ކުޅިވަރު

މިއީ މެސީގެ ފަހު ވޯލްޑްކަޕަށް ވެދާނެ!

އިތުރު ވޯލްޑްކަޕެއްގައި ކުޅޭނެތޯ ނިންމަން އެނގޭނީ މިފަހަރު ވޯލްޑްކަޕުގައި އާޖެންޓީނާ ދައްކާ ކުޅުމުގެ މައްޗަށް ބިނާކޮށް ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

މި ފަހަރުގެ ވޯލްޑްކަޕަކީ، ބާސެލޯނާގެ ކެޕްޓަންގެ ހަތަރު ވަނަ ވޯލްޑްކަޕެވެ. ގަތަރުގައި 2022 ގައި ބާއްވާ ވޯލްޑްކަޕަށް ދާއިރު މެސީއަށް 34 އަހަރު ވާނެ އެވެ.

އާޖެންޓިނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާއާ އަޅާ ކިޔާއިރު މެސީ އަށް، އާޖެންޓީނާގައި އޮތް ޕްރެޝަރުވެސް ބޮޑެވެ. ގައުމީ ޓީމަށް ކާމިޔާބު ހޯދައިދިނުމުގައި މެސީއަށް ކުލަބުގައި ދައްކާ ޖާދޫ ނުދެއްކޭ ކަމަށް ބުނެ ކުރިމަތިވާ ފާޑުކިޔުންތައް ވަރަށް ބޮޑެވެ. އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޕްރެޝަރު ތަކާ ހެދި 2016 ވަނަ އަހަރު ކޮޕާ އެމެރިކާ މުބާރާތަށް ފަހު އޭނާ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފަ އެވެ. ފަހުން ނިންމުން އަނބުރާ ގެނައީ އެވެ.

"އަހަރެން ކައިރި ވަރަށް ގިނަ ފާރާތްކުން އަހަމުން އެބަދޭ މިއީ އަހަރެންގެ އެންމެ ފަހު ވޯލްޑްކަޕު ހޭ، އަހަންނަކަށް އެކަމެއް ޔަގީނެއް ނޫން،" ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދާފައިވާ މެސީ ބުންޏެވެ.

"އަހަރެން އެކަމަކާ ނުވިސްނަން، އަހަރެން ހިޔާލަށް ގެންނަނީ އެކަމާ ބެހޭޣޮތުން ގޮތެއް ނިންމާނީ މި އެއް މަސް ދުވަސްތެރޭ ރަޝިއާގައި އަހަރެމެން ކުރާ މަސައްކަތުންނޭ."

އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގެ ތައްޓާ ވަރަށް ކައިރިއަށް އަޖެންޓީނާ އަށް ދެވުނެވެ. ފައިނަލުގައި އެ ޓީމު ބަލިވީ ޖަރުމަން އަތުންނެވެ. މެސީ ބުނީ އެ މުބާރާތުގެ ތަޖުރިބާއިން އާޖެންޓީނާ އަށް ހިތްވަރު ހޯދޭނެ ކަމަށެވެ.

"އެ މުބާރާތުން ވަރަށް ގިނަ ކަންކަން ދަސްވި، އަހަރެމެން ކުރިއަށް ދާން ޖެހޭނީ މެޗަކަށް ފަހު މެޗަކަށް ސަމާލުކަން ދެމުން، އަހަރެމެން ގެންގުޅެން ޖެހޭނީ އެ ވިސްނުން،" އޭނާ ބުންޏެވެ. "ޖަރުމަނާ ދެކޮޅަށް ކުޅުނު [ފައިނަލް] މެޗުގައި ތައްޓާ ވަރަށް ގާތަށް އަހަރެމެންނަށް ދެވުނު އަހަަންނަށް ހީވަނީ އެ މެޗުން މޮޅުވުން އަހަރެމެންނަށް ހައްގު ހެން، އެހާހިސާބަށް ގޮސް މޮޅު ނުވެވުމަކީ ވަރަށް އުނދަގޫ ކުރިމަތި ކަމެއް."