ވިޔަފާރި

ރެޑްވޭވް އިން އަގު ހެޔޮކޮށް ފިޔާ، އަލުވި، ބިސް ވިއްކަން ފަށައިފި

ރެޑްވޭވްގެ ފިހާރަ ތަކުން ރޯދަ މަހާ ދިމާކޮށް، އަގު ހެޔޮކޮށް ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށައިފި އެވެ.

ރެޑްވޭވް އިން ވާހަކަ ދެއްކެވި ސީނިއަ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނީގެ ފިހާރަތަކުން ބިސް ވިއްކަނީ ބާޒާރުގައި މިހާރު ވިއްކާ އެންމެ ހެޔޮ އަގުގައި ކަމަށެވެ. އެގޮތުން ރެޑްވޭވްގެ ފިހާރަތަކުން ބިހެއް ވިއްކަނީ 1.50ރ. އަށެވެ. އަދި ފިޔާ އަދި އަލުވި ކިލޯއެއް ހަތް ރުފިޔާ އަށް ލިބޭނެ އެވެ.

"ރޯދަ މަހަށް ވިއްކާ މި ބާވަތްތައް ހުސްނުވެ ލިބެން ހުންނާނެ. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބޭނެ އިންތިޒާމު ހަމަޖައްސަން. އަޅުގަނޑުމެންނަކީ ސަރުކާރު ކުންފުނިތައް ގޮތަށް ބިމު ކުލި ހިލޭ ލިބޭ ބައެއް ނޫން. ބޮޑު ކުލި ދައްކައިގެން މި އުޅެނީ އެކަމަކު ސަރުކާރު ކުންފުނިތަކަށްވުރެ ހެޔޮކޮށް މި ވިއްކަނީ. މިއީ ތަފާތަކީ،" އޮފިޝަލް ވިދާޅުވި އެވެ.

ރޯދަ މަހު އެންމެ ބޮޑަށް ޑިމާންޑް އުފުލިގެންދާ އެއް ބާވަތަކީ ފިޔާ، އަލުވި އަދި ބިހެވެ. މިދިޔަ ރޯދަ މަހު ފިޔާ، އަލުވި އަދި ބިސް އަގު ބޮޑުވެގެން ދިޔައިރު ބާޒާރުގައި އަގު ހިފެހެއްޓުމުގައި ރެޑްވޭވް އިން ވަނީ މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

ރެޑްވޭވް އިން ދަނީ ރޯދަ މަހާ ދިމާކޮށް އެ ކުންފުނީގެ 11 ފިހާރައެއްގައި ހާއްސަ ސޭލެއް ފަށާފަ އެވެ. ސޭލްގައި ހުރިހާ މުދަލަކުން 10-70 ޕަސެންޓާއި ދެމެދުގެ މިންވަރެއް ވަނީ ހެޔޮކޮށްފަ އެވެ.