ކުޅިވަރު

އައިސްލެންޑްގެ ފުޓްބޯޅަ ބަދަލުކޮށްލީ ދަތުގެ ޑޮކްޓަރެއް

މީގެ ދެ އަހަރު ކުރިން، ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރުކޮށް އާބާދީގައި 350،000 މީހުން ހިމެނޭ އައިސްލެންޑުން ދުނިޔެ ސިއްސުވާލި އެވެ. އަދި މިހާރު ކުރިއަށްދާ ވޯލްޑްކަޕަށް އެ ޓީމު ކޮލިފައި ވުމަކީވެސް ދުނިޔެ ހައިރާން ކޮށްލި ކަމަކެވެ.

އެ ކާމިޔާބުގެ ފަހަތުގައި ހުރީ އެ ގައުމުގެ ހާމިއޭ ހޯލްގްރިމްސަން އެވެ. އޭނާ އަކީ ދަތުގެ ޑޮކްޓަރެކެވެ. ފުޓްބޯޅައާ މެދު އޭނާގެ ޝައުގުވެރިކަން އަބަދުވެސް އޮތެވެ. އޭނާގެ ޕްރޮފިޝަން އަކީ ޑެންޓިސްޓަކަސް، ފުޓްބޯޅައަކީ އޭނާގެ ފުރަތަމަ ވަޒީފާ އެވެ.

އައިސްލެންޑްގެ ކޯޗަކަށް ސްވިޒަލޭންޑްގެ ލާސް ލާގާބެކް 2013 ވަނަ އަހަރު ހަމަޖެއްސި އެވެ. އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯލްގްރިމްސަން އަށް ލިބުނެވެ. އެ ފުރުސަތުގެ ބޭނުން ހިފައި ފުޓްބޯޅައާ ސީދާ ގުޅުން ހުރި ވަޒީފާއަށް އޭނާ ވަނެވެ. އޭގެ ކުރިންވެސް ފުޓްބޯޅައިގައި އޭނާގެ ސާމިލުވުން އޮތެވެ.

"އެއީ ހިތްހަމަ ޖައްސާލުމަށް ރަނގަޅު ކަމެއް،" އޭނާގެ ޑެންޓަލް ޕްރޮފިޝަން އާ ބެހޭޣޮތުން ނިއުޔޯކް ޓައިމްސްއަށް ދީފައިވާ އިންޓަވިއުގައި ހޯލްގްރިމްސަން ބުނެފައި ވެއެވެ.

"ހުސް ވަގުތެއް ލިބުމުން ބައެއް ކޯޗުން ގޮސް ގޮލްފް ކުޅެލާ ހަދާ، އަނެއް ބަޔަކު ޝޫޓިން، ކޮންމެ ބަޔަކަށްވެސް ކޮންމެވެސް ކަމެއް އޮވޭ، ނަމަވެސް އަހަރެން އެންމެ ބޮޑަށް އެންޖޯއި ކުރަނީ އަހަރެންގެ ބަލިމީހުންގެ ގާތަށް ގޮސް އެމީހުންނަށް ފަރުވާ ދިނުމަށް."

ލާސް ލާގާބެކްގެ އެސިސްޓެންޓެއްގެ ގޮތުގައި ކުރަން ފެށި މަސައްކަތުން ފުޓްބޯޅައިގައި ގިނަ ކަންކަމެއް އޭނާ އަށް ދަސްވި އެވެ. ޔޫރޯ 2016 އާ ހަމައަށް ދިޔައިރު ހެޑް ކޯޗެއްގެ މަސްއޫލިއްޔަތު އުފުލޭ ވަރަށް އޭނާ ހުރީ ފައްކާ ވެފަ އެވެ.

ޔޫރޯގައި، އޭނާ މަސައްކަތް ކުރީ ލާސް ލާގާބެކް އާއެކު ޖޮއިންޓް ހެޑް ކޯޗެއްގެ ގޮތުގަ އެވެ. ޔޫރޯއަށް ފަހު ލާސް ލާޖަބެކް އައިސްލެންޑް ޓީމު ދޫކޮށްލުމުން، ހެޑްކޯޗުގެ ގޮނޑި އެކީއެކަށް އޭނާއަށް ލިބުނެވެ.

އޭނާގެ ކޯޗު ކަމުގެ ދަށުން އައިސްލެންޑް ވޯލްޑްކަޕަށް ކޮލިފައިވީ ގޫރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ. އެ ގުރޫޕްގައި ކޮރޭޝިއާއަށް ވެސް ހިމެނުނެވެ. އައިސްލެންޑަށް ވުރެ ބޮޑު ފުޓްބޯޅައިގެ ހުނަރުގެ ގޮތުންވެސް މުއްސަދި ގައުމެކެވެ.

ހޯލްގްރިމްސަންއަށް ހެޑް ކޯޗުގެ މަގާމު އޭނާ އަށް ލިބުމުން، ޓީމުގެ ގޭމް ސިސްޓަމަށް އޭނާ ބަދަލު ގެނެ އެވެ، އައިސްލެންޑް އާންމުގޮތެއްގައި ކުޅެނީ 4-4-2 ގެ ފޯމޭޝަނަށެވެ. ކޮލިފައިންގެ ބައެއް މެޗުތަކުގައި އޭނާ ވަނީ 4-5-1 ގެ ގޭމް ސިސްޓަމަށް ކުޅުވާފަ އެވެ.