ކާޖަލް

ކާޖޮލް ބޭނުންވަނީ ހޮލީވުޑަށް ދާން

ބޮލީވުޑް ގިނަ ތަރިންތަކެއް މިފަހުން ހޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކުރެ އެވެ. ހޮލީވުޑްގެ ފިލްމުތަކުން ބޮލީވުޑްގެ ތަރިން ފެންނަ މިންވަރުވެސް މިހާރު އަންނަނީ އިތުރުވަމުންނެވެ.

ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ، ދީޕިކާ ޕަދުކޯނީ އަދި އައިޝްވާރިޔާ ރާއީ ބައްޗަން ވަނީ ހޮލީވުޑް ފިލްމުތައް ކުޅެފަ އެވެ. ބަތަލުންނަށް ބަލާނަމަ އިރްފާން ޚާންއާއި ރާޖްކުމާރް ރާއޯ، އަލީ ފަޒާލް އަދި އަނޫޕާމް ކޭރް ފަދަ ތަރިން ހޮލީވުޑްގެ ފިލްމުތައްވެސް ފެނިގެން ގޮސްފި އެވެ.

އަނެއްކާވެސް ބޮލީވުޑްގެ ތަރިއަކު މި ވަނީ ހޮލީވުޑްގައި މަސައްކަތްކުރަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. މިފަހަރު މި ޝައުގުވެރިކަން ފާޅުކުރީ ކުޅަދާނަ ބަތަލާ ކާޖޮލް އެވެ.

ކާޖޮލް ވަނީ ދާދިފަހުން ހޮލީވުޑްގެ އެނިމޭޓެޑް ފިލްމު "އިންކްރެޑިބަލްސް 2" ގެ ހިންދީ ފިލްމަށް އަޑު އަޅާފަ އެވެ. ކާޖަލް އަޑުއެޅީ މި ފިލްމުގައި ލީޑުން ފެންނަ ކެރެކްޓާ، އިލާސްޓިގާލް އަށެވެ. މީގެ ފުރަތަމަ ފިލްމަށްވެސް ހިންދީ ބަހުން އަޑުއަޅާފައިވެ އެވެ. ފުރަތަމަ ފިލްމުގައި ލީޑުން ނެގީ އިލާސްޓިގާލްގެ ފިރިމީހާ، މިސްޓާ އިންކްރެޑިބަލް އެވެ. އެ ކެރެކްޓާއަށް އަޑު އެޅީ ޝާރުކް ޚާން އެވެ.

ހޮލީވުޑްގައި މަސައްކަތްކުރަން ބޭނުންވާކަން ކާޖަލް ހާމަކުރީ މި ފިލްމަށް އަޑުއެޅުމުގެ މަސައްކަތް ނިންމާލުމަށްފަހު އެވެ.

"އިންކްރެޑިބަލްސް 2" ގެ ހިންދީ ޓްރެއިލާ.

"އަހަރެން ވަރަށް ބޭނުން ހޮލީވުޑް ފިލްމެއް ކުޅެން. ވަކި ވައްތަރެއްގެ ފިލްމެކޭ ބުނާކަށް ނެތިން. އަހަންނަށް ސްކްރިޕްޓު ކަމުދަންޔާ އެ ފިލްމެއް ކުޅޭނަން. ހިންދީ ފިލްމެއް ކުޅެން އެއްބަސްވާއިރުވެސް އަހަރެން ބަލަނީ ސްކްރިޕްޓު އަހަންނަށް ކަމުދޭތޯ،" އިންޑޯ އޭޝިއާ ނިއުސްއަށް ދިން އިންޓަވިއުގައި ކާޖޮލް ބުންޏެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން ހޮލީވުޑްގައި މިހާރު އެންމެ ކުރީގައި އުޅެނީ ޕްރިޔަންކާ ޗޯޕްރާ އެވެ. ޕްރިޔަންކާ ވަނީ ތިން ސީޒަނަކަށް ދެމިގެންދިޔަ އެމެރިކަން ޓީވީ ސީރީޒް "ކުއެންޓިކޯ" ގައި ލީޑު ނަގާފަ އެވެ. ހޮލީވުޑްގެ ފިލްމު "ބޭވޮޗް" އިން އޭނާ ފެނިގެންދިޔައިރު، މިއަހަރު ފަހުކޮޅުވެސް އޭނާގެ ފިލްމެއް ނިކުންނާނެ އެވެ. އެ ފިލްމަކީ "އަ ކިޑް ލައިކް ޖޭކް" އެވެ.