ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރާ މީހުންގެ އަތުން ނަގާ ފީ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުން މި އަހަރުގެ މިހާތަނަށް 292 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން އާއްމު ކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އޭޑީއެފްގެ ގޮތު ޑޮލަރުން ލިބިފައިވަނީ 3.7 މިލިއަން ޑޮލަރެވެ. އަދި އޭޑީއެފްގެ ގޮތުގައި މިދިޔަ މަހު ލިބުނީ 57 މިލިއަން ރުފިޔާ އެވެ.
އޭއެސްސީގެ ގާނޫނާއި "އޭޑީއެފްގެ ބިލް" ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވީ 2016 ޑިސެމްބަރު މަހު އެވެ.
އޭޑީއެފްއަކީ ވީއައިއޭ ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ކުރިއަށް ގެންދާ ބޮޑު ބިޔަ މަޝްރޫރުތަކަށް ނަގާ ލޯނު އަނބުރާ ދެއްކުމަށް އުފައްދާ ސޮވަރިން ޑިވްލޮޕްމަންޓް ފަންޑަށް ޖަމާ ކުރުމާ ފައިސާ އެވެ. މި ފީ ނަގަނީ ބޭރު މީހުންގެ އަތުން 25 ޑޮލަރު އަދި ދިވެހިންގެ އަތުން 12 ޑޮލަރެވެ.
ވެލާނާ އިންޓަނޭޝަނަލް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަކީ ގިނަ ދާއިރާތަކަކުން ލޯނު ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ކުރާނެ އެވެ. މި މަޝްރޫއުތަކުގެ ބޮޑުބައެއް މި އަހަރު ނިންމޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.