މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތު 4 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ފިތުރު ޒަކާތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް ބަހަން ނިންމާފައިވަނީ 1300 ރުފިޔާ އެވެ. އެ ރުފިޔާ ބަހަން ހަމަޖެހިފައިވަނީ މުޅި ރާއްޖެއިން ފަގީރުންގެ ގޮތު ރަޖިސްޓްރީކޮށްފައިވާ 16،294 މީހުންނަށެވެ. އެއީ ފަގީރުންގެ ގޮތުގައި މާލެއިން ރަޖިސްޓްރީކޮށްފައިވާ 3،299 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ރަޖިސްޓްރީކުރި 12،995 މީހުންނެވެ.
މިދިޔަ އަހަރުގެ އަދަދުތަކާ އަޅާ ބަލާއިރު މިއަހަރު އަތޮޅުތަކުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކުރި މީހުންގެ އަދަދު ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރު އަތޮޅުތަކުން 13،063 މީހުން ފަގީރުންގެ ރަޖިސްޓްރީގައި ޖެހުނެވެ. ނަމަވެސް މިއަހަރު މިއަދަދު ވަނީ 12،995 އަށް ވެއްޓިފަ އެވެ. މާލެއަށް ބަލާއިރު މިދިޔަ އަހަރު ފަގީރުންގެ ރަޖިސްޓްރީގައި 3100 މީހުން ޖެހުނެވެ.
މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ބަހާ މިންވަރާއި ބެހެނިވެރިންގެ ތަފްސީލް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ އިރު، ޒަކާތް ބެހުމުގެ މަސައްކަތް މިނިސްޓްރީން މިއަދު ވަނީ ފަށާފަ އެވެ. އަރަބިއްޔާ ސްކޫލްގައި މިއަދު ފިތުރު ޒަކާތް ބަހަން ހަމަޖެހިފައިވަނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. އައީ ހެނދުނު 10:30 އިން މެންދުރު 12:00 އަށް، މެންދުރު 12:35 އިން ހަވީރު 15:30 އަށް އަދި ރޭގަނޑު 21:00 އިން ރޭގަނޑު 23:00 އަށެވެ.