ކާނާ

އެންމެ ހިނގީ ޝަފިއްޔާގެ ތަށިބަރި!

މި ރޯދަމަސް ނިމިގެން މި ދިޔައީ އަދު ދިވެހިންގެ މުޖުތަމައުއިން ނެތެމުން ދިޔަ ޒަމާންވީ ރީތި ސަގާފަތެއް އަލުން ދިރުވާ އާލަކުރުމަށް ޒުވާނުންގެ ކުދި ބަޔަކު ފެށި މަސައްކަތަކާއެކު އެވެ. #ތަށިބަރިމޫވަމަންޓް ގެ ނަމުގައި ދިވެހިންގެ މެދުގައި އޮތް އެކަކު އަނެކަކަށް ކާނާ ބަދަލުކުރުމުގެ ސަގާފަތެއް އަލުން ދިރިވުމަށް މަސައްކަތް ފެށި އެވެ.

އެކި ދުވަސްތަކުގެ މަތިން ތަފާތު ކާނާއާއެކު މި ތަށިބަރިތައް މުޅި މާލޭގައި އަދިވެސް އަންނަނީ ދައުރުވަމުންނެވެ. މާލޭގެ އިތުރުން އަތޮޅު ތެރޭ ބައެއް ރަށްރަށުގެ މީހުންނާއި ހަމައަށްވެސް މި ތަށިބަރިތައް ފޯރި އެވެ. މި ހަރަކާތުގެ އަސްލު މަގުސަދު ހާސިލުވާން ފެށި އެވެ. މީހުންގެ މެދުގައި އޮތް ރަހުމަތްތެރިކަން އިތުރަށް ވަރުގަދަވެގެން ދިއުމަށް މިކަމުން އެހީތެރިވި އެވެ.

ތަފާތު ތަށިބަރިތަކުގެ ވާހަކަދެކެވޭއިރު، ނިމިދިޔަ ރޯދަ މަހު އެންމެ ގިނަ ބައެއް ލޯތައް ހުއްޓުނީ އެއް ތަށިބަރިއަކަށެވެ. މި ތަށިބަރިއަކީ މި ހަރަކާތް ފެށި އަދި ހަރަކާތުގެ ފޯރި އެންމެ ގަދަ ޓުވިޓާގައިވެސް އެންމެ ހިނގި ތަށިބަރިއެވެ. މިއީ ޝަފިއްޔާގެ ތަށިބަރި އެވެ.

އާންމުކޮށް މި ތަށިބަރިތައް މީހުން ހަދިޔާކޮށް އުޅުނީ ގާތް މީހަކަށް ނުވަތަ ކޮންމެވެސް ގޮތަކުން އިނގޭ މީހާކަށެވެ. ޝަފިއްޔާގެ ތަށިބަރިއަށް ސަމާލުކަން ލިބުނީ އޭނާ އެ ތަށިބަރި ހަދިޔާކުރީ ދަންނަ ނުވަތަ ގާތް މީހަކަށް ނުވުމުންނެވެ. ހޮޓެލް ޖެންގައި އެސިސްޓެންޓް ޑިރެކްޓާ އޮފް ސޭލްސްގެ މަގާމު އަދާކުރާ ޝަފިއްޔާ، އޭނާގެ ތަށިބަރި ހަދިޔާކުރީ އެފަދަ ތަށިބަރިއަކަށް އެންމެ ބޭނުންވެފައިވާ މީހަކަށެވެ.

އެސްޓީއޯ ސުޕާމާކެޓްގެ ބޭރު ފާރުބުރި މަތީ އިށީދެލައިގެން އިން އަންހެނަކަށް އޭނާގެ ތަށިބަރި ހަދިޔާކުރި އެވެ. ތަށިބަރި ހަދިޔާކުރުމަށްފަހު ޝަފިއްޔާ ވަނީ އިންސްޓަގުރާމްގައި އެމީހާއާއެކު ނަގާފައިވާ ފޮޓޯއެއްވެސް އާންމުކޮށްފަ އެވެ. ގިނަ ބައެއް ޝުކުރާއި ހެޔޮ ދުއާ އޭނާއަށް ލިބެން ފެށި އެވެ.

ކުރީގައި ދިވެހިން ތަށިބަރި ނުވަތަ ކާއެއްޗެހި ދީ އުޅުނު އުސޫލުތަކަށް ބަލާނަމަވެސް ނިކަމެތިންނާއި ފަގީރުންނަށް އިސްކަންދެ އެވެ. ފުއްދުންތެރި މީހުންގެ އެހީ އެންމެ ބޮޑަށް ބޭނުންވެފައިވާ ބަޔަކީ އެމީހުން ކަމަށް ފެންނާތީ އެވެ. މިހެން މިކަން އޮތް ނަމަވެސް ގާތް ރަހުމަތްތެރިންނާއި ތިމާގެ މީހުނަށް ތަށިބަރިއެއް ހަދިޔާކުރުމުން އެއަކު ވަކި ގޯހެއް ނެތެވެ. މަގުސަދަކީ އެއް މަގުސަދެކެވެ. ހެޔޮ ނިޔަތެއްގައި މީހަކު އުފާކޮށްލުމެވެ.