ހަބަރު

މައުމޫން ގޭބަންދަށް ބަދަލުކުރަން މެޑިކަލް ބޯޑުން ވަނީ ލަފާ ދީފައި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ލަފާ ދީފައިވާ ކަމަށް އެމަނިކުފާނުގެ ސިޔާސީ ހަރަކާތް، އެމްއާރުއެމްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ ރީފޯމް މޫވްމަންޓް، އެމްއާރްއެމްގެ އޮފިޝަލަކު، މެޑިކަލް ބޯޑުގެ މެންބަރަކާ ހަވާލާދީ މިއަދު އަވަސްއަށް ވިދާޅުވީ، އިއްޔެ މެޑިކަލް ބޯޑުން ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރަން ލަފާ ދީފައިވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްފައެއް ނުވެ އެވެ. އެކަން ލަސްކުރަނީ ސަރުކާރުން ކަމަށް އެ އޮފިޝަލް ތުހުމަތު ކުރެއްވި އެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް މިއަދު ވަނީ މެޑިކަލް ބޯޑުން ރައީސް މައުމޫން ގޭބަންދަށް ބަދަލުކުރަން ލަފާ ދީފައިވާ ކަަމަށް ޓްވީޓެއްގައި ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ޔުމްނާ ނުދެއްވަ އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އަވަސްއަށް ވިދާޅުވީ، ރައީސް މައުމޫންއާ ގުޅޭ ގޮތުން މެޑިކަލް ބޯޑުން ގޮތެއް ނިންމާފައިވާ ކަމެއް އަދި އެނގިފައިނުވާ ކަމަށެވެ.

ކުރީގެ ރައީސް މައުމޫންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ހޯދަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. ނަމަވެސް އެމަނިކުފާނަކީ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއް ކަމަށް ބުނެ ކުރިމިނަލް ކޯޓުން ބަންދާމެދު ގޮތެއް ނުނިންމި އެވެ. ރައީސް މައުމޫންގެ މައްސަލަ ހައިކޯޓަށް ވެސް ހުށަހަޅާފައިވާއިރު މިހާތަނަށް އަޑުއެހުމެއް ނުބާއްވަ އެވެ. އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ވެރިކަމެއްގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މިނިވަން ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.