ވިޔަފާރި

އެނބޫދޫ ފަޅު ހަދާ ކުންފުނިން ހަ ރިސޯޓެއް ގަންނަނީ

Jun 18, 2018
1

މަތީ ފަންތީގެ ގިނަ ރިސޯޓުތަކާއެކު ކ. އެނބޫދޫފަޅު ހިއްކައިގެން ރިސޯޓުތައް ހަދާ ކުންފުނިން ރާއްޖޭގެ ކޮނޮއްޓާ ރިސޯޓާއެކު ބޭރުގެ ހަ ރިސޯޓެއް ގަންނަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން އެނބޫދޫ ފަޅު ތަރައްގީ ކުރާ ތައިލެންޑުގެ ސިންހާ ކުންފުނިން އެމެރިކާގެ ހަވާއީގެ އައުޓްރިގާ ކުންފުނިން ރިސޯޓު އަދި ހޮޓާ ހިންގާ ހަ ގައުމެއްގެ ޕްރޮޕަޓީތައް ގަންނާނެ އެވެ. ވިޔަފާރީގެ މި މުއާމަލާތުގެ އަގު 310 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެ އެވެ.

ސިންހަ ކުންފުނިން ގަންނަ ރިސޯޓުތައް

  • ލެގޫނާ ޕުކެޓް ބީޗް ރިސޯޓް
  • އައުޓްރިގާ ކޮށް ސަމޫއީ ބީޗް ރިސޯޓް
  • އައުޓްރިގާ ފިޖީ ބީޗް ރިސޯޓް
  • ކާސްޓްއަވޭ އައިލެންޑް އިން ފިޖީ
  • އައުޓްރިގާ މޮރިޝަސް ބީޗް ރިސޯޓް
  • އައުޓްރިގާ ކޮނޮއްޓާ ބީޗް ރިސޯޓް

ސިންހަ ކުންފުނިން ރާއްޖެއިން ގަންނަ ގދ. ކޮނޮއްޓާއަކީ ފަސް ތަރީގެ ރިސޯޓެކެވެ. މި ރިސޯޓުގައި މަތީ ފަންތީގެ 53 ވިލާ ހުރެ އެވެ. މިއީ ދުނިޔޭގެ ގިނަ އެވޯޑުތަކެއް ލިބިފައިވާ ކުންފުންޏެކެވެ.

ސިންހަ ކުންފުނިން ހިންގާ ވިޔަފާރީގެ ބޮޑު މި މުއާމަލާތާއެކު، އެ ކުންފުނީގެ ދަށަށް 895 ކޮޓަރި އިތުރުވެގެންދާނެ އެވެ.

ތައިލެންޑުގެ ދެވަނައަށް އެންމެ ބޮޑު ކުންުފުނިން ދަނީ އެނބޫދޫ ފަޅުގައި މަތީ ފަންތީގެ ނުވަ ރިސޯޓެއް ހުޅުވަން ތައްޔާރު ކުރަމުންނެވެ. މީގެ އިތުރުން މި ތަންތަނުގައި ޑިއުޓީ ފްރީތަކާއި މަޝްހޫރު ހާޑްރޮކް ކެފޭއެއްގެ އިތުރުން ކަލްޗަރަލް ސެންޓަރާއި މެރިން ލައިފް ސެންޓަރެއް ވެސް ހުންނާނެ އެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތިން ރަށެއް ތަރައްގީކުރާއިރު މި ތަންތަނަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ހިންގާ ރިސޯޓުތަކުގައި ޖުމްލަ 1،300 ކޮޓަރި ހުންނާނެ އެވެ.