ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްތައް ކުރަމުން އަންނަ އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ، ވުމެން އިން މެނޭޖްމަންޓް (ވިމް) ގެ ރާއްޖޭގެ ގޮފި، ވިމްއެމްވީ އިން ދިވެހި އަންހެނުނަށް ހާއްސަކޮށްގެން އިންތިޒާމުކުރާ "ޕްރޮފެޝަނަލް އެންޑް ކެރިއާ އެވޯޑްސް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޖަމިއްޔާއިން ބާއްވާ މި އެވޯޑަކީ ޕްރޮފެޝަނަލް އެކި ދާއިރާތަކާއި ވިޔަފާރީ އާއި ތަފާތު މަސައްކަތްތައް ކުރަމުން އަންނަ އަންހެނުންގެ މަސައްކަތްތައް ބަލައިގަނެ އެމީހުނަށް ހިތްވަރުދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ. ދިވެހި އަންހެނުންނަށް ހާއްސަކޮށް އެ ޖަމިއްޔާއިން ވަކި އެވޯޑު ހަފްލާއެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.
ވިމްގެ ރާއްޖޭގެ ގޮފީގެ ރައީސާ، މިންހާ ފާއިޒް ރަޝީދު ވިދާޅުވީ، "މި އެވޯޑުގައި މީގެ ކުރިން ރާއްޖޭގެ އެއްވެސް އެވޯޑު ހަފްލާއެއްގައި އެވޯޑު ނުދޭ ދާއިރާތަކުން އެވޯޑު ދޭނެ. އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި އަދި ޓީޗަރުންނަށް ހާއްސަ އެވޯޑުތައް ހުންނާނެ. ރާއްޖޭގައި ތިބި ހުނަރުވެރި އަންހެނުން ބޭފުޅުންގެ މަސައްކަތައް ލިބިގެންދާނެ ބޮޑު ހިތްވަރަކަށް މި އެވޯޑު ވާނެ،" ކަމަށެވެ.
މި އެވޯޑުގައި ތަފާތު ތިން ކެޓަގަރީއަކުން 14 އެވޯޑަކަށް ކުރިމަތިލެވޭނެ އެވެ. އެވޯޑު ދޭ ތިން ކެޓަގަރީއަކީ ކެރިއާ އެވޯޑްސްއާއި ބިޒްނަސް އެވޯޑްސް އަދި ޕްރޮފެޝަނަލް އެވޯޑްސް އެވެ. އެވޯޑު ދޭ ބައެއް ދާއިރާތަކުގެ ތެރޭގައި ސިއްހަތާއި ހިއުމަން ރިސޯސްއާއި ޓޫރިޒަމްގެ ދާއިރާ ހިމެނެ އެވެ. މީގެ އިތުރުން އެކި ފަންތިތަކުގެ ފިޔަވާރީ ކުރާ ފަރާތްތަކަށް ހާއްސަ އެވޯޑުތައްވެސް ހިމެނެ އެވެ.
މި އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 25 އާއި ހަމައަށް ވަނީ ހުޅުވާލާފަ އެވެ. އެވޯޑު ހަފްލާ އޮންނަނީ އަންނަ މަހު 14 ގަ އެވެ. މި އެވޯޑު ކާމިޔާބުކުރާ ފަރާތްތަކަށް ސްރިލާންކާގައި އޮންނަ ވިމްސްގެ "ޓޮފް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް" އަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.