ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްްފި އެވެ.
ނައީމާގެ މަރުގެ މައްސަލައިގައި މަނަދޫއަށް ނިސްބަތްވާ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހް ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ.
"އަޅުގަނޑަށް އެ މީހުން ހައްޔަރުކުރި ސީދާ ވަގުތެއް ވެސް ދުވަހެއްވެސް ބުނަން ދަތި. އެ މައުލޫމާތު ފުލުހުން އަދި ރަސްމީކޮށް އަޅުގަނޑާ ހިއްސާކޮށްފައެއް ނުވޭ،" ސަބީހް ވިދާޅުވި އެވެ.
ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް އެނގިފައިވެ އެވެ. އަދި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ނައީމާ މަރާލި ކަމަށް މިހާރު އެއްބަސްވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ނައީމާ މަރާލި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައިވަނީ ނައީމާގެ މަރާލާފައި އޮއްވާ ފެނުނު ދުވަހު ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މާލޭ އިން މަނަދޫއަށް ގޮސް އެރަށުގައި ދިރިއުޅޭ އެތައް ބައެއްގެ ފިންގަޕްރިންޓް އަދި ޑީއެންއޭ ސާމްޕަލް ނެގިފަހުންނެވެ. ނަމަވެސް ހައްޔަރުކުރި ދެ މީހުން އަތުލައިގަނެވުނީ ނައީމާ މަރާލާފައި އޮތް ތަނުން ފެނުނު ފިންގަޕްރިންޓާއި ޑީއެންއޭ ސާމްޕަލް ދިމާވެގެން ކަމެއް އަދި ނޭނގޭ އެވެ.
ނައީމާގެ މަރާ ގުޅިގެން ދެ މީހުން ހައްޔަރުކޮށްފައިވީ ނަމަވެސް ފުލުހުން އަދި އެއްވެސް މިކަމުގައި ބުނެފައެއް ނުވެ އެވެ.
ނައީމާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކުރުން ލަސްވެ ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން މިމަހުގެ 16 ވަނަ ދުވަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މަނަދޫ އަށް ރަސްމީ ޒިޔާރަތެއް ކުރައްވާ ނައީމާގެ އާއިލާއާއި އަދި ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ނައީމާގެ ގާތިލް ހޯދާނެ ކަމުގެ ޔަގީންްކަން ދީފަ އެވެ.
ބޮޑުވެފައި ތިބި ތިން ކުދިންގެ މަންމަ -- ނައީމާ އަކީ މުޅިން ވަކިން ވަކި ގެއެއްގައި ދިރިއުޅެމުން ދިޔަ މީހެކެވެ. އުމުރުން 62 އަހަރުގެ ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅޭ މުވައްޒަފެކެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.
ޕޯސްޓްމޯޓަމް ހެދުމުގެ ބަދަލުގައި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ނައީމާގެ ހަށިގަނޑު މަނަދޫގައި ވަޅުލީ މިދިޔަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހު އެވެ.