އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއިި އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިންގަޕޫރުގެ ސަންތޯޒާ އައިލެންޑުގައި މިހާރު ބާއްވަވަމުން ގެންދަވާ ތާރީހީ ސަމިޓުގައި ދެގައުމުން އެއްބަސްވީ ކަންކަމުގެ ލިއުމުގައި ދެބޭފުޅުންް ސޮއިކުރައްވައިފިއެވެ.
ރޮއިޓާސް ބުނީ ކިމްއާއި ޓްރަމްޕް ސޮއިކުރެއްވި އެއްބަސްވުމުގައި ވަނީ ކޮރެއަން ޕެނިންސިއުލާއިން ނިއުކްލިއަ ހަތިޔާރު މުޅިން ނައްތައިލުމަށާއި އެމެރިކާއިން އުތުރަށް ސަލާމަތީ ކަށަވަރުކަން ދިނުމަށް ކަމަށެވެ. ތާރީހީ ބައްދަލުވުން ނިންމުމުގެ ގޮތުން އެކުލަވައިލި ގުޅިފައިވާ ބަޔާނެއްގެ ގޮތުގައި ސޮއިކުރި އެ އެއްބަސްވުމުގައި ކަންކަމުގެ ތަފުސީލު ހިމަނާފައެއް ނުވެއެވެ.
އެގޮތުން އުތުރުކޮރެއާއިން އެގައުމުގެ ނިއުކްލިއަ ހަތިޔާރު ނައްތައިލުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތާއި އެމެރިކާއިން އުތުރުކޮރެއާއަށް ސަލާމަތީ ކަށަވަރުކަން ދޭނެ ގޮތުގެ ތަފުސީލެއް އެ އެއްބަސްވުމަކު ނެތެވެ.
ބައްދަލުވުމަށް ފަހު ޓްރަމްޕް ވިދާޅުވީ ނިއުކްލިއަ ހަތިޔާރު ނައްތައިިލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯއާއި އުތުރުކޮރެއާގެ އޮފިޝަލުން މިއަދުގެ ބައްދަލުވުމާ ގުޅޭ އިތުރު މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އުތުރުކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ވާހަކަވެސް އެއްބަސްވުމެއްގައި ނެތެވެ. އެކަމަކު އުތުރުކޮރެއާއިން ސިޔާސަތު ބަދަލުކުރީ އެފިޔަވަޅުތަކާ ހެދި ކަމަށް ބައިިނަލް އަގުވާމީ ދުނިޔެއިން ކުރިން ގަބޫލުކުރިއެވެ.