ފެޝަން

އަނެއްކާވެސް ރީތީ ގޮޅިޖެހި ގަމީސް!

Jun 16, 2018
2

ފެޝަންގެ އެތައް އިންގިލާބުތަކެއް ގެނައި ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި އެންމެ ހިނގި އަދި އެންމެ ގިނަ ބަޔަކު ގަޔާވި އެއްޗަކަށް ގޮޅި ޖެހި ގަމީސްވި އެވެ. ގޮޅި ބޮޑެތި ގަމީހާއި ގޮޅި ކުދިން ގަމީސްމެ އެވެ. އޭރު ގޮޅި ޖެހި ގަމީސް އުދުހުމަށްފަހު، އަނެއްކާވެސް އޭގެ ކުލަ ފަނޑުވި އެވެ. އެއަށްފަހު އަތް ކުރި ގޮޅި ޖެހި ގަމީސް ރާއްޖޭގައި ވެސް ގިނަވި އެވެ. އެކަމަކު އެއީ ޒުވާނުން މާ ގަޔާވި އެއްޗެއްކަަށް ނުވި އެވެ. ބައެއް ފިރިހެން ކުދިން "ބައްޕަ ވައްތަރު ގަމީސް"ގެ ގޮތުގައި ނަން ވެސް ދިނެވެ.

ގޮޅި ޖެހި ގަމީހަކީ ބައްޕަގެ އެއްޗެއް ކަމަށް ދެކިގެން ތިބި އަދުގެ ޒުވާނުން އާޝޯހުކޮށްލީ ގޮޅި ޖެހި ރީތި ކުލަކުލައިގެ އަތް ދިގު ގަމީސްތައް ވައިގައި ހިފައިގެން ދިޔުމުންނެވެ. ނަލަ ފިރިހެނެއް ވިއްޔާ އަތް ދިގު ގޮޅި ޖެހި ގަމީހެއް ލާންޖެހޭ ހިސާބަށް ކަންތަންގަނޑު 2014 އިން ފެށިގެން ގަދަވި އެވެ.

އަންނައުނު ވިއްކާ ކޮންމެ ފިހާރައެއްގައި ވެސް އެއްޗަކީ ގޮޅި ޖެހި ގަމީހެކެވެ. މަޑު ފޮއްޗެއްގެ އެ ވައްތަރުގެ ގަމީސް ވެގެން ދިޔައީ ޒުވާނުން ވަރަށް ގަޔާވި ވަރަށް "ޓަފް" ގަމީހަކަށެވެ. އެންމެން ވެސް އުޅެގަތީ އެއާ ނުނެއްޓިގެންނެވެ.

ފެޝަނަކީ ދެ ދުވަހު އެއް ގޮތަކަށް އޮންނާނެ އެއްޗެއް ނޫނެވެ. އެގޮތުން މާ މަޝްހޫރުވި ގޮޅި ޖެހި ގަމީހަށް ވެސް ހިޔަންޏެއް އުޅެނެވެ. ގޮޅި ޖެހި ގަމީހެކޭ އެއްގޮތަށް މާޖެހި ގަމީހަކީ ދޭތެރެ ދޭތެރެއިން ވައިގައި ހިފާލާ އެއްޗެކެވެ. ގޮޅި ޖެހި ގަމީސް މާ މަތީގައި އުޅެނިކޮށް އެ ގަމީސް ތިރިއަށް ގެނައީ މާޖެހި ގަމީސްތަކެވެ. އަތްކުރު މާޖެހި ގަމީހެވެ. އޭގެ އިތުރަށް ކުރުތާއަށް ޒުވާނުންގެ ހިތް ދަމައިގަތުމުން ވެސް ގޮޅި ޖެހި ގަމީހުގެ ޑިމާންޓް ކުޑަވެގެން ދިޔަ އެވެ.

އެކަމަކު އަނެއްކާވެސް މިއޮތީ ގޮޅި ޖެހި ގަމީސް މިއޮތީ މާޖެހި ގަމީހާއި ކުރުތާ މާ ފަހަތަށް ޖައްސާލާފަ އެވެ. "ސްޕްރީމް" ބްރޭންޑްގެ ގޮޅި ޖެހި ގަމީސްތައް ހަމަ ފައްކަލީ އެވެ. އޭގައި އަވައިގައި ޒުވާނުން ޖެހެމުން ދަނީ އެހެނެއް ނޫނެވެ.

އީދަކީ އަބަދުވެސް ރީތި އާ ހެދުން ގަންނަ ދުވަހެކެވެ. އަންނައުނު ފިހާރަތައް އާކޮށްލާ ދުވަސްވަރެކެވެ. މާލޭގެ މަޖީދީ މަގުގެ ފިހާރަތައް ބޭރުން ނިކަން ބަލާލަބަލާށެވެ. ފެންނާނީ އަތް ދިގު ގަމީހެވެ. އެކި ކުލަކުލައިގެ އެކި ގޮތްގޮތުގެ ގޮޅިތައް ޖަހާފައިވާ ހިތްގައިމު ގަމީސްތަކެވެ.

މިހާރު ފިހާރަތަކަށްވުރެ ފޭސްބުކް ޕޭޖްތަކުން ވިޔަފާރިކޮށްލާ ޒުވާނުން ގިނަ އެވެ. އެއިން ކޮންމެ ޕޭޖަކަށް ވަދެ ބަލާލިޔަސް އެންމެ ގިނަ ލައިކްސް ލިބިފައި ހުންނަތަން މި ފެންނަނީ މަޑުމަޑު ގޮޅި ޖެހި ގަމީސްތަކަށެވެ. އޭގެ ފޮޓޯއެއް ވައްޓާލާއިރަށް ސައިޒާއި އަގު އެހުމަށް އެންމެން އަރައިގަނެވެ.

މިވަރުގެ ވެގެން ދިޔައީ އަނެއްކާވެސް ހަމަ ބުނަން ޖެހޭނީ ގޮޅި ޖެހި ގަމީހުގެ ބާރާއި ނުފޫޒު އަނެއްކާވެސް ޒުވާނުންގެ މެދުގައި ގަދަކޮށް ބަޒާރުގައި މަތީ މަގާމެއް ހޯދައިފި ކަމެވެ.