ވިޔަފާރި

ރޯދަ މަހު މުދަލުގެ އަގު ހެޔޮކުރީ ރެޑްވޭވް

Jun 15, 2018
1

އަގުތައް ކޮންޓްރޯލް ކުރުމަށް އާއްމުކޮށް މަސައްކަތް ކުރަނީ ސަރުކާރުންނެވެ. ނުވަތަ ސަރުކާރު ކުންފުނިތަކެވެ. ނަމަވެސް ނިމިދިޔަ ރޯދަ މަހު ރެޑްވޭވުން ވަނީ އާއްމު ފަރުދުންނަށް ބޭނުންވާނެ މުހިންމު ބާވަތްތައް ހެޔޮކޮށް ވިއްކަން ހާއްސަ މަސައްކަތްތަކެއް ކޮށްފަ އެވެ. މީގެ ނަތީޖާއަކީ ބާޒާރުގެ އަގު ހެޔޮ ކުރަން ރެޑްވޭވްގެ ދައުރު ފުޅާކޮށް ވަރުގަދަ ކުުރުމެވެ. މި ރޯދަ މަހު ފެނިގެން ދިޔައީ މިކަމެކެވެ.

"އަޅުގަނޑުމެންގެ މައިގަނޑު މަގުސަދަކީ ވެސް މިއީ. ރައްޔިތުންނާ ހަމައަށް އަގު ހެޔޮކޮށް ބާވަތްތައް ގެނައުން. އެކަން ނިމިދިޔަ ރޯދަ މަހު ވަނީ ކުރެވިފައި،" ރެޑްވޭވުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

އާއްމުންނަށް ވިއްކާ ބާވަތްތަކުގެ އަގު ހެޔޮ ކުރުމުގެ ގޮތުން ނިމިދިޔަ ރޯދަ މަހު ރެޑްވޭވުގެ ހުރިހާ ފިހާރަތަކުން ވަނީ ގިނަ ފިޔަވަޅު ތަކެއް އަޅާފަ އެވެ. މިގޮތުން ރޯދަ މަސް ފެށުމުގެ ކުރިން އާއްމުކޮށް ބޭނުންވާނެ ގިނަ ބާވަތްތަކެއް ވަނީ ގިނަ އަދަދަކަށް ގެނެސްފަ އެވެ. މިގޮތުން ކައްކާ ތެލުން ފެށިގެން ފިޔާ އަދި އަލުވި އާއި ބިސް ވެސް ހިމެނެ އެވެ. މިއީ ފާހަގަ ކުރަން ޖެހޭ ކަމެކެވެ. އަމިއްލަ ކުންފުންޏަކުން މި ވަރުގެ ބޮޑު މަސައްކަތެއް ކުރުމަކީ އާއްމުކޮށް ފެންނަ ކަމެއް ނޫނެވެ.

ތާޒާކޮށް އެކި ބާވަތްތައް ފޯރުކޮށްދިން

ރެޑްވޭވުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ އެ ކުންފުނީގެ 10 ފިހާރަގެ ވެސް މައިގަނޑު މަގުސަދަކީ ކޮލިޓީ އަދި ފެންވަރު ރަނގަަޅު ބާވަތްތައް ގެނެސްދިނުން ކަމަށެވެ.

"ބައެއް ފަރާތްތަކުން މި ރޯދަ މަހު ގެނައި ފިޔާ އަދި އަލުވި އާއި ބިސް ހަލާކުވެފައި ހުރީ. އެކަމަކު އަޅުގަނޑުމެން [ރެޑްވޭވް] ގެ އަމާޒަކަށްވީ ރަނގަޅުއެއްޗެއް ގެނެސްދިނުން. އެގޮތަށް ބަލައިގެން ގެނެވުނު ޝިޕްމަންޓްތަކުން ހަލާކު ވުމުގެ މައްސަލައެއް ނުޖެހޭ،" އޮފިޝަލް ވިދާޅުވި އެވެ.

މާލެ ބާޒާރު ކޮންޓްރޯލް ކުރި

ރޯދަ މަހަށް ރެޑްވޭވުން ތައްޔާރުވެ ކުރި މަސައްކަތްތަކުގެ ނަތީޖާއަކީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭ މާލޭގެ އާބާދީ އަށް ބޭނުންވާނެ ގިނަ ބާވަތްތަކެއް ގެނެސްދިނުމެވެ.

ރެޑްވޭވުން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ އެ ކުންފުނިން އެތެރެކުރި ގިނަ ބާވަތްތަކަށް މި ރޯދަ މަހު ވަރަށް ބޮޑު ޑިމާންޑެއް އުފެދުނު ކަމަށެވެ.

"ކިރާއި ޗީޒް ފަދަ ބާވަތްތަކަށް ހީވެސް ނުކުރާ ވަރުގެ ޑިމާންޑެއް އޮތް،" އޮފިޝަލް ވިދާޅުވި އެވެ.

އަގުތައް މަތިވެގެންދާ ރޯދަ މަސް މިވަނީ ނިމިފަ އެވެ. ރޯދަ މަސް ނިމިގެން ދިޔައިރު، މި އަހަރު އެންމެ ފާހަގަވި އެއް ކަމަކީ މި ރޯދަ މަހު ބާޒާރުގެ އަގު ކޮންޓްރޯލް ކުރުމުގައި ރެޑްވޭވް ކުރި މަސައްކަތެވެ. މީގެ ނަތީޖާވެސް ވަނީ ފެނިފައޭ ބުނެވިދާނެ އެވެ.