ކުޅިވަރު

ސްޕެއިންގެ ކޯޗް މަގާމުން ވަކިކޮށްފި

ވޯލްޑްކަޕު ފެށެން 29 ގަޑިއަރަށް ވެފައި ވަނިކޮށް ސްޕެއިންގެ ކޯޗުގެ މަގާމުން ހުލެން ލޮޕެޓެގީ ވަކި ކޮށްފި އެވެ.

ސްޕެއިންގެ ކޯޗުގެ މަގާމުން މިއަދު އޭނާ ވަކިކުރިއިރު ރެއާލް މެޑްރިޑްގެ ކޯޗު ކަމާ އޭނާ ހަވާލުވާނެ ކަމަށް އިއްޔަ ވަނީ އިއުލާން ކޮށްފަ އެވެ.

ޔޫރޯ 2016 އަށް ފަހު ސްޕެއިންގެ ކޯޗު ކަމާ ހަވާލުވި ލޮޕެޓެގީގެ ކޯޗު ކަމުގެ ދަށުން ސްޕެއިން އެއްވެސް މެޗަކުން ބަލިވެފަ އެއް ނުވެ އެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ވޯލްޑްކަޕުގެ ފަހުން ރެއާލް މެޑްރިޑްގެ ކޯޗު ކަމާ ހަވާލު ވާނެ ކަމަށް ލޮޕެޓެގީ އިއުލާން ކުރުމުން ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ވަރަށް ބޯޑަށް ހިތްހަމަނުޖެހުން ފަޅުކޮށްފައިވާ ކަމަށެވެ.

ސްޕެއިންގެ ކޯޗް ކަމާ ލޮޕެޓެގީ ހަވާލުވެ އޭނަ ގެނައި ބަދަލު ތަކުގެ ސަބަބުން، ގިނަ ބައެއްގެ ތައުރީފު އޭނަ އަށް ލިބުނެވެ. ގިނަ ބަޔަކު ބުނީ ސްޕެއިން އަލުން ފޭވަރިޓް ޓީމަކަށް ހެދީ ލޮޕެޓެގީ ކަމަށެވެ.

ކުރިން ރެއާލް މެޑްރިޑާ ބަސެލޯނާ އަށް ކުޅުނު ކީޕަރު ސްޕެއިންގެ ޓީމާ ހަވާލުވީ ޕޯޓޯއަށް ދެ އަހަރު ކޯޗު ކޯށްދިނުމަށް ފަހު އޭގެ ކުރިން އޭނާ ވަނި ސްޕެއިންގެ ޒުވާން އުމުރުފުރާގެ ގައުމީ ޓީމުތަކަށް ކޯޗު ކޮށްދީ ކާމިޔާބު ހޯދާފަ އެވެ.