(12 ޖޫން 2018 އާ ގުޅޭ) -- "ހެޕީ ނިއު އިއާ ސްކާލެޓް" އަރްސަލް ބުނެލިއެވެ.
"ޔޫ ޓޫ... ސޯ!... ބައްޕައާ ވާހަކަދައްކައިފިންތަ؟ އާ އަހަރެއް މި ފެށުނީ... އާ ފުރުޞަތެއް މީ" ނިމްރާ ބުންޏެވެ.
"ނޮޓް ޔެޓް... ހޮޓެލްގެ ކަންތައް ނިންމާފައި. މިވަގުތު އަހަރެންގެ ހުރިހާ ސަމާލުކަމެއް ދޭން ބޭނުންވަނީ ހޮޓެލްއަށް. ހުޅުވުމަށްފަހު، އޭގެ ފަހުގައި... އައި ޕްރޮމިސް. އައި ވިލް ފައިންޑް އައުޓް" އަރްސަލް ހިނިތުންވެލިއެވެ.
އެކަކު އަނެކަކަށް އައު އަހަރުގެ ތަހުނިޔާ ކިޔެވެ. އެންމެން އެކުގައި ޓެރެސްގައި ބަހައްޓާފައި ހުރި މޭޒު ދޮށުގައި އިށީނެވެ. އެކި ވާހަކައިގައި އެންމެން ތިއްބާ އަރްސަލްގެ ޖީންސުގެ ޖީބުން ފޯނު ނަގަމުން އިޝާރާތްކޮށްލީ އޭނާއަށް ފޯނެއް އަންނަނީ ކަމުގައެވެ. އަޑުގަދަކޮށް ވާހަކަދައްކަމުންދިޔަ ޝިހާނާ ވެސް ވަގުތުން ވާހަކަދެއްކުން ހުއްޓާލިއެވެ.
"ކީކޭ ކީފާ" ފޯނުކޯލަށް ޖަވާބު ދިނުމަށް ކަންފަތުގައި ފޯނު ޖައްސާލި ގޮތަށް އަރްސަލް ބުނެލިއެވެ. މޭޒު ދޮށުގައި ތިބި ރާދިންއާއި ޝިހާނާގެ ނަޒަރު އަރްސަލްއަށް ހުއްޓުނު އިރު ނިމްރާއަށް ވެސް އިނދެވުނީ އަރްސަލްއަށް ބަލާށެވެ. އާ އަހަރުގެ ތަހުނިޔާ އަރްސަލް ކިޔާލި ގޮތުން ފޯނުކޯލުގެ އަނެއްކޮޅުން ކީފާ ވެސް ތަހުނިޔާ ކީ ކަން އެންމެންނަށް އެނގުނެވެ. ކީފާ ބައްދަލުކުރަން އެދުނީކަން ވެސް އެންމެންނަށް އެނގުނީ އަރްސަލް ދިން ޖަވާބުންނެވެ. އާ އަހަރު ފާހަގަ ކުރުމަށް މާބޮޑުކަމެއް ނުކުރަންކަމާއި މިރޭ ބޭރަށް ނުކުންނަން އޭނާ ގަސްދުނުކުރާކަން އަރްސަލް ހާމަކުރިއެވެ. ވަރަށް އަވަހަށް އަނެއްކާ ވެސް އޮފީހުން ކީފާއާ ބައްދަލުވާނޭކަން އަރްސަލް ހާމަކޮށް ފޯނުކޯލު ދިގުނުކޮށް އޭނާ ކޯލު ކަނޑާލިއެވެ. އެކަކުވެސް ކީފާ ދެއްކި ވާހަކައެއް އޮޅުން ފިލުވުމަށް އަރްސަލްއާ ސުވާލެއް ނުކުރިއެވެ.
* * * * *
އެންމެން އެކުގައި އެނބުރި އައިސް އެޕާޓްމެންޓަށް ވަނީ ދަންވަރު އެކެއްޖެހި ފަހުންނެވެ. ހަލަފް ވަދެގެން އައިގޮތަށް ސޯފާތަކުން ސޯފާއަކަށް ވެއްޓިގަތުމާއެކު ވަރަށް ވަރުބަލިކަމަށް ބުނެލިއެވެ.
"ކޮންމަސައްކަތެއްކޮށްގެން ތިހާ ވަރުބަލިވީ؟ ސޯޝަލް މީޑިއާގައި އަންހެން ކުދީންނާ ވާހަކަދައްކާ ދައްކާ ވަރުބަލިވީތަ؟" ޝިހާނާ ދިމާކޮށްލިއެވެ.
"ރީތި މީހުންނާ ދޯ ރީތި ކުދީން ވާހަކަދައްކާނީ؟ އެހެންނޫނަސް އެ މީހުން އަހަންނާ ޗެޓުކުރުމަކީ އަހަރެން ކުރާނެކަމެއްނޫނެއްނު. އާނާސިސް ޖޭ ނުވެބާ... އާނާސިސް ވެސް ބިޓެއް ނަގާބަލަ. ރާދުބެއާ ރައްޓެހިވާންވީނު. ތި ދެ މީހުން ވަރަށް ގުޅޭ" ސޯފާގައި ހުރި ކުޝަންތަކުން ކުޝަންއެއް ނަގައި ބޯދަށަށް ލައްވާލަމުން ހަލަފް ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތައް އަހާފައި ހަލަފްގެ ގައިގާ ޝިހާނާ ބޮނޑިއެއް އެޅިއެވެ. ހަމައެއާއެކު އޭނާއަށް ހަލަފް ދެއްކި ވާހަކައާ މެދު ވެސް ވިސްނާލެވުނެވެ. ސިއްރުން ރާދިންއަށް ބަލާލެވުނެވެ. އެހެންނަމަވެސް އެ ބަލާލުން ސިއްރެއްނުވިއެވެ. ރާދިންގެ ނަޒަރު ވެސް ހުރީ ޝިހާނާއަށް ހުއްޓިފައެވެ.
"ބޭކާރުވެގެން ދުނިޔޭގައި އުޅޭ މީހުން އަދިވެސް މަދެއްނުވޭ. އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވިސްނުމެއްނެތްތަނުގައި މައިންބަފައިންނަށް ފަސޭހައެއްކޮށްދިނުމިގެ ޚިޔާލު ވެސް ނެތް. ކިހާ ދުވަހަކު މުއްސަނދި ބައްޕަގެ ފައިސާގައި ދިރިއުޅެވޭނެކަމައްތަ ތި ހުންނަނީ" އަރްސަލް ބުނެލިއެވެ.
"ޑޭޑްގެ ކޮމްޕެނީއަށް ބޭނުންވަނީ އަހަންނެއްނޫން. އަހަންނަށްވުރެ އެކަމަށް މާބޮޑަށް ވެސް ޤާބިލް ދަރީން ބައްޕަގެ އެބަތިބި. ދެޓްސް ވަޓް އީވަން ޑޭޑް ވޯންޓްސް... އެ މީހުން ރެސްޕޮންސިބިލިޓީ ނުނަގާއިރު ވައި ޝުޑް އައި ޓޭކް" ހަލަފް ވެސް ވާހަކަދެއްކީ ދުރުދުރުންނެވެ.
"މިރޭ މަޑުކުރަން ބޭނުންވިޔަސް މަޑުކުރެވޭކަށްނެތް. މާދަން އަހަރެންގެ ޑިއުޓީ. ހިނގާބާ ދަތުރެއް ރާވަމާ. މި ވީކަންޑްގައި ތަނަކަށްދާން ހަމަޖައްސަމާ. އެހާތަނަށް އަހަރެން ވެސް ފްރީވާނެ" އަރްސަލްއާއި ހަލަފްގެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަ ހޫނު ނުވަނީސް ޝިހާނާ އެ ދެމެދަށްވަނެވެ.
"ވީ ނީޑް އަ ބްރޭކް ޓޫ" ރާދިން އިނދެފައި ބުނެލިއެވެ.
"ތި ދެ މީހުން ރާވާ އަހަންނަށް އޯކޭ" ޝިހާނާ ބަލާލުމުން އަރްސަލް ބުނެލިއެވެ.
"އޯކޭ ޑަން... ހަލަފް ލެޓްސް ގޯ ހޯމް" ޝިހާނާ ބޮޑުވައި އިނގިލި އަރްސަލްއަށް ދައްކާލުމާއެކު ހަލަފްއަށް ގޮވާލިއެވެ.
"އަހަރެންގެ ބައިކެއްނެތޭ. ރާދުބެއާއެކު ކާރުގައެއްނު އަހަރެމެން އައީ" ހަލަފް ހަނދާންކޮށްދިނެވެ.
"އޯކޭ... އެ ވަށިގަނޑުތެރޭގައި ކާރުގެ ތަޅުދަނޑި އޮންނާނެ. އެ ހިފައިގެން ދޭ ތިރިއަށް. އަހަރެން މިދަނީ އިރުކޮޅަކުން" ރާދިން މިހެންބުނެ އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ހަލަފް ސޯފާއިން ތެދުވެ ރާދިން ބުނި ވަށިގަނޑުގެ ތެރެއިން ކާރުގެ ތަޅުދަނޑި ނަގައިގެން އެޕާޓްމެންޓުން ނުކުންނަން އައެވެ. އަދި ދޮރުހުޅުވާލުމުގެ ކުރީން އެނބުރި ނިމްރާއަށް ގޮވާލިއެވެ.
"ގުޑްނައިޓް ރެޑް. ފަހުން ގުޅާނަން އިނގޭ. ޕްރިންސް އުޅުނު ރެޑްގެ ހަނދާންވާތީ... އޭނާ ވަރަށް އަވަހަށް ކަލެކްޝަނެއް ނެރެން އުޅެނީ. ބުނި އެއްދުވަހު ރެޑް ގޮވައިގެން އެ ގެއަށް ޖައްސާލަން.... ގުޅާނަން އިނގޭ އެ ވާހަކަދައްކަން" ހަލަފް ހިނިއައިސްފައި ހުރެ ބުނެލިއެވެ. ނިމްރާ ބޯޖަހާލަމުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ހަލަފް އެޕާޓްމެންޓުން ނުކުތީ ދެނެވެ. ޝިހާނާ އިނީ ރާދިން ނުކުންނަން ދެން މަޑުކޮށްގެންނެވެ.
"ހަލަފް ދިޔައީތަ؟" ކޮޓަރިން ނުކުމެގެން އައި ރާދިން އަހާލީ ޝިހާނާގެ ގާތުގައެވެ. އޭނާ ބޯޖަހާލަމުން ތެދުވީ ރާދިންއާއެކު ދާށެވެ.
ދެ ޒުވާނުން އެކުގައި އެޕާޓްމެންޓުން ނުކުމެ ލިފްޓަށް އެރިއެވެ. އެހެންޏާ ރާދިންއާއެކު އެކަނިވުމުން ނުކުރެވޭ އިޙްސާސެއް ޝިހާނާއަށް ކުރެވެމުންދިޔައެވެ. ހަލަފް ދެއްކި ވާހަކައާ މެދު އަދިވެސް އޭނާގެ ސިކުނޑި ފިކުރު ހިންގަމުންދިޔައެވެ. ރާދިންގެ ހަރަކާތްތަކަށް ބަލަން ހުރެވެނީ ޝޯހުވެފައި ހުރި މީހަކު ފަދައިންނެވެ. ތަފާތު ޚިޔާލުތައް ސިކުނޑިއަށް އަރާ ފައިބަމުންދިޔައިރު އެ ޚިޔާލުތަކުން ޝިހާނާގެ ނަފްސަށް ބަދަލުތަކެއް ގެނުވަމުންދިޔައެވެ. ބޭއިޚްތިޔާރުގައި ހިންދިރުވާލެވުނީ އަރުތެރެ ހިކެމުންދާކަމުގެ އިޙްސާސެއް ކުރެވިގެންނެވެ.
"އާނާ" ޝިހާނާ ބަލަން ހުރި ގޮތް ފާހަގަވެ ރާދިން ކަރުކެހިލާފައި ގޮވާލިއެވެ. އެއާއެކު ޝިހާނާ ނިކަން އަވަހަށް ނަޒަރު ވަކިކޮށްލާ އިސްޖަހާލައިފިއެވެ. އެ މޫނުމަތިން މީގެ ކުރީން ފާޅުނުވާ ލަދުވެތިކަމެއް ރާދިންއަށް ފެނުނީ އެވަގުތުއެވެ. މަޑުމަޑުން ޝިހާނާއާ ގާތަށް ފިޔަވަޅެއް އަޅާލުމާއެކު އޭނާގެ ކޯތާފަތުގައި ރާދިންގެ އިނގިލިތައް ޖައްސާލިއެވެ.
"ރާދު!" ރާދިންގެ ހަރަކާތުން ޝިހާނާއަށް ލިބުނީ ހައިރާންކަމެވެ.
"އާނާއަށް ބްލަޝްވާން ވެސް އެނގޭތަ؟" ރާދިން ބުނެލި އެއްޗަކުން އިތުރަށް ޝިހާނާ ރަކިވިއެވެ. އެހެންނަމަވެސް ރާދިންގެ ބީހުން އޭނާގެ ހިތުގެ ހިނގުން އަވަސްކުރުވާފައިވެއެވެ.
"އަހަރެން މާ ބޮޑަށް ވަރުބަލިވީ ކަންނޭނގެ" އިސްޖަހާލަން މަސައްކަތް ކުރަމުން ޝިހާނާ އަވަސްއަވަހަށް ބުނެލިއެވެ.
"ނޯ ޔޫ އާ ނޮޓް... ޔޫ އާ އެޓްރެކްޓެޑް ޓު މީ އާނާ. އައި އޭމް ފީލިންގް އިޓް ޓޫ" ރާދިންގެ އަޑަށް ބަދަލުތަކެއް އައިކަން ޝިހާނާއަށް ފާހަގަކުރެވުނެވެ.
"ދެޓްސް ނޮޓް ޓްރޫ" ރާދިންގެ ވާހަކަތައް ޝިހާނާ ދޮގުކުރި ނަމަވެސް އޭނާގެ ހިތް ރާދިންއާ އެއްބަސްވިއެވެ.
ލިފްޓުގެ ދޮރުހުޅުމާއެކު ޝިހާނާ އަވަސް އަވަހަށް ނުކުތެވެ. ނަމަވެސް ދޮރޯށިން ނުކުތުމުގެ ކުރީން އޭނާގެ ފަހަތުން ރާދިން އައިސް ހުއްޓުވިއެވެ. މިފަހަރު ރާދިންއާ ނަޒަރު ސީދާކޮށްލާކަށް ޝިހާނާއަކަށް ނުކުރުނެވެ. ރާދިން ވެސް ޝިހާނާއާ ހަތަރުކަޅި ހަމަކުރާކަށް މަސައްކަތެއް ނުކުރިއެވެ.
"އާނާ!... އައި..." ރާދިން އެއްޗެކޭ ބުނަން މަސައްކަތް ކުރި ނަމަވެސް ބުނަން އުޅުނު އެއްޗެއް ފުރިހަމައެއްނުކުރިއެވެ.
"ވީ ޝުޑް ގޯ" ރާދިން އެއްޗެކޭ ބުނޭތޯ އިރުކޮޅަކު ހުރެފައި ޝިހާނާ މަޑުމަޑުން ބުނެލިއެވެ. ދެން ވެސް ރާދިން ވަކި އެއްޗެއް ނުބުންޏެވެ. އޭނާ ދެއަތުން ޝިހާނާގެ ކޯތާފަތުގެ ދެފަރާތުން ހިފަހައްޓާލިއެވެ. ޝިހާނާގެ ނިތްކުރީގައި ރާދިންގެ ނިތްކުރި ގެނެސް ޖައްސާލިއެވެ.
"ފޮގިވް މީ" ރާދިން މިހެން ބުނެލުމާއެކު އޭނާގެ ހަރަކާތްތައް ބަދަލުވިއެވެ. ޝިހާނާއަށް ލިބުނީ މީގެ ކުރީން ދުވަހަކުވެސް ލިބިފައިނުވާވަރުގެ ސިހުމެކެވެ. އެހެންވިޔަސް ރާދިން ހުއްޓުވުމުގެ ބަދަލުގައި އޭނާއަށް ވެސް އިޖާބަދެވުނީއެވެ. ޝިހާނާގެ ހަޔާތުގައި ވެސް އެންމެ ގިނައިރު ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުކޮޅަށް އެ ވަގުތުކޮޅު ވިއެވެ. ސިކުނޑީގެ ބާރު ކަނޑުވާލާ ފަދަ މަސްތުކަމެއްގެ އަސަރު މުޅި ހަށިގަނޑަށް ވެރިވެގެން ދިޔަކަން ޝިހާނާއަށް އިޙްސާސް ކުރެވުނެވެ. ރާދިން ދުރަށް ޖެހިލުމާއެކު ޝިހާނާގެ ކޯތާފަތުގައި އިނގިލިތަކުގެ ނުފުށުން ފިރުމާލިއެވެ. އެ ދެ ލޮލުން ފާޅުވަމުންދިޔައީ މީގެ ކުރީން ދުވަހަކުވެސް ޝިހާނާ ނުދެކޭ ފަދަ އަސަރުތަކެކެވެ.
"ނައު ވީ ޝުޑް ގޯ" ޝިހާނާގެ ނިތްކުރީގައި ބޮސްދީފައި ރާދިން ބުނެލިއެވެ. އަދި ޝިހާނާއަށް ދޮރޯށިން ނުކުންނަން ތަން ދެއްކިއެވެ. ބުނާނޭ އެއްޗެއް ނޭނގިފައި ހުރި މީހަކު ފަދައިން މަޑުމަޑުން ދޮރޯށި ހުޅުވާލާފައި ޝިހާނާ ނުކުތީއެވެ.
"ހާދަ ލަހޭ ތި ދެ މީހުން... އާނާ ސިސް ޔޫ އާ ފްލަޝްޑް... ވަޓް ވާ ޔޫ ޑުއިން؟ ޔޫ ޓޫ ރާދުބެ... އޯ! ޑޯންޓް ޓެލް މީ. ޔޫ ގައީޒް... މޭކް އައުޓް" ރާދިންއާއި ޝިހާނާގެ ހަރަކާތްތައް ތަފާތުހެން ހަލަފްއަށް ފާހަގަވިއެވެ. އެހެންވެ ހިތުގައި އޮތް އެއްޗެއް އޭނާ ހާމަކޮށްލީ އެއްވެސް ވިސްނުމެއްނެތިއެވެ.
"ހަލަފް" ރާދިންއާއި ޝިހާނާއަށް ހަޅޭލަވައިގަނެވުނީ އެއްފަހަރާއެވެ.
"ގޯޑް... އައި ޑޯންޓް ކެއާ... ދެން ވެސް އެރީމަ އެއްނު ދެވޭނީ" ހަލަފް ދެއަތް އުފުލާލަމުން ބުނެލިއެވެ.
* * * * *
ސޯފާގައި އިން ނިމްރާއަށް ގޮވާލާފައި އަރްސަލްގެ ގާތުގައި އައިސް އިށީނުމަށް އޭނާ އެދުނެވެ. ނިމްރާ ނޫނެކޭ ބުނުމުން އަރްސަލް ދެވަނަ ފަހަރަށް ވެސް އެދުނެވެ.
"އަހަންނަށް އެނގޭ ކީއްކުރަންކަން ތި އުޅެނީ، އެހެންވެ ނުދާނީ" ނިމްރާ ބުނެލިއެވެ. އަރްސަލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
"ކީއްކުރަންތަ މިއުޅެނީ" އަރްސަލް އަހާލިއެވެ.
"ނުބުނާނަން" އަރްސަލްއާ ދިމާއަށް އެއްބުމަ ހިއްލާލަމުން ނިމްރާ ބުނެލިއެވެ. އަދި ދެއަތް އުރާލައި އެއްފައި މައްޗަށް އަނެއްފައި އަރުވާލީ ނިމްރާ އޭނާގެ ގޮތް ދޫނުކުރާނަމޭ ބުނާ ފަދައަކުންނެވެ.
"އަހަރެން އެއްޗެއް ދޭންވެގެންނޭ" އަރްސަލް ބުނެލިއެވެ.
"ކޯޗެއް؟" ނިމްރާ ސުވާލުކުރުމުން އަރްސަލް ދެފަރާތަށް ބޯހޫރާލިއެވެ.
"ނުދާނަން ނުބުނަނީސް" ނިމްރާ އަނެއްކާ ވެސް ދެކޮޅު ހެދިއެވެ.
"ފައިން... އަހަރެން ލީޝްއެއް ގަނެފައި އޮންނާނެ. އަހަރެން ގެންގުޅޭ އަޅުކުއްޖާގެ ކަރުގައި އަޅުވަންވެގެން" ހިނިއައިސްފައި އިނދެ އަރްސަލް ބުނެލިއެވެ. ނިމްރާ ވަގުތުން ތުންކޮޅު އޫކޮށްލިއެވެ.
"އޭނާގެ އުފަންދުވަހު އަހަރެން އެއްވެސް އެއްޗެއް ނުދެން. އަހަންނަކަށް ނޭނގުނު ދޭނޭ އެއްޗެއް. އަހަރެން ހަނދާން އެބަހުރި އޭނާ ބުނި ކަރުގައި ވާގަނޑެއް ޖަހައިގެން ގެންގުޅެންވީނޫންހޭ... އައި ތިންކް އިޓްސް ޓައިމް. ސޯ ކަމް ހިއާ ސްކާލެޓް" އަރްސަލްގެ ވާހަކަތަކުން ނިމްރާގެ ހަނދާން އާވިއެވެ.
"ސޯ ޔޫ ވޯންޓް އަ ސްލޭވް" ނިމްރާ އަހާލީ އެތައް މާނައެއް އެކުލެވޭ ފަދަ ގޮތަކަށެވެ. ހިނިއައިސްފައި އިން އަރްސަލް ވަގުތުން ބޯޖަހާލިއެވެ.
"އައި އޭމް ނޮޓް އިން ދި މޫޑް ފޯ ޔޯ ޑާޓީ ގޭމްސް" ނިމްރާ އިންތަނުން ތެދުވިއެވެ. އަރްސަލް އެ ކުރަނީ ސަމާސާއެއްނަމަ އެ ސަމާސާ ނިމްރާއަކަށް ކަމަކު ނުދިޔައެވެ.
"ޖަސްޓް ވެއިޓް" އަރްސަލް އައިސް ނިމްރާގެ ފުރަގަހުން އޭނާގެ އުނަގަނޑުގައި ހިފާ ދަމާލިއެވެ. އަދި ނިމްރާ ގާތު މަޑުކުރުމަށް ބުނެ އަރްސަލް ވަނީ އޭނާގެ ކޮޓަރިއަށެވެ. ނަމަވެސް ކޮޓަރިން ނުކުންނަން ވިއިރު ނިމްރާއެއް ނެތެވެ.
"ސްކާލެޓް" ނިމްރާގެ ކޮޓަރި ކައިރިއަށް އައިސް ދޮރުގައި ޓަކި ޖަހާލަމުން އަރްސަލް ގޮވާލިއެވެ.
"އަހަރެން މަޑުކުރާށޭ ބުނީމަ ވެސް ދިޔައީ ކީއްވެ" ކޮޓަރީގެ ދޮރުހުޅުވާލައި އެތެރެއަށް ވަންނަމުން އަރްސަލް ބުންޏެވެ. އޭރު އެނދުގައި އިށީނދެލައިގެން ނިމްރާ އިނެވެ. އަރްސަލް އައިގޮތަށް އައިސް ނިމްރާގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ. ނިމްރާގެ ފަހަތުގައި ހުއްޓިލަމުން އަރްސަލްގެ ޖީބުގައި އޮތް ފޮށި ނަގައި ހުޅުވާލިއެވެ. އަދި އޭގައި އޮތް ފަށް ނަގައި ނިމްރާގެ ކަރުގައި އަޅުވައިދިނެވެ.
"ލުކް ޕާފެކްޓް އޮން ޔޫ" އަރްސަލް އައިސް ނިމްރާގެ ކުރިމަތީ ހުއްޓިލަމުން އޭނާގެ ކަރަށް ބަލާލިއެވެ. އަދި ނިމްރާގެ އަތުގައި ހިފައިގެން އައިސް ރީތިވާ މޭޒުގެ ލޯގަނޑު ކުރިމަތީ މަޑުކޮށްލިއެވެ. ހިތެއްގެ ބައްޓަމަށް އޮތް ފަށުފުލުގެ މެދުން އެތިކޮޅެއް އެލިފައި އޮތްއިރު ރަތްކުލައިގެ ތިން އެސް ޖަހާފައިވި ރަންފަށެކެވެ. ވަގުތުން ނިމްރާއަށް އެ ފަށް ކަމުދިޔައެވެ. މަޑުމަޑުން ފަށުފުލުގައި އަތްލެވުނެވެ. ލޯގަނޑުން ނިމްރާގެ ނަޒަރު އޭނާގެ ކޮނޑުގައި ހިފަހައްޓާލައިގެން ފަހަތުގައި ހުރި އަރްސަލްއަށް ހުއްޓުނެވެ. އެއާއެކު އަރްސަލް ނިކަން ފުޅާ ހިނިތުންވުމެއް ދިނެވެ.
"އައި އޭމް ނޮޓް ކްރޭޒީ... މި ޒަމާނުގައި އިންސާނެއްގެ ކަރުގައި ވާގަނޑެއް ޖަހައިގެން އުޅޭތަން މީހުންނަށް ފެނިއްޖެއްޔާ ރަނގަޅެއްނުވާނޭކަން އަހަންނަށް އެނގޭ. އެހެންވެ ލީޝްއަކާ އެންމެ ކައިރިކުރި އެއްޗަކީ ތީ. މިހާރު މީހުންނަށް ފެނުނަސް އޮޑެއްނުވާނެއެއްނު... ސްޓިލް އައި އޯން ޔޫ އިނގޭ. ދިސް ޕްރޫވްސް އިޓް... ޔޫ އާ މައިން" އަރްސަލްގެ ވާހަކަތަކުން މިފަހަރު ނިމްރާއަށް ވެސް ހިނިތުންވެވިއްޖެއެވެ.
"ޑެވިލް... އައި ލަވް މައި ލީޝް... ތެންކިއު" ނިމްރާ އެނބުރިލާފައި އަރްސަލްއާ ކުރިމަތިލަމުން ފަށުގައި އަތްޖައްސާލައިގެން ހުރެ ބުނެލިއެވެ.
"ދެން ދަނީ. އައި ކާންޓް ސްޓޭ ވިތް ޔޫ. މިވަގުތު އަހަރެންގެ ހިތަށް އަރާ ހުރިހާކަމެއް ނުކުރެވެނީސް އަވަހަށް މިކޮޓަރިން ނުކުތުން ރަނގަޅުވާނީ. ގުޑްނައިޓް ސްކާލެޓް" ނިމްރާގެ ނިތްކުރީގައި ބޮސްދީފައި އަރްސަލް ކޮޓަރިން ނުކުމެގެން ދިޔައެވެ.
ނިމްރާއަށް އަނެއްކާ ވެސް ލޯގަނޑުން ބަލާލެވުނީ ކަރުގައި އޮތް ފަށަށެވެ. އަރްސަލްގެ ފަރާތުން ލިބުނު ފުރަތަމަ ހަދިޔާއެވެ. މިޢުވާނަކީ ލޯބިވެރިޔާއަށްވީ އިރު އޭނާއަށް އެފަދަ ހަދިޔާއެއް ނިމްރާއަށް ދޭން ނުލިބުނެވެ. ބޭއިޚްތިޔާރުގައި ނަމަވެސް ނިމްރާއަށް ކޮންމެ ފަހަރަކު މިޢުވާނާއި އަރްސަލް އަޅާ ކިޔާލެވެއެވެ. އަރްސަލްގެ ވާހަކަދެއްކުމާއި އޭނާ ކަންކަން ފާޅުކުރާ ގޮތް ކިތަންމެ ތަފާތުވިޔަސް އޭނާގެ ފުށުން ނިމްރާއަށް އޯގާތެރިކަން ފެނެއެވެ. އަރްސަލް ފަދަ ޒުވާނަކާ ކުރީން ބައްދަލުވި ނަމައޭ ކިތަންމެ ފަހަރަކު ނިމްރާ ހިތަށް އަރައެވެ. ޚާއްޞަކޮށް މިހާރު އަރްސަލްއާ ދުރުގައި ހުރުމުގެ ޚިޔާލު ކުރާކަށް ނިމްރާގެ ހިތެއް ނޭދެއެވެ. އެކަމަކު ހިތުގައި ނޭނގޭ ބިރުވެރިކަމެއް އަބަދުވެސް އޮވެއެވެ. އަރްސަލްގެ އެކުވެރިކަމާއި އޯގާތެރިކަން ލިބޭނީ ކިހާ ދުވަހެއް ވަންދެން ކަމާ މެދު އުފެދޭ ސުވާލު ނިމްރާގެ ހިތަށް ތަދުކުރެއެވެ. ނިމްރާއަށް އަރްސަލް ކުރި ނަފުރަތު ހަޤީޤަތުގައި ވެސް ފިލައިގެން ހިނގައިދާނޭތޯ އަމިއްލަ ޟަމީރާ ކުރެވޭ ސުވާލަށް ޖަވާބެއް ނިމްރާއަކަށް ނުލިބުނެވެ. އެ ހުރިހާކަމަކަށް ޖަވާބު ދެވޭނީ ޚުދު އަރްސަލްއަށެވެ. އޭނާ ނުބުނާހާ ހިނދަކު އެއްވެސް ކަމެއް ޔަގީން ކުރާކަށް ނިމްރާއަކަށް ނޭނގޭނެއެވެ. އެހެންވިޔަސް އަރްސަލްއަށް އިތުބާރުކުރަން ނިމްރާ ބޭނުންވިއެވެ.
"ޖަސްޓް މޭކް މީ ޔޯސް ޑެވިލް... އައި ވޯންޓް ދެޓް" ލޯގަނޑަށް ބަލަން ހުރެ ނިމްރާ މަޑުމަޑުން ބުނެލިއެވެ.
"އައި ވޯންޓް ޔޫ ސްކާލެޓް... އައި ކާންޓް ހެލްޕް އިޓް... ގޯޑް... އައި ރިއަލީ ނީޑް އަ ކޯލްޑް ޝަވާ ނނައު" މޫނުގައި ދެއަތް ހާކާލުމާއެކު އަރްސަލް ސޯފާއިން ތެދުވީ އޭނާގެ ކޮޓަރިއަށް ދާށެވެ. ހިތުގައި ހިނގަމުންދިޔަ އިޙްސާސްތަކަށް ސިކުނޑި އެއްބާރުލުން ދީ ހަށިގަނޑު ވެސް އެދުންތަކަށް ހޭލަނީކަން އަރްސަލްއަށް ޔަގީންވީއެވެ. (ނުނިމޭ)