ބޮލީވުޑް

އަކްޝޭގެ "ގޯލްޑް" އިންޑިއާގެ މިނިވަން ދުވަހު

އެކްޝޭގެ ގިނަ ފިލްމުތަކެއްގެ މަސައްކަތްތައް ކުރިއަށް ތާވަލު ކުރެވިފައި އެބަ ހުއްޓެވެ. މިއަހަރު އޭނާގެ ފުރަތަމަ ފިލްމަކަށް ނިކުތީ މިދިޔަ ފެބްރުއަރީ މަހު ރިލީޒްކުރި "ޕެޑްމޭން" އެވެ. ދެން އެންމެ އަވަހަށް އެކްޝޭ ފެނިގެންދާނީ އަންނަ އޮގަސްޓު 15 ގައި ރިލީޒްކުރާ ފިލްމު "ގޯލްޑް" އިންނެނެވެ.

"ގޯލްޑް" ގެ ފުރަތަމަ ޕޯސްޓަރު އިއްޔެ ވަނީ އާންމުކޮށްފަ އެވެ. މި ފިލްމަކީ އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމުން އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވެ ގޯލްޑް މެޑަލް ހޯދި ފުރަތަމަ މީހާގެ ވާހަކަތައް ގެނެސްދޭ ފިލްމެކެވެ. މި ފިލްމު ރިލީޒު ވެސް ކުރަނީ އިންޑިއާގެ މިނިވަން ދުވަހު އެވެ.

ފިލްމުގެ ވާހަކަ ލިޔުނީ ރީމާ ކަގްތީ އާއި ރާޖޭސް ދޭވްރާޖް އެވެ.

އަކްޝޭއާއެކު މި ފިލްމުން ބޮލީވުޑަށް އަލަށް ތައާރަފުވާ ބަތަލާ މޯނީ ރޯއީވެސް ފެނިގެންދާނެ އެވެ. ހިންދީ ޓީވާ ޑްރާމާތަކުން ގިނަ ބައެއް ލޯބި ހޯދި މޯނީ ފެނިގެންދާ އިތުރު ފިލްމުތަކެއްވެސް ކުރިއަށް އެބަހުއްޓެވެ. އެ ފިލްމުތަކުގެ ތެރޭގައި "ބްރަހަމަސްތްރާ" އާއި "ރޯ" ހިމެނެ އެވެ.

ރީމާ ޑައިރެކްޓުކުރާ މި ފިލްމުގައި އެކްޝޭ އާއި މޯނީގެ އިތުރުން މުހިންމު ރޯލުތަކުން ކުނާލް ކަޕޫރް އާއި އަމިތް ސާދް ފެނިގެންދާނެ އެވެ. އެކްސެލް އެންޓަޓެއިންމަންޓުގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމު ޕްރޮޑިއުސްކުރަނީ ރިތޭޝް ސިދްވާނީ އާއި ފަރްހާން އަޚްތަރް އެވެ.