ރިޕޯޓް

ވޯލްޑް ކަޕްގެ ތެރެއިން ކުޅޭ އެހެން ވޯލްޑް ކަޕެއް!

Jun 25, 2018
4

ފުޓުބޯޅައިގެ ހުން މިވަނީ އަނެއްކާވެސް މުޅި ދުނިޔެއަށް ޖެހިފަ އެވެ. އެ ހުމުގައި ދިވެހިން ވެސް ރަނގަޅަށް ޖައްސައިފި އެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު އަންނަ ފުޓުބޯޅައިގެ މި އީދު ފެށުމާ އެކު، ވޯލްޑް ކަޕްގެ ޖޯޝާއި ފޯރި ދިވެހިންގެ މެދުގައި ވަކި ހިއްޕާލަނީ އަމަށަކު ވަރަކަށް ނޫނެވެ. ދުނިޔޭގައި ފުޓުބޯޅަ ކުޅޭ އެންމެ މޮޅު ކުޅުންތެރިންގެ ތަފާތު ހުނަރުތައް އެއް ސްޓޭޖަކުން ބަލާލުމުގެ ފުރުސަތު ވޯލްޑްކަޕާ އެކު ލިބޭނެ އެވެ. އަމިއްލަ ގައުމުގެ ކުލަތައް ނޫން ނަމަވެސް، ސަޕޯޓްކުރާ ޓީމަކަށް ދިވެހިން ވެސް ސަޕޯޓް ކުރަނީ ހަމަ ގައުމިއްޔަތުގެ ޖޯޝާއި ފޯރީގަ އެވެ. ފިރިހެނެއް އަންހެނެއް ތަފާތު ކުރުމެއްނެތި އެވެ. ކާފަމެން މާމަމެން އަދި ކޮއްކޮމެން ވެސް ހަމަ އެއް ޖޯޝެއްގަ އެވެ.

ނަމަވެސް، ފަހަކަށް އައިސް ފުޓުބޯޅަ އަށާއި އެމީހެއްގެ ޓީމަށް ކުރާ ސަޕޯޓް މުޅިންހެން ވަނީ ބަދަލުވެފަ އެވެ. ހަނދާނަށް އަންނަނީ ރަށްޓެހިންގެ މެދުގައި ވޯލްޑް ކަޕް ތެރޭގައި އޭރު ކުރެވޭ ބަހުސްތަކަށާއި މަދުން ނަމަވެސް ކުރެވޭ ޒުވާބު ތަކަށެވެ.

"ޖާމަނީއަށް ވުރެ މަގޭ ޓީމު [އާޖެންޓީނާ] މޮޅުވާނެ،" ކޮއްކޮ އާއި ދިމާލަށް ތަކުރާރުކޮށް ބުނެ ދިމާކުރުން މިހާރު މާޒީވެއްޖެ އެވެ. މިހާރު "މަގޭ ޓީމު" އޮންނަނީ ނަމެއްގަ އެވެ. ސަޕޯޓް ކުރާ ޓީމޭ ބުނާއިރު ޓީމުގައި އުޅޭ ގިނަ ކުޅުންތެރިން ނުވެސް ދަނެ އެވެ. ކުޅުންތެރިންގެ ހުނަރާއި ދުރު ވިސްނޭ ޕާސްތަކާއި ކޮޅަށް ތެދުވެވޭ ވަރުގެ މޮޅު ލަނޑުތަކަށް ވުރެ މުޅިން އެހެން ކަމެއް ވޯލްޑް ކަޕްގެ ތެރެއަށް މިހާރު ވަނީ ރަނގަޅަށް ވަދެ ނިމިފަ އެވެ. އެހެން ގޮތަކަށް ބުނަނީނަމަ، ވޯލްޑް ކަޕް ތެރެއިން ކުޅޭ އެހެން ވޯލްޑް ކަޕެކެވެ.

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ނިމުމެއް ނުވާ ބަހުސެވެ. އެންމެ މޮޅީ ކޮން ކުޅުތެރިއެއްކަން ނިންމުން މިހާރު ވަނީ އެއް ބައެއްގެ ކޮންމެ ދުވަހެއްގެ ބޮޑު ހިއްސާއަކަށް ވެފަ އެވެ. ވޯލްޑް ކަޕްގެ ކުރިން މި ބަހުސް އާންމު ގޮތެއްގައި ކުރެވޭނީ ރިއާލް މެޑްރިޑް އަދި ބާސެލޯނާ ފޭނުންގެ މެދުގަ އެވެ. އެހެން ޓީމުތަކުގެ ސަޕޯޓަރުންގެ މާބޮޑު ސަމާލުކަމެއް އާންމު ގޮތެއްގައި މި ޒުވާބަކަށް ލިބޭ ތަނެއް ނުފެންނާނެ އެވެ.

ފާއިތުވި ދެ ވޯލްޑް ކަޕުގައި ޓީމުތަކަށް ވުރެ މި ދެ ކުޅުންތެރިން މުހިންމުވެފައިވާ ކަން ފާހަގަ ކުރެވެ އެވެ. ތަށި އުފުލާލާނީ ކޮން ޓީމެއްތޯ އަހާލާ މީހަކު ވެސް މަދެވެ. ރަނގަޅަށް ފުޓުބޯޅަ ނޭނގޭ މީހުން ވެސް ބޭނުންވާނީ "މެސީ ނޫނީ ރޮނާލްޑޯ ތޯ"؟ ސުވާލު ކުރާށެވެ. އެއް މަސް ދުވަހަށް ދެމިގެންދާ ފުޓުބޯޅައިގެ މި ޖާފަތުގެ ރަހަ ރަނގަޅަށް މިހާރު ނުވެސްލަ އެވެ. އެ ދެ ކުޅުންތެރިން ކޮންމެ އަހަރަކު ކުލަބް ފުޓުބޯޅައިގައި ކުރި ކަމެއް ނޭނގޭ މީހަކު، ކޮންމެ ހަތަރު އަހަރުން އެއް ފަހަރު އެ ދެ ކުޅުންތެރިން ކުޅޭ ކުޅުމަށް ބަލައިގެން ގޮތެއް ނިންމާނެ ގޮތެއް ނުވިސްނެ އެވެ. ދުވަހަކު ފުޓުބޯޅަ ނުބެލިއަސް ވަރިހަމަތާ އެވެ. ފޭސްބުކާއި ޓްވިޓާގައި ހުސް ރޯނު އެދުރުންނެވެ. މުޅި ދުނިޔޭގައި ނަން ހިނގާ އެނަލިސްޓުންނަށް ވުރެ މޮޅެވެ. ސްޓޭޓަސްތަކުގައި ހިއްސާކޮށްލަނީ ސިއްސައިގެންދާ ވަރުގެ އެނަލިސިސްތަކެވެ. އެ ދެ ކުޅުންތެރިން އެ ދުވަހު ނުކުޅުނަސް ފަރުވާލެއް ނެތެވެ. ޖަރުމަނާއި މެކްސިކޯ ކުޅޭ ދުވަހު ވެސް އޮންނާނީ މެސީ-ރޮނާލްޑޯގެ ބަހުސެވެ. ސްޕެއިނަށް ސަޕޯޓް ކުރާ ކަމަށް ދައުވާ ކުރާ މީހާ އަށް ވެސް ޓީމު ބަލިވިޔަސް މާޔޫސްކަމެއް ނެތެވެ. ޓީވީ ނިއްވާލުމާއެކު އަނެއްކާވެސް މަސްއޫލުވެ ބިޒީ ވާނީ މެސީ ނޫނީ ރޮނާލްޑޯގެ ދިފާއުގަ އެވެ. މެޗު ބަލާ ގަޑީގައި ވެސް ތިމާ "ސަޕޯޓް" ކުރާ ޓީމު މޮޅުވޭތޯ ބަލާކަށް ބޭނުންވާހެން ހިއެއް ނުވެ އެވެ.

މުޅި ދުނިޔެއަަށް މިހާރު ވަނީ މި "ވަބާ" ފެތުރިފަ އެވެ. ދިވެހިން ވެސް މިކަމެއްގެ އަވާގައި ރަނގަޅަށް ޖެހިއްޖެ އެވެ. މެސީ އަކީ ވަރަށް މޮޅު ކުޅުންތެރިއެކެވެ. އެކަމަކު އޭނާގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ އޮތީ މުބާރާތުން ކެޓުމުގެ ތުންފަތްމަތީގަ އެވެ. ރޮނާލްޑޯ އަކީ ވެސް ހަމަ އެހާމެ މޮޅު ކުޅުންތެރިއެކެވެ. އޭނާ އަކީ މި ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ގޯލްޖެހި އެއް ކުޅުންތެރިއާ އެވެ. އެކަމަކު އޭގެ ތެރެއިން އެންމެ މޮޅީ ރޮނާލްޑޯ ކަމުގައި ނިންމޭނެ އެއްވެސް ހަމައެއްނެތެވެ. ފުޓުބޯޅަ އަކީ ޓީމު ކުޅިވަރެކެވެ. ޓެކްނިކަލް ވެސް ކުޅިވަރެކެވެ. ގިނަ ފަހަރު ވަކިވަކި ކުޅުންތެރިންގެ ހުނަރަށް ވުރެ ކޯޗުގެ ރޭވުން ވެސް މުހިންމުވެ އެވެ. ހާއްސަކޮށް ވޯލްޑް ކަޕް މެޗެއް ކާމިޔާބުވުމުގެ ފަހަތުގައި އެތަކެއް ސަބަބުތަކެއް ހުންނާނެ އެވެ. މެޗެއްގެ 90 މިނެއްޓު ތެރެއިން ދެ ބައިކުޅަ އެއްބައި ފޯނަށް ލޯދީގެން އިނދެފައި، ކުޅުންތެރިއެއްގެ ފެންވަރު ދެނެގަނެވޭނީ ކިހިނެއް ހެއްޔެވެ.

ތިޔަ ކުރާ ބޭކާރު ބަހުސް ބާއްވަމާ ހިނގާށެވެ. ތިމާގެ އަމިއްލަ ޓީމަށް ސަޕޯޓް ކުރަމާ ހެއްޔެވެ. ދުނިޔޭގެ ފެންވަރުގައި ތަފާތު މޮޅު ކުޅުންތެރިން މި ވޯލްޑް ކަޕްގައި އެބަ ކުޅެ އެވެ. އަދި މުޅިން އާ ތަރިން އުފަން ވެސް ވާނެ އެވެ. އެމީހުންގެ ހުނަރަށް ވެސް ސަމާލުކަންދޭށެވެ. ފުޓުބޯޅާ އާއި ވޯލްޑް ކަޕުގެ ހަގީގީ ފޯރިއަށް ތިޔަ ޒުވާބު ގަނޑުން ހިޔަނި އެޅުނަ ނުދޭށެވެ. މެސީ އަދި ރޮނާލްޑޯ އަކީ ފަހުގެ ޖީލުގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން ކަމާ މެދު ޝައްކެއް ނުކުރެވޭނެ އެވެ. މި ދެ ކުޅުންތެރިންގެ ހުނަރުވެރި މޮޅު ކުޅުން ރަނގަޅަށް ބަލަމާ ހިނގާށެވެ. މުސްތަގުބަލުގައި މި ދެ ކުޅުންތެރިން އެކުގައި ނުފެނިދާނެތީ އެވެ. ހަގީގަތުގައި ވެސް މިއީ ރޮނާލްޑޯ އާއި މެސީ ކުޅޭ ފަހު ވޯލްޑް ކަޕަށް ވުން ވަރަށް ގާތް ވީމަ އެވެ.