ވިޔަފާރި

ޗައިނާ މާކެޓަށް ހާއްސަކޮށް މަޓާޓޯ އިން ޓޫރިޒަމް ފެއާއަކަށް

Jun 16, 2018
1

ޗައިނާ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ހޮންކޮންގްގައި ކުރިއަށްދާ ޓޫރިޒަމް ފެއާއެއްގައި ބައިވެރިވެއްޖެ އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާއިން ބައިވެރިވަނީ ހޮންކޮންގައި ކުރިއަށްދާ، އިންޓަނޭޝަނަލް ޓްރެވަލް އެކްސްޕޯ (އައިޓީއީ) ގަ އެވެ. މިގޮތުން މަޓާޓޯގެ އިސް ނެގުމަކާއެކު ދިވެހި ފަސް ކުންފުންޏަކުން މިފެއާގައި ބައިވެރިވަމުން އެބަދެއެވެ.

މަޓާޓޯއިން ބުނީ މިމަހުގެ 14- 17 އަށް ކުރިއަށްދާ މި ފެއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް މާކެޓު ކަމަށްވާ ޗައިނާ މާކެޓަށް ހާއްސަކޮށްގެން ކުރިއަށްދާ ފެއެއް ކަމަށެވެ.

ހޮންކޮންގުގެ ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދާ މި ފެއާގައި ޗައިނާގެ ޓޫރިޒަމްމާއި ވިޔަފާރީގެ އެކި ދާއިރާތަކުން 12000 މީހުން ބައިވެރިވެފައިވެ އެވެ.

މަޓާޓޯއިން ރާއްޖެ އިޝްތިހާރު ކުރުމަށް މި އަހަރު ހަ ފެއާއެއްގައި މިހާތަނަށް ބައިވެރިވެފައިވެ އެވެ. އަދި އެ ޖަމިއްޔާއިން ދަނީ އަންނަ މަހުގެ 26-27 ގައި ސްރީލަންކާގައި އޮންނަ އެގްޒިބިޝަންއެއްގައި ވެސް ބައިވެރިވާން ތައްޔާރުވަމުންނެވެ.