ހަބަރު

މެޑިކަލް ބޯޑްގެ ނިންމުމަށް އަމަލު ނުކުރާތީ މައުމޫން އާއިލާ ކަރެކްޝަނަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ލަފާ ދީފައިވާތީ، އެކަން ލަސްވަމުންދާތީވެ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި އާއިލާގެ ބޭފުޅުން މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ވަޑައިގެންފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ނިކުމެވަޑައިގެން މީޑިއާއާ ބައްދަލުކުރައްވައި ޔުމްނާ މައުމޫން ވިދާޅުވީ، ކަރެކްޝަންސްގެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ވަޑައިގެންނެވީ ރައީސް މައުމޫން ގެއަށް ބަދަލު ކުރުމަށްޓަކައި މެޑިކަލް ބޯޑުން ލަފާ ދީފައިވާތީ އެކަން ސާފު ކުރުމަށް ކަމަށެވެ. ނަމަވެސް ކޮމިޝަނަރު އޮފް ޕްރިޒަނާއި ބައްދަލުވާގޮތް ނުވާ ކަމަށާއި އޭގެ ދަށުން ތިއްބެވި ވެރިންނާއި ބައްދަލުވި ކަމަށް ޔުމްނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ރަނގަޅު ޖަވާބެއް އެބޭފުޅުންނަކަށް ނުއެއް ދެއްވުނު ކީއްވެގެން ކަމެއް ލަސްވަނީ ރައީސް މައުމޫން ގެއަށް ބަދަލު ކުރުން، އެހެން ކަމުން އަޅުގަނޑުމެންވެސް އިތުރަށް ބައްދަލު ކުރުމަށް ފޯމް ލާފަ މި އައީ، އިތުރަށް މިކަމައިގެން ކުރިއަށް ދާންވެގެން އިތުރު ބައްދަލުވުން ތަކަކަށް،" ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ، މެޑިކަލް ބޯޑުން ރައީސް މައުމޫން ގެއަށް ބަދަލު ކުރުމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށާއި ކޮމިޝަނަރު އޮފް ޕްރިޒަނާގެ ޒިންމާއަކީ މެޑިކަލް ބޯޑުން ނިންމާފައިވާ ނިންމެވުމާ އެއްގޮތަށް އަމަލު ކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް ރައީސް މައުމޫން ގެއަށް ބަދަަލު ކުރާނެ ކަމަށް، ބޯޑުން ދެއްވާފައި އޮތް ލަފަޔާ އެއް ގޮތަށް،" ޔުމްނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ހޯދަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. ނަމަވެސް އެމަނިކުފާނަކީ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއް ކަމަށް ބުނެ ކުރިމިނަލް ކޯޓުން ބަންދާމެދު ގޮތެއް ނުނިންމި އެވެ. ރައީސް މައުމޫންގެ މައްސަލަ ހައިކޯޓަށް ވެސް ހުށަހަޅާފައިވާއިރު މިހާތަނަށް އަޑުއެހުމެއް ނުބާއްވަ އެވެ. އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ވެރިކަމެއްގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މިނިވަން ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.