ކުޅިވަރު

މެޑްރިޑްގެ ކޯޗަކަށް ސްޕެއިންގެ ގައުމީ ކޯޗު ލޮޕެޓެގީ

މާގަމު ހުސްވެފައިވާ ރެއާލް މެޑްރިޑްގެ ކޯޗަކަށް، ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗް ހުލެން ލޮޕެޓެގީ ހަމަޖައްސައިފި އެވެ.

ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ކީޕަރު ލޮޕެޓެގީ ރެއާލްއާ އެކު ރަސްމީކޮށް ކޮންޓްރެކްޓްގައި ސޮއި ކުރާނީ ކުރިއަށް އޮތް ވޯލްޑަކަށް ފަހު އެވެ. ޖެހިޖެހިޖެހިގެން ތިން އަހަރު ރެއާލްއަށް ޗެމްޕިއަންސް ލީގް ހޯދައިދިން ފްރާބންސްގެ ޒައިނުއްދީން ޒިދާން ވަނީ މިދިޔަ މަހު 31 ވަނަ ދުވަހު އެ ޓީމުގެ ކޯޗު ކަމުން ކުއްލިގޮތަކަށް އިސްތިއުފާ ދީފަ އެވެ.

ރެއާލް މެޑްރިޑްގެ ޒުވާން ޓީމަށް ކުރިން ކޯޗު ކޮށްދިން، ލޮޕެޓެގީ ވަނީ ޕޯޓޯއަށްވެސް ކޯޗު ކޮށްދީފަ އެވެ. ސްޕެއިންގެ ސީނިއާ ގައުމީ ޓީމުގެ ކޯޗު ކަމާ އޭނާ ހަވާލުވީ ޕޯޓޯއަށް ތިން އަހަރު ކޯޗު ކޮށްދިނުމަށް ފަހު އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ސްޕެއިން އަދި އެއްވެސް މެޗަކުން ބަލިވެފަ އެއް ނުވެ އެވެ.

ޔޫރޯ 2016 ގެ ފަހުން މެޗަކުން ބަލި ނުވެ ވޯލްޑްކަޕަށް ދާ ހަމައެކަނި ޓީމަކީ ސްޕެއިން އެވެ. އޭނާ ވަނީ ސްޕެއިންގެ ޒުވާން ޓީމު ތަކަށް ކޯޗު ކޮށްދީ ކާމިޔާބު ހޯދާފަ އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން އިޓަލީ އާއި އާޖެންޓީނާ އާ ދެކޮޅަށް ސްޕެއިން ދެއްކި ކުޅުމާއެކު ސްޕެއިން އަކީ މިފަހަރުގެ ވޯލްޑްކަޕުގައި ފޭވަރިޓަކަށް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ރެއާލްގެ ކޯޗު ކަން ލޮޕެޓެގީއާ ހަވާލު ކުރީ، އެ ޓީމުން ޝޯޓްލިސްޓް ކުރި ކޯޗުންގެ ތެރެއިން އެ ޓީމުން ގެންނަން މަސައްކަތް ކުރި ކޯޗުންނަށް ހުށަހެޅި ހުށަހެޅުމަށް އެ ކޯޗުން އާނ ބަސް ނުބުނުމުންނެވެ.

ރެއާލްގެ އެންމެ ފުރަތަމަ ޓާގެޓަކަށް ހެދީ، ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ އެވެ. ނަމަވެސް އޭނާ ވަނީ އެންމެ ފުރަތަމަ ވެސް ރެއާލުގެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ. ޖަރުމަންގެ ގައުމީ ކޯޗް ޔޯކިމް ލޯ (ޔޯގީލޯ) އަށް ވެސް ރެއާލުން ހުށަހެޅި އެވެ.

ލޮޕެޓެގީގެ ކޯޗު ކަމުގެ ދަށުން ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި މި އަންނަ ހުކުރު ދުވަހު ނިކުންނާނީ ޕޯޗްގަލް އާ ދެކޮޅަށެވެ.