ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ގެންނަން އެމްޑީޕީން ފަށާފައިވާ ކެމްޕޭނުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ވަރަށް ފޯރިއާ އެކު ގެންދާނެ ކަމަށާއި ވަރަށް އަވަހަށް ނަޝީދުވެސް ރާއްޖެ ވަޑައިގެން އެ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް އެމްޑީޕީން
ބުނެފި އެވެ.
އެމްޑީޕީން މިރޭ ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދު ހޮވުމަށް "ޖަޒީރާ ރާއްޖެ" ނަމުގައި އެޕާޓީން ކުރިއަށްގެންދާ ކެމްޕޭން ރަސްމީކޮށް ފަށާފަ އެވެ.
މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި މިރޭ ކުރިއަށްދާ ޖަލްާގައި މި ކެމްޕޭން ތައާރަފްކޮށްދެއްވަމުން ނަޝީދުގެ ކެމްޕޭން މެނޭޖަރު، އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މިރޭ މި ފަށައިގަތް ކެމްޕޭން ވަރަށް ފޯރިއާއެކު މުޅި ރާއްޖޭގައި ކުރިއަށްގެންދާނެ ކަމަށެވެ. ކެމްޕޭން ހަރަކާތްތައް ވެސް މިހާރު އެ ޕާޓީގެ ކެމްޕޭން ކޮމިޓީން ރާވާފައިވާ ކަމަށާއި އެކަންކަން ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި އެމްޑީޕީން މި ފެށި ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ނަޝީދުވެސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ އެވެ. އަދި ކެމްޕޭނުގައި އަމަލީގޮތުން ބައިވެރިވެ، ރައްޔިތުންނާވެސް ބައްދަލުކުރައްވާނެ އެވެ.
"ރައީސް ނަޝީދަކީ އަބަދުވެސް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ހާލު ބައްލަވާ ބޭފުޅެއް. އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގްބަލެއްގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެން މި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން މިރޭ މި ފެށި ކެމްޕޭނާ އެކު ނަޝީދުގެ މެނިފެސްޓޯގައި ހިމަނަން ބޭނުންވާ ކަންތައްތަކަށް އާންމުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން އެމްޑީޕީން ފެށިއިރު، ރައީސް ނަޝީދަކީ ރައީސް ކަމުގެ ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. ހަމަ އެއާ އެކު އެމްޑީޕީވެސް ހިމެނޭ އިދިކޮޅު ސިޔާސީ ޕާޓިތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ދަނީ ކޮމަން ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ވެސް ކުރަމުންނެވެ.