ހަބަރު

ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ގެނައި އިސްލާހު ބާތިލްކުރަން އަނެއްކާވެސް ހައި ކޯޓަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ގޮތުން އެ ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން އަނެއްކާވެސް ހައި ކޯޓަށް ހުށަހަޅައިފި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ވަކީލް ޝާހީން ހަމީދާއި އިތުރު ދެ ވަކީލެއްގެ ފަރާތުން އެ މައްސަލަ ކުރިން ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުގެ ރެޖިސްޓްރާ އޭރު ނިންމެވީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. ނަމަވެސް ރެޖިސްޓްރާގެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނާތީ އެ ތިން ވަކީލުންގެ ފަރާތުން މިހާރު އެ މައްސަލަ ހުށަހެޅީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށެވެ.

އެ އިސްލާހު ބާތިލްކުރަން ހައި ކޯޓަށް ހުށަހަޅާފައިވާއިރު އެ އިސްލާހުގެ ދަށުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސް ކޮށްފަ އެވެ. އަދި އުއްތަމަ ފަނޑިޔާރަކަށް އަބްދުﷲ ސައީދު މިހާރު ވަނީ އައްޔަންކޮށްފަ އެވެ.

ފާއިޒާއި މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރަން އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކުރަން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ނަގައިފަ އެވެ.