އިމްރާން އަބްދުﷲ

ޔާމީން ހުންނެވީ ދެ ރައީސުންވެސް ތިއްބެވި ތަނުގައި: އިމްރާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ރައީސް ނަޝީދާއި ރައީސް މައުމޫންވެސް ޖަލުގައި ބަންދުކޮށްފައި ބެހެއްޓެވި ތަނުގައި ކަމަށާ ކުރިއަށްވުރެ އެތަނުގެ ފެންވަރު ރަނގަޅު ކުރައްވާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ޖަލުގައި އަމަލު ކުރެވެމުންދަނީ އަނިޔާވެރިކޮށް ކަމަށާ ގިނަ ހައްގުތަކަކުން އެމަނިކުފާނު މަހުރޫމް ކުރައްވާފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ގިނަ ދުވަހު ޖަލުގައި އޮންނަވަން ޖެހިވަޑައިގެން މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މއ، ކާމިނީހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގައި ރައީސް ނަޝީދާއި، ރައީސް މައުމޫން "ނުހައްގު"ން ބަންދުކޮށްފައިވާ ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެ ތަނުގައި ކަމަށެވެ.

އަދުރޭގެ ވާހަކަތައް ހޯމް މިނިސްޓްރީންވެސް މިއަދު ވަނީ ދޮގުކޮށްފައެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ގައިދީންނަށް ކަށަވަރުކޮށްދޭންޖެހޭ އަސާސީ އިންސާނީ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ރައީސް ޔާމީނަށް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމަޔަށް ފޯރުކޮށްދެމުން ދާކަމަށެވެ.

މީޑިއާގައި ފެތުރެމުންދާ ފަދައެއްވެސް ކަމަކާ ގުޅޭ ޝަކުވާއެއް މިހާތަނަށް، ރައީސް ޔާމީނާއި، އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ވިޔަސް އަދި އާއިލާގެ ފަރާތުންވެސް ލިބިފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

"އަދި 30 ޑިސެމްބަރ 2019 ވަނަ ދުވަހު މިނިސްޓަރު އޮފް ހޯމްއެފެއާޒްގެ އިރުޝާދުގެ ދަށުން އިނިސްޕެކްޓަރު އޮފް ކަރެކްޝަން ސާވިސް މާފުށީ ޖަލަށް ޒިޔާރަތްކުރައްވާ ކުރިޔަށްގެންދެވި އިނިސްޕެކްޝަންގެ ހަވާސާގައި ދެންނެވިފައިވާ ގައިދީ [ރައީސް ޔާމީން] އާ ބައްދަލުކުރައްވާ އޭނާގެ ހާލުބައްލަވާ އޭނާގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުއްވާފައިވޭ. މި ބައްދަލުވުމުގައިވެސް މީޑިޔާގައި ދައުރުވަމުންދާފަދަ އެއްވެސް ކަމެެއްގެ ފާހަގަކޮށްފައި ނުވާކަންވެސް ފާހަގަކުރަން." ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

ހުކުރު ދުވަހުގެ ރޭ ޕީޕީއެމުން ހއ، ބާރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހަމައާއި އިންސާފުން ކަންކަން ކުރެއްވި ނަމަވެސް މިއަދު ރައީސް ޔާމީންގެ އަނބިިކަނބަލުންނަށް ޖަލަށް ވަޑައިގެންނެވެނީވެސް ކައިވެނީގެ ސެޓިފިކެޓްގެ އަސްލު ހުށައެޅުމުން ކަމަށެވެ.

"ރައީސް ޔާމީނާ ދޭތެރޭ ވަރަށް އަނިޔާވެރިކޮށް އަމަލުކުރެވެނީ، މީހާ ހުރީ މުޅިން ހިކި އަނަރޫފަވެފައި. މިއީ އަސްލު ވަރަށް އަސަރުހުރި ވާހަކައެއް." ވަރަށް އަސަރާއެކު ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ. "އެމަނިކުފާނު ވިދާޅުވި ފެންވަރުގެ ކަންތައްތައް ވަރަށް ދައްޗޭ، ވަރަށް ދަތި ގޮތަކަށް، ތުބުޅި ބޭލޭނެ ގޮތެއް ނެތޭ، ކާން ގެންނަން އެއްޗެހީގެ ރޮލެއް ނުފިލުވައޭ، 45 ދުވަސްވެގެން ދިޔައިރު ކާން ދެނީ އެކަށްޗެކޭ، ނިދާކަށް ފަސޭހައެއް ނޫނޭ، ގަސްތުގައި އަޑުގަދަ ކުރަނީއޭ، އެހާހިސާބަށް ވާހަކަ ދިޔައީމަ އަޅުގަނޑަށް ދެން އިތުރަކަށް އެ ވާހަކަ އަޑުއަހާކަށް ކެތެއް ނުވި، ހަމަ ހަގީގަތަށް މި ދަންނަވަނީ އަަޅުގަނޑަށް ރޮވުނު."

އަބްދުއްރަހީމް ވިދާޅުވީ އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ލިބެމުންދާ ދުވަހެއް ކަމަށެވެ. އަދި ރައީސް ޔާމީނަށް ސަރުކާރު ހިިންގާ ކޯލިޝަނުން ގަސްތުގައި އަނިޔާ ކުރަމުންދާކަން މިފަހުން އިސްތިއުފާ ދެއްވި ކޮމިޝަނަރު އޮފް ޕްރިޒަންސްގެ ވާހަކަތަކުން އެނގޭ ކަމަށެވެ.

"މޫނު މައްޗަށް ބަލާލީމަ މުޅި މޫނުމަތީ އޮތީ ބިސް [ބިހި] ނަގާފައި، ކީއްވެގެންތޯ އޮޅުންފިލުވާލިއިރު، ތުނބުޅި ބާލަން ޖެހެނީ ޖަލު މީހުން ތުނބުޅި ބާލާ ރޭޒަރުން. ތުނބުޅި ބާލާފައި އުނގުޅާލާނެ އާފްޓާޝޭވް ކޮޅެއް ނުލިބޭ، ޖަލަށް ވެއްދުން އޮތީ މަނާކޮށްފައި. ފެންވަރާ ލައިގެން ނިިކުމެ ގައިގައި އުނގުޅާލާނެ ލޯޝަން ކޮޅެއް ނުލިބޭ، ނަމާދަށް ނުވަތަ ހުކުރަށް ވަޑައިގަންނަވަން ބޭނުން ކުރާނެ އަތަރުކޮޅެއް ނޫނީ ސެންޓް ކޮޅެއް ނުލިބޭ، މިހާ ހިތްދަތި ހާލުގައި ރައީސް ޔާމީން ޖަލުގައި އެ ހުންނެވީ." އަބްދުއްރަހީމް ވިދާޅުވިއެވެ.