ހަބަރު

މުޒާހަރާއަށް ހިތްވަރުދިން މައްސަލާގައި ފައިސަލަށް ދައުވާނުކުރަން ނިންމައިފި

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމަށް ދައުވާ ނުކުރަން ނިންމައި މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުން ފައިލްކޮށްފި އެވެ.

ފައިސަލްގެ މައްސަލަ ފައިލްކޮށްފައިވާކަން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް ކަށަވަރުކޮށްދިނެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި މައްސަލަ ފައިލް ކޮށްފައިވަނީ އެ މައްސަލައަކީ ޖިނާއީ ދައުވާއެއް ކުރެވޭނެ ފަދަ މައްސަލައަކަށް ނުވާތީ އެވެ.

ފައިސަލްގެ މައްސަލައެއް ފުލުހުން ތަހުގީގުކޮށް ދައުވާ ކުރުމަށް އެދި ފޮނުވީ ނޫސްރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގެ ހުރިހާ ރަށްތަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރުމަށް ހިިތްވަރުދީ ވާހަކަ ދައްކަވާފައިވާތީ އެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓާފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް މީހުން މަގުމައްޗަށް ނުކުތުމަށް ގޮވާލާ، ހިތްވަރުދިން މައްސަލައެއްގައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އިންތިގެ މައްސަލަ ވެސް ތަހުގީގުކުރި އެވެ. އެ ދެ މެންބަރުންގެ މައްސަލަ ފައިލްކުރި ކަމެއް އެނގިފައެއް ނުވެ އެވެ.