ބޮލީވުޑް

"މިއަދު އެންމެ ހަނދާންވަނީ މަންމަގެ މަތިން"

މި އަހަރު ދުނިޔެ ދޫކުރި ބޮލީވުޑް ސުޕަސްޓާ ބަތަލާ ސްރީދޭވީ ދޮށީ ދަރިފުޅު، ޖާންވީ ކަޕޫރްގެ ފުރަތަމަ ފިލްމު "ދަޅަކް" ގެ ޓްރެއިލާ އިއްޔެ ވަނީ އާންމު ކޮށްފަ އެވެ. މަންމައެކޭ އެއްގޮތަށް ބޮޑު ސްކްރީނުން އެންމެންގެ ލޯބި ހޯދުމަށް އޭނާ މިހާރު ތައްޔާރުވީ އެވެ. މި ފިލްމު ރިލީޒް ކުރަނީ އަންނަ މަހު 20 ގަ އެވެ.

ޓްރެއިލާ ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ޖާންވީ ބުނީ މިއަދު އޭނާ އެންމެ ހަނދާން ވަނީ މަންމަގެ މަތިން ކަމަށެވެ. ފިލްމުގެ ޝޫޓިންނަށް ކެމެރާގެ ކުރި މައްޗަށް ދިޔަ ފުރަތަމަ ދުވަހުގެ އިހްސާސްތައް އޭނާ ވަނީ މީޑިއާއާއި ހިއްސާކޮށްފަ އެވެ. އެ ދުވަހު އޭނާ ޝޫޓިންއަށް ދިޔައީ މަންމައާއެކު އެވެ.

"ފުރަތަމަ ދުވަހު ވަރަށް މަޖާ. އެ ދުވަހު އެހާ ހާހެއް ވެސް ނުވޭ. ޑައިރެކްޓަރު ޝަޝަންކު ހުރީ އަހަރެމެން ދެމައިންނަށް ވަރަށް ހަމަޖެހިލައިގެން ތިބެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސާދީފައި. ކެމެރާ ކުރި މައްޗަށް އަރަން ވަރަށް ބޭނުންވެފައި ހުރީ. އެ ރޭގައި އެއްކޮށް ނުވެސް ނިދަން." ޖާންވީ ބުންޏެވެ.

މި ދާއިރާއިން ކުރިއަށް ދިއުމަށް މަންމަގެ ފަރާތުން ލިބުނު އެންމެ ރަނގަޅު ނަސޭހަތީ ކޮބާތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޖާންވީ ބުނީ، "މަންމަ ދިން އެންމެ ބޮޑު ނަސޭހަތަކީ ގަދަ އަޅައި މަސައްކަތް ކުރަން. އެ ކުރާކަމެއް ކުރާހިތުން ކުރަން. އެކަން ކުރަން މި މަސައްކަތް ކުރަނީ،" ކަމަށެވެ.

ސްރީދޭވީގެ ލެގަސީ ހިފެހެއްޓުން މިހާރު އޮތީ ޖާންވީގެ އަތްމަތީގަ އެވެ. މަންމާއި އެއް ހިސާބަކަށް ދިއުމަށް އޭނާ ފެށި ދަތުރުގެ ފުރަތަމަ މަންޒަލިކަށް ވާނީ މި ފިލްމެވެ.

ޓްރެއިލާ ލޯންޗުކުރުމުގެ ހަފްލާގައި އޭނާގެ އާއިލާގެ ގިނަ މެމްބަރުންތަކެއް ވެސް ބައިވެރިވި އެވެ. މީގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ޖާންވީއަށް ހިތްވަރު ދިނުމަށް އެ ހަފްލާގައި ބައިވެރިވެފައިވެ އެވެ.

"ދަޅަކް" އަކީ މަރާތީ ސުޕަހިޓް ފިލްމެއް ކަމަށްވާ "ސައިރަތް" ގެ އެޑަޕްޓޭޝަނެކެވެ. ނަމަވެސް އެ ފިލްމާއި އަޅާ ބަލާއިރު، މި ފިލްމުގައި ބޮޑު ތަފާތެއް ފެނިގެންދާނެ ކަމަށް ޑައިރެކްޓަރު ޝަޝަންކު ކައިތަން ވަނީ ބުނެފަ އެވެ. މި ފިލްމުގެ ސްކްރީޕްލޭ ތައްޔާރުކުރީވެސް އޭނާ އެވެ.

ދަރްމާ ޕްރޮޑަކްޝަންގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކުރީ ޒީ ސްޓޫޑިއޯސް އާއި ކުޅަދާނަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރް، ހީރޫ ޔަޝް ޖޯހަރް އަދި އަޕޫރްވާ މެހެތާ އެވެ.