ސްޕެއިންގެ ކޯޗުގެ މަގާމުން މިއަދު ވަކި ކުރި ހުލެން ލޮޕެޓެގީގެ ބަދަލުގައި އާ ކޯޗަކަށް ރެއާލް މެޑްރިޑްގެ ކުރީގެ އެސިސްޓެންޓް ކޯޗް ފެނާންޑޯ އިއޭރޯ ހަމަޖައްސައިފި އެވެ.
ކުޅުންތެރިޔެއްގެ ގޮތުގައި ރެއާލް މެޑްރިޑަށް ކާމިޔާބު ހޯދައިދިން އެ ޓީމުގެ ކުރީގެ ކެޕްޓަން ރެއާލްުގެ އެސިސްޓެންޓް ކޯޗަކަށް މަސައްކަތް ކުރީ، އެ ޓީމުގެ ކުރިގެ ކޯޗް ކާލޯ އަންޗެއްލޯޓީގެ ދެ ވަނަ އަހަރު އެވެ. އަންޗެލޯޓީއަށް ރެއާލްގެ ކޯޗުކަން 2015 ވަނަ އަހަރު ގެއްލުމުން އިއޭރޯއަށް ވެސް ރެއާލްގެ ވަޒީފާ ގެއްލުނެވެ.
ރެއާލްގެ ކޯޗު ކަމުން މިދިޔަ މަހު 31 ވަނަ ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދިން ޒައިނުއްދީން ޒިދާންގެ ބަދަލުގައި އިއޭރޯ ރެއާލްގެ ކޯޗަކަށް ގެނައުމުގެ ވާހަކަ ކުރިން ދެއްކުނެވެ. ނަމަވެސް އިއްޔަ ރެއާލުން ވަނީ ސްޕެއިންގެ ކޯޗުގެ މަގާމުގައި މިއަދާ ހަމަޔަށް ހުރި ހުލެން ލޮޕެޓެގީ އާއެކު ތިން އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި ސޮއި ކުރަން ހަމަޖެހިފައިވާ ކަން އިއުލާން ކޮށްފަ އެވެ.
ލޮޕެޓެގީއަށް ސްޕެއިންގެ ކޯޗުގެ މަގާމު ގެއްލުނީ ވޯލްޑްކަޕުގެ ފަހުން ރެއާލްގެ ކޯޗުކަމާ އޭނާ ހަވާލުވާނެ ކަމަށް އިއުލާން ކުރުމުންނެވެ.
ވޯލްޑްކަޕުގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ނިކުންނާނީ ޕޯޗްގަލްއާ ދެކޮޅަށެވެ. ސްޕެއިންގެ ކޯޗްގެ މަގާމަށް ހަމަޖެއްސި އިއޭރޯ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައި ވަނީ އެންމެ ސީޒަނެއްގަ އެވެ. އެއީ ސްޕެއިންގެ ދެ ވަނަ ޑިވިޝަން ކުލަބެއް ކަމަށްވާ ރެއާލް އޮވިއޭޑޯގަ އެވެ.