ވިޔަފާރި

"އެންޖޯއި ދަ އިންޓަނެޓް" އަށް މެސީ ދިވެހި ހެދުމުގައި!

Jun 14, 2018

ޑިޖިޓަލް ދުނިޔެއެއްގައި ކުރެވިދާނެ ތަފާތުކަންކަން ދައްކުވައިދިނުމުގެ ގޮތުން، އުރީދޫ އާއި ލިއޮނެލް މެސީ ގުޅިގެން ވަރަށް ތަފާތު ކެމްޕޭނެއް ފަށައިފިއެވެ. އުރީދޫގެ "އެންޖޯއި ދަ އިންޓަނެޓް" ކެމްޕެއިންގެ ދަށުން، އެކުންފުނީގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރު އަދި ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ތަރި، ލިޔޮނެލް މެސީ ފެނިގެން ދާނީ ރާއްޖޭގެ އެތްލީޓް އަހްމަދު އާތިފް ފަދަ އުރީދޫގެ ހިދުމަތް ފޯރުކޮށްދޭ އެކި މާކެޓްތަކުގެ ސޯޝަލް މީޑިޔާ އިންފުލެއެންސަރއިންނާއި އެކީގަ އެވެ.

ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަކީ އުރީދޫގެ މައިގަނޑު ތަސައްވަރެވެ. މި ކެމްޕޭންގެ ދަށުން، އުރީދޫގެ އެންމެ ކުރިއަރާފައިވާ ނެޓްވާރކް މެދުވެރިކޮށް އިންޓަނެޓްގެ ތަޖުރިބާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެއެވެ.

އުރީދޫ ގެ ސީއީއޯ ޝައިޚް ސައުދް ބިން ނާސިރް އައްޘާނީ ވިދާޅުވީ އުރީދޫ އާއިލާ އާއި މެސީ ގުޅިގެން، އުރީދޫގެ ހިދުމަތް ފޯރުކޮށްދޭ ކޮންމެ މާރކެޓެއްގައި ލިބެންހުރި ކުރިއަރާފައިވާ ހިދުމަތްތަކުން، ޑިޖިޓަލް ދުނިޔޭގައި ކުރެވެން ހުރި ތަޖުރިބާތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭކަން ދައްކުވައިދޭ މި ތަފާތު ކެމްޕޭން ގެނެސްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މެސީ އަދި އިންފުލެންސަރ އިންވަނީ އަޅުގަނޑުމެންގެ ނެޓްވާރކްގެ ފެންވަރާއި ލިބެން ހުރި ޑިޖިޓަލް ކޮންޓެންޓްގެ މުއްސަނދިކަން ވަރަށް ރަނގަޅަށް ދައްކުވައިދީފައި. މެސީ އާއި އެކު މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް އަދި މިކަމަށްޓަކައި މެސީ އަށް ޝުކުރު އަދާކުރަން." ޝައިޚް ސައުދް ބިން ނާސިރް އައްޘާނީ ވިދާޅުވި އެވެ.

އުރީދޫގެ ޑިރެކްޓަރ ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވީ ބައިނަލްއަޤްވާމީ ފުޓުބޯޅަ ތަރި އަދި އުރީދޫގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރ ކަމުގައިވާ ލިއޯ މެސީ އާއި އެކު ކުރިއަށްގެންދިޔަ މި ކެމްޕެއިނުގައި، އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސެޑަރު އަހުމަދު އާތިފް އަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އުފަލެއް ކަމަށެވެ.

"އާތިފް އަކީ ރާއްޖޭގެ ގިނަބައެއްގެ މަގްބޫލުކަން ލިބިފައިވާ، އައު ކަންތައްތަކާއި ކުރިމަތިލާން ވަރަށް ކެރޭ އަދި ޑިސިޕްލިންޑް އެތްލީޓެއް. އަދި މި ކެމްޕެއިނަށް، ހާއްސަގޮތެއްގައި ޕްރާގް އާއި ބާސެލޯނާގައި ކުރިއަށްދިޔަ ޝޫޓިންގެތެރޭގައި، އާތިފްގެ ފަރާތުން ލިބުނު އެއްބާރުލުމަށް އަޅުގަނޑުމެން ޝުކުރު އަދާކުރަން،" ނިޔާޒު ވިދާޅުވި އެވެ.

އާޖެންޓީނާގެ ތަރި، ލިއޮނެލް މެސީ ބުނީ ފުޓުބޯޅަ ދަނޑުގެ ބޭރުން ވެސް ޑިޖިޓަލް ދުނިޔޭގައި ކޮށްލެވޭ ތަފާތު މަޖާ ކަންތައްތައް ދައްކުވައިދޭ މި ކެމްޕެއިނަށް، އުރީދޫ އާއި އެކު ކުރެވުނު މަސައްކަތް ވެގެން ދިޔައީ ވަރަށް ފުރިހަމަ ތަޖުރިބާ އަކަށް ކަމަށެވެ.

"ކަސްޓަމަރުންނާއި ހަމައަށް އުރީދޫ އިން ގެނެސްދެނީ، މުޅިން ތަފާތު ދުނިޔެއެއް. އަޅުގަނޑުގެ އުއްމީދަކީ، އުރީދޫ އާއި އެކު މަސައްކަތްކޮށްގެން، އެކު އެކަކު އަނެކަކާއި ގުޅުންބަދަހިކޮށް، އޮންލައިންކޮށް ހިތްފަސޭހަކޮށްލުމަށް ބާރުދީ، އެމީހެއްގެ ތަޖުރިބާތައް ފުޅާދާއިރާއެއްގައި ހިއްސާކުރުމުގައި ގިނަ ބަޔަކަށް އެހީތެރިވުން." ބައިނަލްއަޤްވާމީ ފުޓުބޯޅަ ތަރި، އަދި އުރީދޫގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރު މެސީ ބުނެފައިވެ އެވެ.

ލިއޯ މެސީ އަކީ 2013 އިން ފެށިގެން އުރީދޫގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރ އެވެ. އަދި މިގޮތުން، ދުނިޔޭގެ އެކި ހިސާބުތަކަށްބެހިފައިވާ މީހުންގެ ހަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމަށް އެކުންފުނިން ކުރާ މަސައްކަތުގައި، މެސީ ވެސް ވަނީ ބައިވެރިވެ، އެއްބާރުލުންދީފައެވެ. މެސީ އަކީ އެފްސީ ބާސެލޯނާ އަދި އާޖެންޓީނާގެ ޤައުމީ ޓީމުގެ އެންމެ މުހިންމު ފޯވާޑެވެ. މެސީ ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި އަދި ދުނިޔޭގެ އެންމެ ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިޔާގެ ލަގަބު ހޯދާފައެވެ. މެސީ ވަނީ ފަސް ފީފާ ބެލޮންޑިއޯ ހޯދާފައިއެވެ. އަދި އެއީ ޖައްސަޖައްސައިގެން ހަތަރު ބެލޮންޑިއޯ ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔާއެވެ.