ސްޕެއިންގެ ސަރުކާރަށް ޓެކްސް ދެއްކުމުގައި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މަކަރު ހަދާފައިވާ ކަމަށް، ސްޕެއިންގެ ޓެކްސް އިދާރާއިން ހުށަހަޅާފައިވާ މައްސަލައިގައި ރޮނާލްޑޯއާ ދެކޮޅަށް ހުކުމު ކުރަން ތައްޔާރު ވެއްޖެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފި އެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ، ރޮނާލްޑޯ ޓެކްސްއަށް މަކަރު ހަދާފައިވާ ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ކޯޓުން ހުކުމު ކުރާނެ ކަމަށް ބެލެވެނީ ދެ އަހަރު ދުވަހަށް ރޮނާލްޑޯ ޖަލަށް ލުމަށާއި 18.8 މިލިއަން ޔޫރޯގެ ޖޫރިމަނާއެއް ދެއްކުމަށެވެ.
ސްޕެއިންގެ ދުވަހު ނޫސް އެލް މުންޑޫއިން ބުނެފައި ވަނީ، ރޮނާލްޑޯއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޓެކްސް އެތޯރިޓީގެ އާ ޑިރެކްޓަރު ފަސް ނުޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
ޓެކްސްގެ ތުހުމަތު ތަކާ ގުޅިގެން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓަޑަށް ކުޅުނު ރޮނާލްޑޯ ކުރިން ބުނެފައި ވަނީ ޓެކްސް ދެއްކުމުގައި އޭނާ އަމަލު ކުރަނީ އިނގިރޭސި ވިލާތުގައި އޭނާ އަމަލު ކުރި ގޮތަށް ކަމަށާއި ސްޕެއިންގެ ވަކި ތަފާތު ގޮތަކަށް އަމަލު ނުކުރާ ކަމަށެވެ. އެހެންވެ ޓެކްސްގެ ތުހުމަތާ ގުޅިގެން ރޮނާލްޑޯ ވަނީ އޭރު ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ.
ސްޕެއިންގައި ޓެކްސްއަށް މަކަރު ހެދުމަކީ ޖިނާއި ކުށެކެވެ. އެލް މުންޑޫއިން ބުނެފައި ވަނީ ޖަލު ހުކުމުގެ މަރުހަލާ ޖޫރިމަނާއަކަށް ބަދަލު ކޮށްދިނުމަށް ރޮނާލްޑޯގެ ފަރާތުން ހުށަހާޅާފައިވާ ކަމަށެވެ.
ވޯލްޑްކަޕުގައި، ރޮނާލްޑޯ މިރޭ ނިކުންނާނީ ސްޕެއިން އާ ދެކޮޅަށެވެ. ސްޕެއިންގެ މީޑިއާތަކުން ރޮނާލްޑޯގެ ޓެކްސްގެ މައްސަލަ މިއަދު އަލުން ފެންމަތި ކުރުމުން، އެއީ ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗަށް ރޮނާލްޑޯ ޕްރެޝަރަށް ވައްޓާލުމަށް ކުރި ކަމެއް ކަމަށް ބެލެވެ އެވެ.