔެފައި ވަނީ ހޮލީވުޑުން މި ވަގުތު ނެގެން ތިބި އެންމެ ކުޅަދާނަ ދެ ރައިޓަރުން ކަމަށްވާ އީތަން އާއި ޖޮއެލް ކޮއެން އެވެ.

އެހެންވީމަ އޮސްކާ ހާސިލުކޮށްފައިވާ އިތުރު ދެ މީހަކު މި ފިލްމުގެ މެއިން ކްރެޑިޓް ލިސްޓަށް އެރީ އެވެ. ސްޕީލްބާގާއި ހޭންކްސް އަކީ ވެސް މި ފަންނުގައި އޮސްކާ ހާސިލުކޮށްފައިވާ ފަރާތްތަކެވެ.

ފިލްމު ހާއްސަވާ އަނެއް ސަބަބަކީ މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާ ފިލްމަކަށް ވުމެވެ. އެމެރިކާ އާއި ރަޝިއާގެ ފިނި ހަނގުރާމައިގެ ދުވަސްވަރު ރިޝިއާ އަތްދަށުވި އެމެރިކާގެ ސީއައިއޭގެ ސިއްރު އޭޖެންޓެއްގެ ވާހަކަ އެވެ.

ސްޕީލްބާގްގެ މި ފިލްމު ސިނަމާތަކަށް ނުކުންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.