ބޮލީވުޑް

ކަންގަނާ ދެން ކުޅޭނީ "ކަބައްޑީ" ފިލްމެއް

ދަ ކްއީން އޮފް ޖާންސީގެ ގޮތުގައި މަޝްހޫރުވެފައިވާ ބަތަލާ ކަންގަނާ ރަނާއުތު މިހާރު އަވަދިނެތި އުޅެމުން އަންނަނީ ފިލްމު "މެންޓަލް ހޭ ކިޔާ" ގެ ޝޫޓިންގަ އެވެ. އެ ފިލްމުގައި އަނެއްކާވެސް ކަންގަނާ ފެނިގެންދަނީ ރާޖްކުމާރް ރާއޯ އާއެކުގަ އެވެ.

އެ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ނިންމާއި، އެހެން ފިލްމެއްގެ މަސައްކަތަށް އޭނާ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ހިންދުސްތާން ޓައިމްސުން ރިޕޯޓުކުރި ގޮތުގައި ކަންގަނާ ދެން ކުޅޭނީ އަޝްވިނީ އައްޔަރު ތިވާރީ ޑައިރެކްޓުކުރާ ފިލްމަކުންނެވެ. އެ ފިލްމުގައި ކަންގަނާ ކުޅޭނީ "ކަބައްޑީ" ކުޅޭ މީހެއްގެ ރޯލެވެ.

"ކަންގަނާ 'މެންޓަލް ހޭ ކިޔާ'ގެ ޝޫޓިން ނިމޭނެ ޖުލައި 11 ގައި. އެއަށްފަހު އޭނާ ދާނީ މުމްބާއީއަށް. މުމްބާއީގައި އޭނާގެ އަނެއް ފިލްމު 'މަނިކަރްނީކާ'ގެ ކުޑަ މަސައްކަތެއްކޮށްފައި، އިޝްތިހާރެއްވެސް ކުޅެފައި މި އާ ފިލްމުގެ މަސައްކަތައް ދާނީ." މައުލޫމާތު ދިން ފަރާތާއި ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ބުނެފައިވެ އެވެ.

"ނީލް ބައްޓީ ސެންޓަނާ" އާއި "ބަރްލޭކީ ބަރްފީ" ފަދަ ފިލްމުތައް ޑައިރެކްޓުކޮށްފައިވާ އަޝްވިނީ މިހާރު ތައްޔާރުވަމުން އަންނަނީ މި ފިލްމަށް ކަންގަނާ ތައްޔާރުކުރުމަށް ބޭނުންވާ ކޯޗުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ. ކަންގަނާ ޓްރެއިނުކުރުމަށް އިންޑިއާގައި ގައުމީ ފެންވަރުގައި "ކަބައްޑީ" ކުޅޭ މީހުން ހޯދަމުންދާކަމަށް ބުނެފައިވެ އެވެ.