ވޯލްޑް ކަޕް 2018

ތަޖުރިބާ މަދުވުމަކީ ފްރާންސަށް މައްސަލައެއް ނޫން

މިއަދު ފްރާންސާއި އޮސްޓްރޭލިޔާ ބައްދަލު ކުރާ މެޗްގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސްގައި ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝަމްޕްސްއަށް އެންމެ ބޮޑަށް އަމާޒުވި ސުވާލަކީ، އޭނާގެ ޓީމުގައި ވޯލްޑްކަޕުގެ ތަޖުރިބާ ހުރި ކުޅުންތެރިން މަދުކަމާ ހެދި ކުރިމަތިވާނެ ޗެލެންޖްތަކާ ބެހޭގޮތުން އެވެ. އެ ސުވާލުތައް ކިތަންމެ ވަރަށް އަމާޒުވިޔަސް އެކަމާ ބެހޭގޮތުން އޭނާ ބޭނުންވީ ހަނު ހުންނާށެވެ.

ފްރާންސް ޓީމުގެ 23 ކުޅުންތެރިންގެ ތެރެއިން ވޯލްޑްކަޕުގެ ތަޖުރިބާ ހުރި ކުޅުންތެރިންގެ ގޮތުގައި ތިބީ ހަ ކުޅުންތެރިންނެވެ. ވޯލްޑްކަޕު ކާމިޔާބު ކުރަން ނިކުންނަ ޓީމެއްގައި، ތަޖުރިބާކާރު ކުޅުންތެރިން މަދު ވުމަކީ މައްސަލަ ކުރިމަތި ވާދާނެ ސަބަބަކަށް ވެދާނެ ނޫންތޯ ސުވާލު ކުރުމުން، ޑެޝަމްޕްސް ބުނީ އޭނާގެ ކުޅުންތެރިންގެ ކިބައިގައި ކޮލިޓީ އެބަހުރި ކަމަށެވެ.

"އަހަންނަކަށް އެއްވެސް ރިސްކެއް ނެތް، އަހަރެން މި ކުޅުންތެރިން ނެގީ މި ކުޅުންތެރިންނަކީ މި ޓީމަށް އެންމެ ރަނގަޅު ވާނެ ކުޅުންތެރިން ކަމަށް ފެންނާތީ،" ފްރާންސަށް ވޯލްޑްކަޕު ހޯދައިދިން ކެޕްޓަން ބުންޏެވެ. "ސަބަބަކީ އެކަމަށް ބޭނުންވާ ކޮލިޓީ އެ ކުޅުންތެރިންގެ ކިބައިގައި އެބަހުރި."

ގޫރޫޕް "ސީ" ގައި ހިމެނޭ ފްރާންސްގެ ފުރަތަމަ މެޗުގައި، ރާއްޖޭގަޑިން މިއަދު މެންދުރު ފަހު 3:00 ގައި ނިކުންނާނީ އޮސްޓްރޭލިއާ ދެކޮޅަށެވެ. ޑެޝަމްޕްސް ބުނީ، އޮސްޓްރޭލިއާގެ ފަރާތުން އޭނާ އުންމީދު ކުރަނީ ވަރުގަދަ އަދި މެޗު ޑިސިޕްލިން ހިފަހައްޓައިގެން ކުޅޭ މެޗަކަށް ކަމަށެވެ.

ފްރާންސް ޓީމުގެ ވަނަވަރު

ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ބުނީ، އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަން ގަބޫލުކުރާ ކަމަށެވެ. އޮސްޓްރޭލިއާ އަކީ ދުނިޔޭގެ ރޭންކިންގެ 36 ވަނަ އެވެ. ފްރާންސް އަކީ ހަތް ވަނަ އެވެ.

"ދެ ޓީމުގެ ފަރާތުންވެސް ފެންނާނީ ވަރުގަދަ މެޗެއް، މިއީ ވަރަށް ވާދަވެރި ކުރިމަތި ލުކަށް ވާނެ، މެޗު ފެށިގެން ނިމެންދެން އަހަރެމެން ޖެހޭނީ އެކަމަށް ވިސްނައިގެން ތިބެން،" ތަޖުރިބާކާރު ކީޕަރު ބުންޏެވެ.

އޮސްޓްރޭލިއާ ޓީމުގެ ޕްރޮފައިލް

އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯ 2016 ގައި ފްރާންސް ހިމެނުނީ ފޭވަރިޓެއްގެ ގޮތުގަ އެވެ. ނަމަވެސް ފައިނަލުގައި ޕޯޗްގަލް އަތުން ބަލިވީ އިތުރު ވަގުތުގައި ޕޯޗުގަލްއިން ކާމިޔާބު ކުރި ލަނޑުން އެވެ. ލޮރިސް ބުނީ، ފްރާންސަކީ ޖަރުމަން އާއި ބްރެޒިލް އަދި ސްޕެއިން އާ އެއް ހަމައެއްގައި އޮތް ޓީމެއް ނޫން ކަމަށާއި ވޯލްޑްކަޕުގައި ފޭވަރިޓެއްގެ ގޮތުގައި ފްރާންސް ނުހިމެނޭނެ ކަމަށެވެ.

އޮސްޓްރޭލިޔާ އާއި ފްރާންސް ބައްދަލު ކުރާ މެޗް އޮންނާނީ، މިއަދު ރާއްޖެ ގަނޑިން، މެންދުރުފަހު 3:00ގަ އެވެ.