ފައިސަލް ނަސީމް

އިދާރާތަކުން ކުށްވެރިންނާ އަރާހަމަކުރަންޖެހޭ: ފައިސަލް

ކުށްކުރުން ހުއްޓުވުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުން ކުށްވެރީންނާ އަރާ ހަމަކުރަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.

ޖެން މޯލްޑިވްސްގައި އެއް ދުވަހަށް ކުރިއަށް ގެންދާ ކްރިމިނަލް ޖަސްޓިސް ސެކްޓާ ހައިލެވެލް ކޮންފަރެންސް ފެށުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ނައިބު ރައީސް ފައިސަލް ވިދާޅުވީ ކުށްކުރާ ގޮތްތަކާއި ބޭނުންކުރާ ވަސީލަތްތައް ބަދަލުވެފައިވާ ކަމަށެވެ.

ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި ކުށުގެ ވެއްޓަށާއި ކުށްވެރީން ކުށްކުރާ ގޮތްތަކަށް ބަދަލު އައިސްފައިވާކަން ފާހަގަކުރައްވާ އެއާ އެއްވަރަށް ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތައްވެސް ކުރިއަރާ އަޕްޑޭޓް ވާންޖެހޭ ކަމަށް ވިދާޅުވި އެވެ.

މިގޮތުން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތަކާއި ވަސީލަތްތައް ފޯރުވައިދޭން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ އަދުލުއިންސާފު ގާއިމްކުރުމުގެ ދާއިރާ ތަރައްގީ ކުރުމަށް މިސަރުކާރުން ވަރަށްބޮޑަށް ސަމާލުކަމެއްދީ މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އަދުލުއިންސާފު ގާއިމުކުރުމުގެ ދާއިރާގައި ރާއްޖޭގައި ހުރި ބައެއް ގޮންޖެހުންތައްވެސް ނައިބު ރައީސް ފައިސަލް ފާހަގަކުރެއްވި އެވެ. މިގޮތުން ރާއްޖޭގެ އާބާދީ ކުޑަކަމާއި އެކަކު އަނެކަކާއި ގާތް މުޖުތަމައަކަށް ވުމުން ނުކުންނަ މައްސަލަތައް ނުކުންނަކަމަށް ވިދާޅުވި އެވެ.

މިޖަލްސާގައި ޖިނާއީ އަދުލުގެ ނިޒާމްގައި ހިމެނޭ އިދާރާތަކުގެ މެދުގައި ފަސޭހަ ކަމާއިއެކު މައުލޫމާތު ބަދަލުކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އިފުތިތާހުކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ދެބައެއް އެކުލެވޭ މިޑާޓާބޭސްގެ ސަބަބުން އިދާރާތަކުގެ މެދުގައި ފަސޭހަކަމާއި އެކު މަޢުލޫމާތު ބަދަލުކުރެވޭއިރު މިނިޒާމުގެ ތެރޭގައި ހިމެނޭ ތަފާސްހިސާބު މަޢުލޫމާތުތައް އާންމު ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުންނާނެ އެވެ.

"އެވިޑެންސް ބޭސްޑް މެނޭޖްމެންޓް އެންޑް ޑިސިޝަން މޭކިން އިން ކްރިމިނަލް ޖަސްޓިސް ސެކްޓާ"ގެ ނަމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ޔުނިސެފާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ފަންނީ އެހީތެރިކަމާއި އެކު ހިންގި ޕްރޮޖެކްޓްގެ ދަށުން އިފުތިތާހު ކުރެވުނު ކްރިމިނަލް ޖަސްޓިސް ޑާޓާބޭސް އުފެއްދުމުގެ މަސައްކަތުގައި އިސްނަގައި މަސައްކަތްކޮށްފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.