މިއަހަރުގެ މިހާތަނަށް ނެރުނު އެންމެ ބޮޑު ފިލްމު، މާވެލް ސްޓޫޑިއޯސްގެ "އެވެންޖާސް: އިންފިނިޓީ ވޯ" އަށް ބޮކްސް އޮފީހުގައި ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ އެވެ. މިއީ ދުނިޔޭގައި މިހާތަނަށް ދެ ބިލިއަންގެ އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓަށް އެރި ހަތަރު ވަނަ ފިލްމެވެ.
ދެ ބިލިއަން ހޯދި ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ 2.78 ބިލިއަންގެ އާމްދަނީއަކާއެކު ފިލްމު "އެވެޓާ" އެވެ. ލިސްޓުގެ ދެ ވަނާގައި އޮތީ ފިލްމު "ޓައިޓޭނިކް" އެވެ. އެއީ 2.18 ބިލިއަންގެ އާމްދަނީއަކާއެކު އެވެ. ޖުމްލަ 2.1 ބިލިއަންގެ އާމްދަނީއަކާއެކު ތިން ވަނާގައި އޮތީ "ސްޓާ ވޯޒް: ދަ ފޯސް އަވޭކަންސް" އެވެ.
"އެވެންޖާސް: އިންފިނިޓީ ވޯ" އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ބައިނަލްއަގުވާމީ މާކެޓުންނެވެ. މިހާރު މި ފިލްމަކީ ބައިނަލްއަގުވާމީ މާކެޓުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓުގެ ތިން ވަނާގައި އޮތް ފިލްމެވެ.
ދެ ބިލިއަން ހޯދުމުގެ ކުރިންވެސް މި ފިލްމު ވަނީ އެތައް ރެކޯޑެއް މުގުރާލާފަ އެވެ. ފިލްމު ރިލީޒްކުރިތާ އެންމެ 11 ދުވަސް ތެރޭގައި ވަނީ އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފަ އެވެ. ގިނަ ފިލްމުތަކަށް ބިލިއަނަކާއި ހަމައަށް ދެވެނީ އެއް މަހުންނެވެ. މި ފިލްމުން އެ މަގާމު ދިފާއުކުރީ "ސްޓާ ވޯޒް: ދަ ފޯސް އަވޭކަންސް" އާއި ވާދަކޮށްގެންނެވެ. ސްޓާ ވޯޒްގެ އެ ފިލްމަށް 12 ދުވަސް ތެރޭގައި އެއް ބިލިއަން ލިބުނެވެ.
"އެވެންޖާސް: އިންފިނިޓީ ވޯ" އަކީ މި މިހާތަނަށް އެންމެ ބޮޑު އޯޕެނިންގެއްވެސް ލިބުނު ފިލްމެވެ. އޯޕެނިންގައި މި ފިލްމަށް 250 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މީގެ ކުރިން މި ރެކޯޑުވެސް އޮތީ "ސްޓާ ވޯޒް: ދަ ފޯސް އެވޭކެންސް" އަތުގަ އެވެ. އެއީ 2015 ވަނަ އަހަރު 248 މިލިއަން ޑޮލަރުގެ އާމްދަނީއަކާއެކު އެވެ.
މި ފިލްމު ތައްޔާރުކޮށްފައި ވަނީ 300 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރާ ދެމެދުގެ ބަޖެޓަކުންނެވެ.
"އެވެންޖާސް: އިންފިނިޓީ ވޯ" އަކީ މާވެލްގެ ފުރަތަމަ ފިލްމު ނިކުތްތާ 10 އަހަރު ފަހުން، އެ 10 އަހަރު ތެރޭގައި މާވެލް ސިނެމަޓިކް ޔުނިވާސް އިން ފައްކާކުރި މާވެލްގެ ހުރިހާ ސުޕަހީރޯތަކެއް ބޭނުން ކޮށްގެން ގެނެސްދިން ފިލްމެކެވެ. މި ފިލްމަކީ މާވެލްގެ ފުރަތަމަ ފިލްމު "އަޔަން މޭން" ނިކުތް ހިސާބުން ފެށިގެން ވެސް ޕްލޭން ކުރެވެމުން އައިސްފައިވާ ފިލްމެކެވެ. މިއީ އެ ސްޓޫޑިއޯ އިން މިހާތަށް ގެނެސްދިން އެންމެ ބޮޑު ފިލްމެވެ.