ހަބަރު

މައުމޫން ޖަލަށް ލުމުން ރިޔާސީ އިންތިހާބާ މެދު އެމެރިކާއިން ސުވާލު އުފައްދައިފި

Jun 15, 2018
10

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު އަލީ ހަމީދު ޖަލަށްލާން ކުރި ހުކުމުގެ ސަބަބުން އެނގިގެން ދަނީ ރާއްޖޭގައި މިނިވަން ރިޔާސީ އިންތިހާބެއް ބާއްވަން ސަރުކާރުން ފުރުސަތު ދޭން ބޭނުން ނުވާކަން ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް މައުމޫން އާއި ދެ ފަނޑިޔާރުން ޖަލަށްލާން ހުކުމް ކުރީ އިންސާފުވެރި ޝަރީއަތެއްގައި ފުރިހަމަވާން ޖެހޭ ވަރަށް ގިނަ އިޖުރާއަތްތަކެއް ފުރިހަމަ ނުކޮށް ކަމަށެވެ. އެގޮތުން ތުހުމަތު ކުރެވޭ ފަރާތްތަކަށް މައްސަލައިގައި ދިފާއުވުމަށް ދޭން ޖެހޭ އެކަށީގެންވާ ފުރުސަތުތައް ދީފައި ނުވާ ކަމަށް އެމެރިކާގައި ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އެ ތިން ބޭފުޅުންގެ މައްޗަށް ހިންގި ޝަރީއަތުގައި ލޯޔަރުން ހޯދުމަށް އެކަށީގެންވާ ފުރުސަތު ދީފައި ނުވާ ކަމަށާއި ދިފާއީ ހެކިންގެ ހެކިބަސް ވެސް ނަގާފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.

އެމެރިކާއިން ބުނީ މި ޝަރީއަތްތައް މި ގޮތަށް ހިންގާފައި ވާތީ، ގާނޫނުގެ ވެރިކަން ރާއްޖޭގައި ދަމަހައްޓަން ސަރުކާރުން ބޭނުންވާ ކަމާ މެދު މިހާރު ސުވާލު އުފެދޭ ކަމަށެވެ.

"މި ޝަރީއަތްތަކުގެ ސަބަބުން، ދިވެހި ރައްޔިތުން ބޭނުންވާ ފަދަ އަދި ބައިނަލްއަގުވާމީ މުޖުތަމައުން ވެސް ގޮވާލާ ފަދަ މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް ދިވެހި ސަރުކާރުން ފުރުސަތު ދޭނެ ކަމަކަށް ނުބެލެވެ އެވެ،" އެމެރިކާގެ ބަޔާނުގައިވެ އެވެ. "ގާނޫނީ ވެރިކަން ދެމެހެއްޓުމަށާއި ގާނޫނުތަކުން ލިބިދޭ އެންމެހާ ރައްކާތެރިކަން ހުރިހާ ރައްޔިތުންނަށް ލިބި ދިނުމަށާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ މިނިވަންކަމާ އެކު ހިނގުމަށް ފުރުސަތުދީ ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމް ކުރުމަށް ރައީސް އަބްދުﷲ ޔާމީންއަށާއި ދިވެހި ސަރުކާރަށް އެމެރިކާއިން ގޮވާލަމެވެ،"

އެމެރިކާގެ ބަޔާނުގައި އަދި ބުނީ، ހުރިހާ ސިޔާސީ ކުށްވެރިން މިނިވަންކޮށް، އެ ޕާޓީއަކުން ބޭނުންވާ ކެންޑިޑޭޓަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ކެމްޕޭން ކުރުމަށް ހުރަސް ނޭޅުމަށާއި އެންމެ ފުޅާދާއިރާއެއްގައި ކެމްޕޭން ކުރުމުގެ ފުރުސަތު ދޭން ޖެހޭކަމަށް ވެސް ބަޔާނުގައިވެ އެވެ.

އިންޑިއާއިން ވެސް ވަނީ މައުމޫންގެ މައްޗަށް އިއްވި ހުކުމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ހުކުމުގެ ސަބަބުން ރާއްޖޭގައި މިއަހަރު ބާއްވާ އިންތިހާބުގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އެ ގައުމުން ވަނީ ބުނެފަ އެވެ.