ހަބަރު

މޫނު ފޮރުވައިގެން ތިބި ބަޔަކު ގަމުގައި ޒުވާނަކު ޒަހަމްކޮށްލައިފި

Jun 12, 2018
1

މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން ރޭ ލ. ގަމުގެ މަތިމަރަދޫ އަވަށުގައި ޒުވާނަކަށް ހަމަލާދީ އޭނާ ޒަހަމްކޮށްލައިފި އެވެ.

ރޭ ދަންވަރު 12:15 ހާއިރު ފުލުހަށް ރިޕޯޓްކުރި އެ މައްސަލާގައި ޒަހަމްކޮށްލާފައިވަނީ 21 އަހަރުގެ ޒުވާނެކެވެ. ގަމު ކައުންސިލުން ބުނީ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ އޭނާ ފުޓްބޯޅަކުޅެން ދަނޑުމަތީގައި ހުއްޓާ އެތަނަށް މޫނު ނިވާކޮށްގެންތިބި ބަޔަކު ގޮސް ކަމަށެވެ. އެ މާރާމާރީގައި 21 އަހަރުގެ ޒުވާނާގެ ބުރަކަށިން ދެ ތަނަކަށް ވަޅި ހަރާފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

"ޒަހަމްވި ކުއްޖާގެ ބުރަކަށީގައި ވަރަށް ފުންކޮށް ދެތަނެއްގައި ހުރި ވަޅި އަޅާފަ. އިތުރު ކުދި އަނިޔާތަކެއް ވެސް ހުރި އޭނާގެ ހަށިގަނޑުން ފެންނަން،" ކައުންސިލުގެ މެންބަރަކު ވިދާޅުވި އެވެ.

މި ހާދިސާގައި ޒަހަމްވި ޒުވާނާ އަށް ފަރުވާ ދެމުން އަންނަނީ ގަމު ރީޖަނަލް ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.