ވިޔަފާރި

ވީއައިއޭ ފިއުލްފާމްގެ ކޮންކްރީޓް މަސައްކަތް ފަށައިފި

Jun 13, 2018
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތެޔޮ ރައްކާކުރަން ހަދާ އާ "ފިއުލްފާމް" ގެ ކޮންގްރީޓް މަސައްކަތް ފަށައިފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީނިއަ އޮފިޝަލަކު ވިދާޅުވީ ފިއުލް ފާމްގެ ފުރަތަމަ ޓެންކްތަކުގެ ކޮންރީޓް ވޯލްގެ މަސައްކަތް ފަށަފައިވާ ކަމަށެވެ.

"ފުރަތަމަ ތިން ޓޭންކް މި ހަދަނީ. އެއް ޓޭންކްގެ ރިންގް ވޯލް ވަނީ ނިމިފައި މިހާރު ވެލި އަޅައި ފިލް ކުރަނީ. ދެވަނަ ޓޭންކްގެ ރިންގް ވޯލް ވަނީ ކޮންކްރީޓް މަސައްކަތަށް ރެޑީވެފައި،" އޮފިޝަލް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން، ބަހައްޓާ ޓޭންކްތަކުގައި 45 މިލިއަން ލިޓަރުގެ ތެޔޮ ރައްކާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ވީއައިއޭ ފިއުލް ފާމްގެ މަސައްކަތް ވެސް ކުރަނީ ރަންވޭ އާއި ފިއުލް ފާމް އަދި ކާގޯ ބިލްޑިންގެ މަސައްކަތް ހަވާލުވެފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ނެވެ. މި މަޝްރޫއުތައް އެ ކުންފުނިން ކުރަން ހަވާލުވެފައިވަނީ 373 މިލިއަން ޑޮލަރަލަށެވެ.

ފިއުލް ފާމްގެ މަސައްކަތް ވީއައިއޭގައި ފެށިއިރު އެއާޕޯޓުގެ އެކި ހިސާބުތަކަށް ތެޔޮ ފޯރުކޮށްދޭ ހޮޅިތައް ވަޅުލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. "ފިއުލް ހައިޑްރެންޓް" ހޮޅި އެޅުމުގެ މަޝްރޫއުގެ ދަށުން 8.4 ކިލޯ މީޓަރުގެ ހޮޅި އަޅަން ހަމަޖެހިފައިވެ އެވެ.

އައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ކުރާނެ އެވެ. މި މަޝްރޫއުތަކުގެ ބޮޑުބައެއް މި އަހަރު ނިންމޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.