ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ލަފާ ދީފައިވީ ނަމަވެސް އެ ނިންމުން ތަންފީޒު ކުރުމަށް ހުރަސް އަޅާކަމަށްބުނެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެރިޔާ އަހުމަދު ޝިހާންގެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.
މައުމޫންގެ ލޯޔަރުން ވިދާޅުވީ، މެޑިކަލް ބޯޑުގެ ނިންމުމާއެކުވެސް ރައީސް މައުމޫން ގޭ ބަންދަށް ބަދަލުނުކޮށް އެ ނިންމުން ތަންފީޒު ކުރުމަށް ހުރަސް އަޅާފައިވާތީ، ކޮމިޝަނަރު އޮފް ޕްރިޒަންސް ޝިހާންގެ މައްސަލަ ތަހްގީގުކޮށް، އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި ދިނުމަށް އެދި ޕޮލިހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެމައްސަލަ އެޗްއާރްސީއެމަށްވެސް ހުށަހަޅާފައިވާނެ ކަމަށާއި ވަގުތުން ރައީސް މައުމޫން ގެއަށް ބަދަލު ކޮށްދިނުމަށް އެދިފައިވާނެ ކަމަށްވެސް ވަކީލުން ވިދާޅުވި އެވެ.
ޝިހާންގެ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާއިރު، މިއަދު ވަނީ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި އާއިލާގެ ބޭފުޅުން ކަރެކްޝަންސް އަށް ވަޑައިގެންފަ އެވެ.
ބައްދަލު ކުރެއްވުމަށްފަހު ޔުމްނާ މައުމޫން ވިދާޅުވީ، ކަރެކްޝަންސްގެ އިސްބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ވަޑައިގެންނެވީ ރައީސް މައުމޫން ގެއަށް ބަދަލު ކުރުމަށްޓަކައި މެޑިކަލް ބޯޑުން ލަފާ ދީފައިވާތީ އެކަން ސާފު ކުރުމަށް ކަމަށެވެ. ނަމަވެސް ކޮމިޝަނަރު އޮފް ޕްރިޒަންސްއާ ބައްދަލުވާގޮތް ނުވާ ކަމަށާއި އެބޭފުޅާގެ ދަށުން ތިއްބެވި ވެރިންނާއި ބައްދަލުވި ކަމަށް ޔުމްނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ރަނގަޅު ޖަވާބެއް އެބޭފުޅުންނަކަށް ނުއެއް ދެއްވުނު ކީއްވެގެން ކަމެއް ލަސްވަނީ ރައީސް މައުމޫން ގެއަށް ބަދަލު ކުރުން، އެހެން ކަމުން އަޅުގަނޑުމެންވެސް އިތުރަށް ބައްދަލު ކުރުމަށް ފޯމް ލާފަ މި އައީ، އިތުރަށް މިކަމައިގެން ކުރިއަށް ދާންވެގެން އިތުރު ބައްދަލުވުން ތަކަކަށް،" ޔުމްނާ ވިދާޅުވި އެވެ.
ޔުމްނާ ވިދާޅުވީ، މެޑިކަލް ބޯޑުން ރައީސް މައުމޫން ގެއަށް ބަދަލު ކުރުމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށާއި ކޮމިޝަނަރު އޮފް ޕްރިޒަންސްގެ ޒިންމާއަކީ މެޑިކަލް ބޯޑުން ނިންމާފައިވާ ނިންމެވުމާ އެއްގޮތަށް އަމަލު ކުރުން ކަމަށެވެ.
ކުރީގެ ރައީސް މައުމޫންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ހޯދަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. ނަމަވެސް އެމަނިކުފާނަކީ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއް ކަމަށް ބުނެ ކުރިމިނަލް ކޯޓުން ބަންދާމެދު ގޮތެއް ނުނިންމި އެވެ. ރައީސް މައުމޫންގެ މައްސަލަ ހައިކޯޓަށް ވެސް ހުށަހަޅާފައިވާއިރު މިހާތަނަށް އަޑުއެހުމެއް ނުބާއްވަ އެވެ. އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ވެރިކަމެއްގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މިނިވަން ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.