ވާހަކަ

ފުރައްސާރައިން ނިމުނު ލޯބި

އޮމާން ކަނޑުގެ ސަތަޙައިގައި ފަރި ދުވެއްޔެއްގައި ދުއްވަމުން ދިޔަ ކުޑަ އިންޖީނު ދޯނި ކުރިމަތީ އޮތް ފަޅު ރަށުގެ ފަޅުތެރެއަށް އެތެރެވިއިރުވެސް ޔޫޝައުއަށް ބެލެމުން ދިޔައީ ޝިފާއާ ދިމާއަށެވެ. ޝިފާއަށް އެކަން ރޭކާވެސް ނުލައެވެ. ނޫންނަމަ، އޭނާ ހަމަ ގަސްތުގައި ޔޫޝައުގެ އެ ބެލުންތަކާމެދު ފަރުވާ ކުޑަކުރަނީއެވެ. އޭނާގެ ހިތުގައި ޔޫޝައުއާ މެދު އެއްވެސް ފަރުވާލެއް ނެތް ކަހަލައެވެ. ދަތުރު މަތީގައި އެންމެން ނަގާ ފޯރީގެ ތެރޭގައި އިނދެވެސް ޝިފާ އަވަދިނެތިވީ ފޯނުން މެސެޖު ކުރުމުގައެވެ. ފޯނަށް އަންނަ ކޮންމެ މެސެޖަކާއެކު ޝިފާގެ ސާފު ދެލޮލުގެ ވިދުން އިހުނަށްވުރެ އިތުރުވެގެންދެއެވެ. މަޑު ފިޔާތޮށި ކުލައިގެ ތުނި ތުންފަތުގައިވި ހިނިތުންވުން އެންމެ ހިނދުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ. ޝިފާގެ ސަމާލުކަން އެހާފުރިހަމައަށް އަތުލާފައި އެވަނީ ކޮންފަދަ މޮޅު ޖާދޫގަރެއްބާއޭ ޔޫޝައުގެ ހިތަށް އެރިއެވެ.

" ރަށަށް ލެފުނީ. އެންމެން ފައިބަންވީ.." އެދަތުރުގައި ބައިވެރިވި ވިއްސަކަށް މީހުންގެ ސަމާލުކަން ހޯދަމުން ދޯނީގެ ކައްޕިތާނު، މިހެން ބުނެލުމާއެކު، ޔޫޝައުއަށް ކުރިމަތީއޮތް ރަށާ ދިމާއަށް ބަލައިލެވުނެވެ. މާދުރަށް ދާންދެން ފެތުރިފައިވާ، ގާކޮޅެއްވެސް ފެންނަން ނެތް ހިމުން ހުދުވެލިގަނޑާއި، ރަށުގެ ހޭޅިފަށާދެމެދު ފަންސާހަކަށް ފޫޓު ހުރި އެރަށް ފެނުމުންވެސް ހިތްފުރި ބަންޑުން ވާވަރުވެއެވެ. ޤުދުރަތުގެ މުއްސަނދިކަމުން ފުރިގެންވާ މިހިތްގައިމު ރަށްތަކުގެ އަހުލުންނަށް ވުމުގެ ނަސީބު ލިބިފައިވަ ހަމަ ކޮންމެ މީހަކީ ފަޚުރުވެރިއަކަށް ނުވެ ނުދާނެކަން ކަށަވަރެވެ.

ދޯނި ފަޅުތެރެއަށް ބީއްސާލުމާއެކު އެންމެ ފުރަތަމަ އެރަށަށް ފުންމާލީ ޔޫޝައުއެވެ. އެވަގުތު މޫނުމަތީ ބީހިލި ފިނި ވައިރޯޅިއާއެކު ދެލޯމަރާލަމުން ހަށިފުރާ ނޭވައެއް ބޭރުކޮށްލުމަށްފަހު ޔޫޝައު ފަސް އެނބުރި ބަލައިލީ ޝިފާ ފެނޭތޯއެވެ. އެންމެންތައް ދޯނިން ފައިބާއިރުވެސް، ދޯނީގައި އެއިންގޮތަށް އިނދެ ވޫލުކޮޅެއްގެ އެހީގައި ހައްޔަރުކޮށްފައިވާ އިސްތަށިގަނޑުން ނިއްމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ޝިފާގެ ހިމަ އިނގިލިތަކަށް އޮޅަމުން، ހީ ހީފައި އޭނާ ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުން ދިޔައެވެ. ޝިފާގެ އެހުނުންތަކުން އަސަރުކުރުވީ ސީދާ ޔޫޝައުގެ ހިތަށެވެ.

ޔޫޝައުގެ އާއިލާއާއި އަވައްޓެރި އާއިލާތައް ރޭވި މި ދަތުރުގައި ޔޫޝައު ބައިވެރިވީވެސް، ޝިފާ މިދަތުރުގައި އަންނާތީއެވެ. ޝިފާ ދާ ކޮންމެ ތަނެއްގައި އޭނާގެ ހިޔަނިހެން ހުރުމަށް ޔޫޝައު ކިތައްމެ އެދުނަސް، އެދެމެދުގައިވި ކުޑައިރުގެ ގާތްރަހުމަތްތެރިކަން ވަނީ ނުފެންނަ ފާރަކުން ވަކިވެފައެވެ.

ހިތްއެދޭ ކަންތައް ހިތަށް އަރާހާ ހިނދުން ފުރިހަމަވެ ނިމިފައި އޮތުމަށް ބޭނުން ނުވާނީ ކާކުހެއްޔެވެ؟ އުމުރު ޒުވާން ފުރާވަރާ ދިމާއަށް ދިޔަ ވަރަކަށް، ޝިފާ ޔޫޝައުއާ ދުރަށް ދިޔައީ ކީއްވެކަން އެނގެން ޔޫޝައުވެސް ބޭނުމެވެ.

ދުވަހުގެ މަޖަލާ ފޯރީގެ ތެރެއިން ހަށްޓަށް ވެރިވި ލޮޑުކަމާއެކު ޔޫޝައުއާއި އޭނަގެ ހައެއްކަ ރައްޓެހިން ފިޔަވައި، އެ ދަތުރުގެ ކޮންމެ ބައިވެރިއަކުވެސް ބެލީ އޮއްސުނު އިރާއެކު، ނިދޭތޯއެވެ. ދެޖިންސުގެ ދެބައިމީހުންނަށް ހަދާފައިވާ ފޭލިގޭގައެވެ. ބޯ ޖަންގަލީގެ ތެރެއިން "ޒޫ" އަޑު ލައްވަމުން ހަތަރު ފަރާތުން އަންނަމުން ދިޔަ މަދިރި ބައިގަނޑުގެ އުނދަގުލާވެސް އެކުގައެވެ. ޔޫޝައުއާއި އޭނާގެ އެކުވެރިން ބިޔަ ގަސްތަކުން ފުރިފައިވާ ބޯ ޖަންގަލީ ތެރެއިން ރަށުގެ އަނެއް ފަރާތަށް ނުކުތީ، ފަރުމަހެއް ބެވޭތޯއެވެ.

މަސްބޭނުމުގެ ފޯރީގައިޖެހި އެކި މީހުން އެކި ދިމާލަށް ގޮސް ގެއްލުނު އިރުވެސް އެހެން މީހުން ކައިރީ ނެތްކަން ނޭނގޭ ވަރަށް އެންމެންވެސް ތިބީ މަސް ބޭނުމަށް ދެވިހިފާފައެވެ. މުޅި އުމުރު ދުވަހުވެސް އެންމެ ގިނައިން މަސްބޭނުމުގެ އުފާ ލިބިގަތުމަށް ފަހު އެރޭ، ޔޫޝައު ގޮސް އޮށޯވެލީ، ހޭޅިފަށާ ކުޑަ ތަންކޮޅެއް ދުރުން އެތެރެއަށް ވާގޮތަށް އިން މިދިލި ގަހެއްގެ ބުޑު ގައެވެ. އެހެން މީހުން ދިޔަ ދިމާލެއް ހޯދަން ނޫޅެ، ގަސްބުޑުގައި އޮށޯވެ ދެފައި ދަމާލުމަށްފަހު، ތަރިތަކުން ބަބުޅަމުން ދިޔަ ސާފު އުޑަށް ބަލަހައްޓައިގެން އިރުކޮޅަކު އޮތެވެ. މެދު އުޑުގައި ރަސްކަން ކުރަމުން ދިޔަ ހަނދުގެ ދައުރުވުން ރަމްޒުކޮށްދެނީ ރޭ މެންދަމުގެ ދަތުރަށް މިސްރާބްޖަހާފައިވާކަމެވެ.

"ޝިފާ.... ތީ އޭ މިހިތުގެ ޝިފާ.. ލޯބި އަދު ދެއްވާނުހޭ" ފުން ނޭވާއެއް ބޭރުކޮށްލަމުން އެއިން ގޮތަށް އިނދެ ތުނބުން ފުމެލި ރީތި ރާގަކަށްފަހު ޔޫޝައު މަޑު މަޑުން ކިޔާލިއެވެ.

"ޔޫޝައު" ސިހިފައި ފުރަގަހަށް އެނބުރުމާއެކު ފެނުނު މަންޒަރު ގަބޫލު ނުކުރެވިފައި ޔޫޝައުއަށް އިރުކޮޅަކު އޮވެވުނެވެ. އެއާއެކު ހަމަ ކުއްލިއަކަށް ކޮޅަށް ތެދުވެ އަތުން ވެލި ފޮޅާލެވުނެވެ.

"ޝިފާ. މިތާ ކީކުރަނީ؟" ކުރިމަތީ ހިތްގައިމު ލުއި ހިނިތުން ވުމެއްގައި ހުއްޓިލައިގެން ހުރީ ޝިފާއެވެ. އެ ތޫނު ކަޅިރަވައިން ދެމުންދިޔައީ ކޮންކަހަލަ ސިގްނަލެއްކަން ނޭނގުނަސް އެ ލޮލުގައި ތަފާތު އަސަރެއް ވާހެން ޔޫޝައުއަށް ހީވިއެވެ. އެ ކަޅިރަވައިގެ ފުންކަމުގެ ތެރެއަށް ގެއްލި އާޝޯޚްވެފައި ބޯކަހާލަ ކަހާލަ، ޔޫޝައުއަށް ހުރެވުނީ އެހެންވެގެންނެވެ.

"ކީއްކުރަން އަހަންނަށް ތިގޮވަނީ؟" އެ ސުވާލު ޝިފާ ކުރީ ކީއްވެބާއޭ ޔޫޝައުގެ ހިތަށް އެރިއެވެ.

ކިތައްމެ ނޭނގޭ ކަމަށް ހެދުނަސް، އިރަށް ލެނބެމުންދާ އިރުދޭމަލެއް ފަދައިން، ޝިފާގެ ކޮންމެ އަދާއަކަށް އޭނާ ލެނބެމުން ދާކަން ޝިފާއަށް ނޭނގިއެއް ނުހުންނާނެއެވެ.

"ހަމަ ނޭނގިގެންތަ ތިއަހަނީ؟" ޔޫޝައުވެސް ކޮށްލީ ސުވާލެކެވެ. އެއާއެކު ޝިފާގެ މޫނު މައްޗަށް ފެތުރިގެން ދިޔައީ މައުނަވީ ލުއި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުން ޔޫޝައުއަށް ފަހުމްވި މާނައަކީ، އެއީ ރުހުމުގެ އިޝާރާތެއްކަމެވެ. ޝިފާ ހުރި ފިޔަވަޅުން ކުރިއަށްޖެހިލައި، ޔޫޝައުގެ އަތްނަގައި އޭނާގެ މޭކަށިގަނޑާ ހަމައަށް އުފުލާލިއެވެ. މަޑުމަޑުން ޝީފާގެ އަތްތިލައިން ޔޫޝައުގެ އަތްތިލަ ފަރުދާކޮށްލިއެވެ. ހިނދުކޮޅަކަށް ފަހު ޔޫޝައުގެ އަތުގެ ތެރެއިން ޝިފާގެ އަތް ނެގިއިރު، އެއަތުގެ ތެރޭގައި އޮތީ ރަތްކުލައިގެ މަދޮއްޓެކެވެ.

"ހީކޮށްލާ މިއީ އަހަރެންގެ ހިތުގެ އެތިކޮޅެއްކަމަށް..މިއީ ދެއްކުމެއް ނޫން. މިއީ ވަޢުދެއް" މަޢުނަވީ ރަކި ބެލުމަކުން ޔޫޝައު ރަކިކޮށްލުމަށްފަހު، ޝިފާ ފަސް އެނބުރި ހިނގައިގަތީ ޖަންގަލީގެ ތެރެއިން އެންމެން ތިބޭ ތަނާ ދިމާއަށެވެ. ޝިފާ ގަސްތަކު ތެރެއަށް ވަދެ ގެއްލެންދެން ބުނާނެ އެއްޗެއް ނޭނގި ގަބުވެފައި ޔޫޝައުއަށް ހުރެވުނީއެވެ. ޝިފާ ގޮސް ގެއްލުމުން، އެ އޮފުއަރައަރާ އޮތް ރަތްކުލައިގެ މަދޮށްޓަށް ނިކަން ފަރުވާތެރިކަމާއެކު ޔޫޝައުއަށް ބަލާލެވުނެވެ.

"އޭތް، ދަތްޕިލަ ހަނދަށް ދީގެން ތިހުރީ ޔޯ؟" ޔޫޝައުއަށް ހޭވެރިކަންވީ އެކުގައި މަސްބާނަން ދިޔަ ގުރޫޕްގެ ތެރެއިން އެކަކު އައިސް ބޮލުގެ ފުށްކިބައިގައި ޖެހި އެތިފަހަރުންނެވެ.

އެއްދުވަހުގެ ދަތުރަށްފަހު، އަރަމުންދިޔަ އިރާއެކު، އެންމެން ރަށަށް އައުމަށް ދޯންނަށް އަރަމުން ދިޔައިރު، ޝިފާއަށް ބަލާލުމަށްފަހު ޔޫޝައު ހީލިއެވެ. ޔޫޝައުގެ އެހިނިތުންވުމުގެ ޖަވާބުގައި ފަރުވާކުޑަ ގޮތަކަށް ޝިފާވެސް ހިނިތުންވެލިއެވެ. ދަތުރު މަތީގައި މޮޔައަކު ފަދައިން ޔޫޝައު، ޝިފާގެ ކައިރީގައި އިންނަން މަސައްކަތްކުރާތީ އެއްބަޔަކަށް އެކަންވީ ހެއްވާ ކަމަކަށެވެ. ޝިފާ އެކަމަށް މާބޮޑު ފަރުވާލެއް ބެހެއްޓިހެން ހީވެސް ނުވެއެވެ. އޭނާއަށް ޔޫޝައުއަކީ ނުވެސް ނެތް މީހެއްފަދައެވެ.

އެދުވަހުގެ އިރުއޮއްސި މީހުންގެ ފައި ހިލަވަޅު އޮބުމުން، ޔޫޝައު ނުކުތީ ޝިފާއާ ބައްދަލުކުރުމުގެ އުއްމީދު ގައެވެ. އެގެއާ އިންވެގެން އިން ދެތިން ގެ ދޫކޮށް ދެން ހުންނަނީ ޝިފާގެ ގެއެވެ. ހިމޭން މަގުމަތީގައި ހިނގަމުންގޮސް ޝިފާގެ ގޭގެ ގޯތިތެރެއިން މަގުމަށްޗަށް އެލިފައިވާ ބަނބުކެޔޮގަސް ދޮށުގައި ހުއްޓިލުމަށްފަހު ދެފޫޓަށް ރާނާފައިވާ ގޭގެ ވަށާފާރުން އެތެރެއަށް ނަޒަރު ހިންގާލިއެވެ. އެއިރު، މައިގޭގެ ދޮރު ލެއްޕުމަށްފަހު ޝިފާ ނިކުންނަނީއެވެ.

"ކީއްވެ މީހުން ތިބޭ ތަންތަނުގަ މާ ދުރު ދުރުން އުޅެނީ؟" ޝިފާ އައިސް ޔޫޝައުގެ ކުރިމަށްޗަށް ހުއްޓިލުމުން ފުރަތަމަވެސް ބަންޑުންކޮށްލެވުނީ ޔޫޝައުގެ ހިތުގަ ހިނގަމުންދިޔަ ޝަކުވާގެ އޮއިވަރެވެ. އޭގެ ޖަވާބުގައި އެއްވެސް އެއްޗެއް ބުނުމަކާ ނުލައި، ޝިފާގެ މޫނުމަތިން ދައްކުވައިދިނީ ލަދުރަކި ކަމުގެ ހިނިތުންވުމެކެވެ. އެރޭވެސް ބައްދަލުވުން ނިންމާލަމުން ޝިފާ ޔޫޝައުގެ އަތަށް ލައިދިނީ މަދޮށްޓެކެވެ.

ރޭދުވާ ދައުރުވަމުން ދިޔަވަރަކަށް ޔޫޝައުއާ ޝިފާގެ ލޯބި ވަރުގަދަ ވަމުން ދިޔައެވެ. ހަމައެކަނި ތަފާތަކީ އާރުލައި ހެދެމުން ދިޔަލެއް ކިތައްމެ ވަރުގަދަޔަސް، އެލޯތްބަށް އަލިކަން ލިބިދެނީ ރޭގަނޑުގެ އަނދިރިކަމުން ކަމުގައިވާކަމެވެ. ކުޑައިރުގެ ރަހުމަތްތެރިކަމުގައި ލޯބީގެ ކުލަ ޖައްސަން ޝިފާ ލަދުގަންނަނީއެވެ. ޔޫޝައުއަށް ގަބޫލުކުރެވުނީ އެގޮތަށެވެ. ޝިފާ ޔަގީންކަން ދިނީވެސް އެގޮތަށް ކަމުގައިވާތީއެވެ.

"ދެން ކޮން އިރަކުން އަހަރެމެންގެ މިގުޅުމުގެ ވާހަކަ އެންމެންނަށް އަންގާނީ؟ ސީދާ އުޑަށް ބަލަން އޮވެ ޝިފާގެ އިސްތަށިގަނޑުގައި ފިރުމަމުން ޔޫޝައު އެހެން ބުނެލުމާއެކު، ޖެހިގެން އޮތް ޖޯލީގައި އޮށޯވެ އޮތް ޝިފާ ތެދުވެ ޖޯލީގައި އިށީނދެލިއެވެ.

***

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ޢާއިލީ މެންބަރުންނާއެކު ހެދުނުގެ ނާސްތާއަށް އިންސާފުކުރުމުގައި ޔޫޝައު އިނެވެ.

"ދަރިފުޅުހާދަ ހެވިފަ." ފަޅުރަށަށް ކުރި ދަތުރަށްފަހު، ޔޫޝައުގެ ތުންފަތުގައި އަބަދާއި އަބަދު ދައުރުވެ ދައުރުވެ ހުންނަ ހިނިތުންވުން ޔޫޝައުގެ މަންމަ އަށްވެސް ވަނީ ފާހަގަ ކުރެވިފައެވެ.

"ދަރިފުޅަށް އެނގޭތަ، ހައްވާތަ މެންގޭ ޝިފާ، މިރަށު ޒާހިދާގެ އިބްރާހިމާ އިންނަން އުޅޭކަން. މިއަދު ކައިވެނި ކުރެޔޯ." ޔޫޝައުގެ ބައްޕަގެ ސައިތަށްޓަށް ސައި އަޅަމުން ޔޫޝައުގެ މަންމަ އެހެން ބުނުމާއެކު، ތުނބުގައި ޖެހި ފެންތަށި އުނގަށް ބަންޑުން ވުމުން ފުންމައިގެން ޔޫޝައު ތެދުވިއެވެ.

ބައްޕަގެ އެބަހާ އެކު ފަހަތަށް ޖެހެމުން ގޮސް ޔޫޝައު ވަނީ ކޮޓަރިއަށެވެ. އައި ރުޅިން ކޮޓަރިއަށް ވަދެ، ޝިފާ ދިން މަދޮށިތައް ކޮޓަރީގެ ކުޑަ ދޮރުން ބޭރަށް ހޫރަލައިފިއެވެ.

އެރޭއޮތް ކައިވެނީގެ ވަލީމާއަށް ޔޫޝައުއަށްވެސް ދަޢުވަތު ލިބުނެވެ. ނަމަވެސް ހިތާމައިގެ މޮޅި ސާލުން ސާލުލައިގެން ޔޫޝައު އިނީ ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލާށެވެ. އާވާރާވެ ދީވާނާވެފައިވާ މަޖުނޫނެއް ފަދައިންނެވެ. އެހެން އިނދެ އިރު އިރު ކޮޅުން ޝިފާގެ ނަން ކިޔާލުމަށްފަހު ދަތްކުނޑިވިކައި، ކޮންމެވެސް ފަތިވަރެއް ކިޔައިގަނެއެވެ.

"ޔޫޝައު" ކަރުނުން ބަރާވެފައިވާ ޔޫޝައުގެ ދެލޮލުގެ ތެރެއިން، ފެނުނީ ކޮޓަރީގެ ދޮރުމަތީ ހުއްޓިލައިގެން ހުރި ޝިފާއެވެ.

"ދުރަށް ދޭ މިތަނުން. ވަރަށް ނުބައި ނުލަފާ ހިޔަޅު އަންހެނެއްތީ؟ ދޮގުހަދާފަ އެހެން މީހަކާ އިނދެލީނު" އެވަގުތު ޔޫޝައު ހުރީ ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގޭ ވަރަށް ރުޅި ގަދަވެފައެވެ.

"ޔޫޝައު ހަމަޖެހި ބަލަ. މަށެއް ނުކުރަމޭ ކައިވެންޏެއް." ޔޫޝައުއާ ދިމާއަށް ހިނގައިގަންނަމުން ޝިފާ ބުނެލިއެވެ. އެއާއެކު ހައިރާންވެފައި ޝިފާއާ ދިމާއަށް ބަލަހައްޓައިގެން ޔޫޝައުއަށް ހުރެވުނެވެ.

"ކޮބާ މަދިން މަދޮށިތައް؟" ދެންވެސް ވާހަކަ ދެއްކީ ޝިފާއެވެ.

"އެ... އެ އެއްޗެހި އުކާލައިފިން" ހަމަޖެހުމުގެ ނޭވާއެއް ލަމުން ޔޫޝައު ބުނެލިއެވެ.

"ކީއްވެ؟ ބުނީމެއްނު އެއީ މަގޭ ހިތުގެ އެތިކޮޅުތަކެކޭ." ޝިފާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"މަ ހޯދަފާނަމޭ މަދޮށި. އެ ދެން ނުލިބޭވަރު އެއްޗެއްތަ؟"

"އަހަރެން ބޭނުމީ ހަމަ އެ މަދޮށިތައް. ހުރިހާ އެއްޗެއް ބޭނުން" ޝިފާ ހުރީގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް އައި ރުޅިން އެ މަދޮށިތައް އުކާލެވުނީ ކޮން ދިމާއަކަށް ކަންވެސް ޔޫޝައުއަކަށް ނޭނގެއެވެ. ޝިފާ އިތުރު އެއްޗެއް ބުނުމަކާނުލައި ނުކުމެގެން ދިޔައީއެވެ.

އާދުވަހަކަށް އިރު ދުނިޔެއަށް މަރުހަބާ ކިޔަމުން ދިޔައިރު މުޅި އެރަށުގައި އޮތީ ޔޫޝައުގެ ވާހަކައެވެ. ރާމާމަކުނަކަށްވުރެ ހަލުވިކޮށް ގަސްގަހަށް އަރައި މަދޮށި ހޯދަން އުޅޭ ވާހަކައެވެ. ޔޫޝައުއަށް ވީގޮތް އެކަކަށްވެސް ނޭނގެއެވެ.

*****

"ޝިފާ ނުދޭ. އަހަރެން ދޫކޮށްފަ ނުދޭ!"

"އޭތް. ކޮން ފަތިވަރެއް ތި އަމުނަނީ. އޭތް ޔޫޝައު. ހޭލަ ބަލަ." ޔޫޝައުނަގާ ތަޅުވައިގަންނަމުން އެކުގައި އައި ޒަޔާން ޔޫޝައުގެ ކަންކަށިމަތީ އެތިފަހަރެއް އެޅުމާއެކު ތެޅިގަނެފައި ޔޫޝައު ކޮޅަށް ތެދުވިއެވެ.

"މަ ސަލާމަތުންތަ މިހުރީ؟" އަމިއްލަ ގައިގެ އެތަންމިތަނުގައި އަތުން ފިރުމަމުން ވަށައިގެން ހޯދަމުން ހާސްވެފައި ޔޫޝައުއަށް ބުނެލެވުނެވެ.

ދަތުރު ނިންމާލުމަށްފަހު ރަށަށްކުރި ދަތުރުމަތީގައި، ޔޫޝައުގެ އެކުވެރިންގެ ކަމަކަށްއޮތީ ޔޫޝައު ޖެއްސި ވައްތަރު ތަމްސީލުކޮށް ހަޖޫޖެހުމެވެ. އެފުރައްސާރަ އާއި މަލާމާތާއެކު ޝިފާގެ މައްޗަށް ޔޫޝައުގެ ހިތުގައި ޖެހިފައިވާ ލޯބިވެސް ފަނޑުވެ ރަށަށްލެފުނު އިރު، އެލޯބި ދުމަށްވެގެން މައްޗަށް އަރައިގެން ހިނގައްޖެއެވެ. (ނިމުނީ)