އިއްޔެ ކުރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ. އެމަނިކުފާނު މިއަދާ ހަމައަށް ހުންނެވީ ދޫނިދޫ ޖަލުގަ އެވެ.
މިއަދު މެންދުރުފަހު ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ ޖަލު ހުކުމެއް އިއްވާފައިވާތީ އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުންނެވެ. އެމަނިކުފާނުގެ މައްޗަށް އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އުފުލި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ.
ޖަލު ހުކުމުގެ އިތުރުން އެމަނިކުފާނަށް ދީނީ ނަސޭހަތް ނުދެއްވޭ ގޮތަށް ހުއްދަތައް ވެސް ވަނީ ބާތިލުކޮށްފަ އެވެ.
އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރެ ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައި އެމަނިކުފާނު ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކުރި އެވެ. އެމަނިކުފާނު އޭރު މާފުށީ ޖަލަށް ބަދަލުކުރުމަށްފަހު ދޫނިދޫ ޖަލަށް އަނެއްކާވެސް ބަދަލުކުރީ ސިއްހީ ހާލުކޮޅު ހުންނެވި ގޮތުން އާއިލާއިން އެގޮތަށް އެދުމުންނެވެ.