ވޯލްޑް ކަޕް 2018

ސޯޝަލް މީޑިއާގައި އެންމެ ނުފޫޒުގަދަ ޓީމަކީ ޕޯޗްގަލް

ވޯލްޑްކަޕުގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން، ސޯޝަލް މީޑިއާގައި އެންމެ މަގުބޫލު ޓީމަކީ ޔޫރަޕްގެ ޗެމްޕިއަން ޕޯޗްގަލް އެވެ.

ޕޯޗުގަލްގެ ކޯޗް ފެނާންޑޯ ސަންޓޯސް، އޭނާގެ ސްކޮޑުގައި ހިމަނާފައިވާ ކުޅުންތެރިންގެ ސޯސަލް މީޑިއާ ފޮލަވާސްގެ ގޮތުގައި 360 މިލިއަން މީހުން އެބަތިއްބެވެ. އެއީ ހަމައެކަނި ފޭސްބުކް އާއި ޓްވިޓާ އަދި އިންސްޓަގްރާމުން އެކަނި ހިމަނައިގެންނެވެ.

ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެކަނި ބެލިޔަސް އޭނާގެ 320 މިލިއަން ފޮލޯވާސް އެބަތިއްބެވެ. އޭނާ އާ އެންމެ ގާތުން ވާދަ ކުރަނީ އޭނާގެ ވާދަވެރި އާޖެންޓިނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ބްރެޒިލްގެ ނޭމާ ޖޫނިއާ އެވެ.

ވޯލްޑްކަޕުގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން މިވަގުތު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ޓްރެންޑް ވަނީ 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން އެވެ. އެއީ މުބާރާތް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ހުލެން ލޮޕެޓެގީ މަގާމުން ވަކި ކުރުމުން އައިސްފައިވާ ބަދަލެކެވެ.

ނަމަވެސް ސޯޝަލް މީޑިއާގެ މަގުބޫލު ޓީމުތަކުގެ ލިސްޓްގައި ސްޕެއިން އަށް ލިބެނީ ތިން ވަނަ އެވެ. ސްޕެއިންގެ މުޅި ސްކޮޑްގެ ފޮލަވާސްގެ ގޮތުގައި ތިބީ 333 މިލިއަން ފޮލަވާސް އެވެ.

ރަޝިއާގެ ވޯލްޑްކަޕުގައި ޖުމުލަ 736 ކުޅުންތެރިން ވާދަ ކުރާނެ އެވެ. އެ ކުޅުންތެރިންގެ ސޯޝަލް މީޑީއާގެ އަދަދު އެއްކޮށް ލުމުން 2.5 ބިލިއަން ފޮލޯވާސްއަށް އަރައެވެ.