ލައިފްސްޓައިލް

ފަލަވާތީ ގަތް ދުވާ މެޝިނުން ހިކެނީ ތުވާލި!

މީރު ފޮނި އެއްޗެއް ކާ ހިތްވަނީ އެވެ. ހޫނު ބިރިއާނީއެއް ވެސް އޯކޭ އެވެ. އާ ރެސްޓޯރަންޓެއް ނުހުޅުވާ ހެއްޔެވެ؟ އެކަމަކު ފަލަ ވަނީ ވެސް އެހާ ބޮޑަށެވެ. ކާން ނުގޮސް ދާންވީ ދުވާށެވެ. ކެއުން މަދުކޮށްލައި ދުވެ ކަސްރަތު ކުރަން ފަށާނީ އެވެ. ޗަސް ބަނޑު ހިންދާލައި ހިިކެން ދެން ކޮންމެ ދުވަހަކު ދުވަން ދާނަމެވެ. ކެއުމަށް ރަނގަޅު ބަދަލެއް ގެނެސް، ތަރުކާރި އާއި މޭވާ ނޫނީ ނުކާ ނަމަވެ. ފިޓްވެލައި ކަންނެތްކަން ފިލުވާލައި މުރާލިވާނަމެވެ! ހަށިގަނޑު ރީތިކޮށްލައި ސްމާޓް ފިޓް ގަމީސް ލީމާ ވަރަށް ސަޅިވާނެ އެވެ.

އެ ހިޔާލުގައި އެއްވެސް ހަރަކާތެއް ނުކޮށް ލޮޑުކަންމަތީ އެނދުމަތީ އޮށޯވެލައިގެން އިރުކޮޅެއް ވަންދެއް އޮވެވެ އެވެ. ކަސްރަތު ކުރުމަށާއި ދުވަން ދާން ވަރަށް ފޯރި އަރަ އެވެ. ހިކެން ވަރަށް މޯޓިވޭޓް ވެއެވެ. ނަމަވެސް އެ ހިޔާލު ބަދަލުވަނީ އެނދު މަތީން ތެދުވެ، ހަގީގަތުގައި ވެސް އެކަން ކުރަން ޖެހޭ ހިސާބުންނެވެ. ކޮންމެ ދުވަހަކު ބޭރަށް ދުވަން ދިއުން ވަނީ ބޮޑު ބުރައަކަށެވެ. މޫސުން އެހާ ރަނގަޅެއް ނޫނެވެ. މީހުން އެހާ ގިނަވާނެ އެވެ. ވަގުތެއް ވެސް ނުވާނެ އެވެ!

އެހެން ދުވަހެއްގައި ޝޮޕިންއަށް ނުކުމެ އުޅެނިކޮށް ލޮލުގައި އަޅައި ގަންނަނީ އެ ހުރިހާ މައްސަލައަކަށް އޮތް ހައްލެވެ! ފިހާރައެއްގެ އެއްފަރާތެއްގައި ބަހައްޓާފައި ހުރި ފަހުގެ ދުވާ މެޝިނެކެވެ. އޭގެ ކައިރީ ލޭބަލްގައި ތަތްކޮށްފައި ހުރި މީހާވެސް ފިޓެވެ. ފިޓުވާން އޮތް ގޮތަކީ އެއީކަން ހިޔާލަށް ގެނެވެ އެވެ. މި މާ ފަސޭހަ ގޮތެކެވެ. އެ ބަހައްޓާނީ ގޭގަ އެވެ. އެއްވެސް މައްސަލައެއް ނޯންނާނެ އެވެ. ދުވާކަށް އެއްވެސް ހުރަހެއް ނެތެވެ. މީހުން ތެރެއަށް ދާކަށް ނުޖެހޭނެ އެވެ. ބޭނުން ކޮންމެ އިރަކު ދުވަންވީ އެވެ. ކުރިން ކުރެވުނު ހިޔާލުތައް އަނެއްކާ ވެސް ތާޒާވާން ފަށަނީ އެވެ. މިއީ ހިކެން ރަނުގެ ފުރުސަތެކެވެ. އަގު ބޮޑަސް ގަންނާނީ އެވެ. އެ ދުވާ މެޝިނު ގަނެގެން ގޮސް ގޭގައި ބަހައްޓާނީ އެވެ. ދެން ދުވާނީ އެވެ. ހިކިލައި ފިޓްވީމާ ސަޅިވާނެ އެވެ.

ދުވާ މެޝިނު ގަނެ ގޭގައި ބަހައްޓައި ރާވާލުމަށް ފަހު އަރަނީ ޓެސްޓް ކޮށްލާށެވެ. ވަރަށް ފައްކަލެވެ. ދެން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވިދާނެ އެވެ. ވަރަށް ގިނަ ރޭވުންތައް ރޭވުމަށް ފަހު ކަސްރަތު ކުރާނެ ޓައިމް ޓޭބަލެއް ލިޔެ ދުވާ މެޝިނު ކުރިމަތީ ފާރުގައި ހިތްޕީ އެވެ. އެއާއެކު ރަނގަޅު ޑައިޓު ޕްލޭންއެއް ގޫގުލްކޮށް އެ ވެސް ފޯނަށް ސޭވްކޮށްލީ އެވެ.

ކޮންމެ ދުވަހަކު ވެސް ލަހުން ހޭލެވުމުން އޮފީހަށް ނުކުތުމުގެ ކުރިން ދުވާ މެޝިނަށް ބަލާލުމަށް ފަހު އޮފީސް ނިންމާފައި ގެއަށް އައިސް ދުވެލާން ނިންމެ އެވެ. ނަމަވެސް އޮފީހުން އައިސް ވަންނަ އިރު ވެފައި ހުންނަ ވަރުބަަލިކަން މާ ބޮޑެވެ. ދެން އެހެން ދުވަހަކަށް ހަދާލަނީ އެވެ. ނަމަވެސް ދުވާ މެޝިނު ގަތްތާ މަހެއްވީ އިރުވެސް މެޝިނުމައްޗަށް އަރައިލެވޭކަށް ވަގުތެއް ވެސް ހިތްވަރެއް ނުލިބު އެވެ. ބޮޑު އަގުގައި ގަތް އެ މެޝިނާ ދިމާލަށް ބެލިއަކަސއް ނުއެއް ހިކެ އެވެ.

ނަމަވެސް ދުވާ މެޝިނު ގެއަށް "ވަތން" ތާ ހަފުތާއެއް ވީއިރު ގޭގައި އަޅާފައި އޮންނަ ތެތް ތުވާލި ތަކާއި ހެދުންތަކާއި ބޮކްސާތަކާއި އެފާޑުގެ އެހެން ވެސް އެތެރެ ހެދުންތައް އޭ މަތީގައި ހިތްކަން އަޅަން ފަށައިފި އެވެ. ބޭކާރު ގޮތަކަށް ގެއިން ޖާގައެއް ދީގައި ބެހެއްޓުމަށް ވުރެ، ހިއްކާ އެއްޗެއްސާއި ދާއެއްޗެހި އެޅުވުން ވެސް އަންހެނުންނަށް މާ ރަނގަޅުވެ އެވެ. އެ ގަތް މީހާ ނުހިކުނު ނަމަވެސް އޭގައި އަޅުވާލާ ތެތް ތުވާލި ގައިމަށް ހިކޭނެ ނޫން ހެއްޔެވެ.

ކަސްރަތު ކުރެވޭނީ ބޮޑެތި މެޝިނާއި ރީތި ބޫޓާއި މޮޅެތި ޓައިމް ޓޭބަލް ހަދައިގެނެއް ނޫނެވެ. އެއީ ގިނަ ބަޔަކަށް ވަރަށް ބޮޑަށް އޮޅިފައި އޮންނަ ކަމެކެވެ. އެއިން އެއްވެސް ސަމާނެއް ނެތަސް ފުދޭނެ އެވެ. ބޭނުން ވަނީ ވަރުގަދަ އަޒުމަކާ ހިތްވަރެކެވެ. އެ އޮތިއްޔާ ހުސް ކޮޓަރިގަނޑުގައި ކަނުން ކަނަށް ހުސް ފައިގައި ދުވެގެން ވެސް ބޭނުން ވަރަށް ފިޓްވެ ސްމާޓް ފިޓް ގަމީސް ލެވިދާނެ އެވެ.