މިދިޔަ އަހަރު ކްލިފިން ފްރާންސިސް ނަކަމަށް ކިޔާ މީހަކު އޭނާގެ ގޭގައި އިންދާ، ވޯލްޑް ކަޕް ބަލަން ރަޝިޔާއަށް ދާނަންތޯ ރަށްޓެއްސަކު މަޖަލަކަށް އެއްސެވެ.
"ޔަގީން ދާނަން،" ވަގުތީ ހިސާބު ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި އިންޑިއާގެ ކެރެލާގައި މަސައްކަތް ކުރާ ފްރާންސިސް ބުނެލި އެވެ. ނަމަވެސް ދުވާލަކު އެންމެ 40 ޑޮލަރު ލިބޭ ފްރާންސިސްއަކަށް، ރަޝިޔާ ފަދަ ގައުމަކަށް ދަތުރު ކުރުމުގެ ހަރަދަކަށް އޭރު ނުވިސްނަ އެވެ.
"އޭނގެ ފަހުން އަހަރެންނަށް ވިސްނުނު އަހަރެންނަކަށް ރަޝިޔާއަށް ގޮސް އެތަނުގައި އެއް މަސް ދުވަސް މަޑުކުރަން ދާ ހަރަދެއް ހަމަނުޖެއްސޭނެކަން. ދެން ވިސްނަން ފެށިން، ރަޝިޔާ އަށް ދެވޭނެ އެންމެ ހަރަދު ކުޑަ ގޮތަކީ ކޮބައިތޯ. ދެން ބޮލަށް އައީ އެ ސުވާލުގެ ޖަވާބު. ބައިސްކަލުގައި ދިޔުން."
އެ ވާހަކަ ރަށްޓެހިން ގާތު ބުނުމުން އެކަކުވެސް ގަބޫލެއް ނުކުރި އެވެ. ބައެއް މީހުން މަލާމާތް ވެސް ކުރި އެވެ. ނަމަވެސް އެހިސާބަށް ދިޔައިރު، ރަޝިޔާއަށް ވާލްޑް ކަޕް ބަލާލަން ދިޔުމަށް ފްރާންސިސް އަޒުމް ކަނޑައަޅައިފި އެވެ.
ފެބްރުއަރީ 23 ވަނަ ދުވަހު ފްރާންސިސް އޭނާގެ މަންޒިލަށް މިސްރާބު ޖެހި އެވެ. އޭނާގެ ހީރޯ، އާޖެންޓީނާގެ ކެޕްޓަން ލިއަނަލް މެސީ ކުޅޭތަން ބަލައިލުމަށެވެ. އޭނާގެ ދަތުރުފެށީ ފުރަތަމަ ކެރެލާއިން ދުބާއީއަށް ވައިގެ މަގުންނެވެ. ދެން ފެރީއެއްގައި އިރާން އަށެވެ. އެހެން ނަމަވެސް، ފްރާންސިސްގެ މަންޒިލް، ރަޝިޔާގެ ވެރިރަށް މޮސްކޯ އަދިވެސް އޮތީ 4،200 ކިލޯމީޓަރު ދުރުގަ އެވެ. ފައިން އަނބުރައިގެން ބައިސްކަލުގައި ކުރެވޭ ހިތްވަރެއްގެ މަތީގަ އެވެ.
"އަހަރެން ވަރަށް ބައިސްކަލު ދުއްވާ ހިތްވޭ. އަދި އަހަރެންނަކީ ފުޓުބޯޅަ އައިގެން މޮޔަވާ މީހެއް. އަހަރެން ކުރިކަމަކީ އަހަރެން އެންމެ ގަޔާވާ ދެ ކަންތައް އެއްކޮށްލީ،" ފްރާންސިސް ބީބީސީ އަށް ބުނެފައިވެ އެވެ.
އޭނާ ފުރަތަމަ ގަސްދުކުރީ ޕާކިސްތާނު މަގުން ރަޝިޔާއަށް ދާށެވެ. ނަމަވެސް، އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު އޮންނަ ގުޅުން ގޯސްކަމުން އޭނާއަށް އެ ހިޔާލު ދޫކޮށްލަން މަޖުބޫރުވި އެވެ.
"ޕްލޭން ބަދަލު ކުރަން ޖެހުމުން ހަރަދު އިތުރަށް ބޮޑުވި. ދުބާއީ އަށް އަހަރެންގެ ބައިސްކަލު ނުގެންދެވޭތީ، އަހަރެން ޖެހުނީ 700 ޑޮލަރު ދީފައި އާ ބައިސްކަލެއް އެތަނުން ގަންނަން. ދުރު ރާސްތާއަކަށް އެހާ ރަނގަޅު ބައިސްކަލެއް ވެސް ނޫން އެއީ. އެކަމަކު އަތުގަ އެހާ ފައިސާ ނެތީމަ އިތުރު ގޮތެއް ނެތް."
މާޗް 11 ވަނަ ދުވަހު އިރާނަށް އެތެރެވުމާއެކު އޭނާގެ މާޔޫސްކަން ފިލާ ދިޔަ އެވެ. ދުނިޔޭގައި އޮތް އެންމެ ރީތި ގައުމުގައި އިރާނު ސިފަ ކުރަމުން ފްރާންސިސް ބުނީ 45 ދުވަސް އޭނާ އެގައުމުގައި ހޭދަކުރި ނަމަވެސް، ހޮޓަލެއްގައި އޭނާ ހުރީ އެންމެ ދެ ދުވަހެވެ. ދުވާލަކަށް އެންމެ 10 ޑޮލަރުގެ ބަޖެޓެއް ހަމަޖައްސައިގެން ހުރި ފްރާންސިސް އަށް އިރާނުގެ އެކި ގޭގެއިން ހުރުމާއި ކެއުމުގެ ދައުވަތުތައް ލިބުނު ކަމަށެވެ.
ދެން ފްރާންސިސް އެތެރެވީ އަޒަބައިޖާން އަށެވެ. ނަމަވެސް، އެ ގައުމުގެ ބޯޑަރު ސިފައިން އޭނާ ހުއްޓުވި އެވެ. އަތުގައި ހުރި ލިޔެ ކިޔުންތަކުގައި ހުރި ފޮޓޯ ދިމާނުވާތީ އެވެ. އެހާ ދުވަސް ވަންދެން ބައިސްކަލުގައި އުޅެން ޖެހުމުން ފްރާންސިސް ހުރީ އެއްކޮށް ހިކި ވަރަށް ބޮޑުތަން އަނަރޫފަވެފަ އެވެ.
"ޕާސްޕޯޓްގައި އިން ފޮޓޯ އާއި އެއްވެސް ވައްތަރެއް ނޫން ވިއްޔަ. އެމީހުން ގާތްގަނޑަކަށް އަށް ގަޑިއިރު ވަރު އަހަރެން ހިފެހެއްޓި."
މަންޒިލް ވަރަށް ގާތްވެފައި ވަނިކޮށް ފްރާންސިސް އަށް އަނެއްކާވެސް އިތުރު ގޮންޖެހުމަކާއި ކުރިމަތިވި އެވެ. ހުރިހާ ލިޔެކިޔުންތަކެއް ހުރިނަމަވެސް ފްރާންސިސް އަށް ޖޯޖިއާ އަށް އެތެރެވެވޭ ގޮތެއް ނުވި އެވެ.
"ވަރަށް އުނދަގޫ ގޮތެއްވީ. އެއީ އަހަރެން އަތުގަ އޮތީ އަޒަބައިޖާން އަށް ސިންގަލް އެންޓްރީ ވިސާ އެއް. ޖޯޖިއާ އަށް ނޭރުވީމަ އެނބުރި އަޒަބައިޖާނަށް ވެސް ދެވޭނެ ގޮތެއް ނެތް."
އަޒާބައިޖާނަށް އެނބުރި ވަންނަށް ވަގުތީ ވިސާ އެއް ހޯދައިގެން، ފްރާންސިސް ބެލީ ރަޝިޔާ އަށް އެތެރެވެވޭނެ އެހެން ގޮތެއް ހޯދާށެވެ.
"ދެން މީހަކު ބުނީ އަޒަބައިޖާން އާއި އިންވެގެން ރަޝިޔާގެ ޑަގެސްތާނު ސަރަހައްދު އޮންނަ ވާހަކަ. އެތަނަށް ދިޔަ ފަހުން އެނގުނީ އެއީ އެހާ ރައްކާތެރި ސަރަހައްދެއް ނޫންކަން. އެކަމަކު އެހެން ގޮތެއް އޭރު ނެތީމަ، ޖޫން 5 ގައި ޑަގެސްތާނަށް އެތެރެވީ."
މިހާރު ފްރާންސިސް ހުރީ މޮސްކޯ އާއި 460 ކިލޯމީޓަރު ދުރުގައި އޮންނަ ޓޮމްބޯވް ސިޓީގަ އެވެ. އޭނާ ޖޫން 26 ގެ ކުރިން މޮސްކޯ އަށް އަރަންޖެހޭނެ އެވެ. މެސީގެ ކިތަންމެ ބޮޑު ފޭނެކަށް ވިޔަސް، ފްރާންސިސް އަށް ހަމައެކަނި ލިބުނީ ޖޫން 26 ގައި ފްރާންސް އާއި ޑެންމާކު ކުޅޭ މެޗުގެ ޓިކެޓެވެ.
އެކަމަކު މެސީ އާއި ބައްދުވުމުގެ އުންމީދު ފްރާންސިސް ދޫކޮށެއްނުލަ އެވެ. އޭނާ ބޭނުންވަނީ މެސީ އޭނާގެ ބައިސްކަލުގައި ސޮއި ކޮށްލުމެވެ.
ފްރާންސިސް އުއްމީދު ކުރާ އެހެން ކަމެއް ވެސް އޮވެ އެވެ. ވާލްޑް ކަޕެއްގައި އިންޑިއާ ކުޅޭތަން ފެނުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، އެކަން ވާނީ ގިނަ ކުޑަކުދިން ފުޓުބޯޅަ ކުޅެން ފެށުމުންނެވެ.
އޭނާގެ މަގްސަދަކީ ވެސް މި އެވެ. ފުޓުބޯޅަ ދެކެ އޭނާ ވާ ލޯބިން ކުރި މި ދަތުރުގެ ވާހަކަ އިވިގެން، އެންމެ ކުއްޖަކު ވެސް ފުޓުބޯޅަ ކުޅެން ފަށައިފި ނަމަ އޭނާގެ މަގްސަދު ހާސިލްވީ އެވެ.